29 އޭޕްރީލް 2023 - 13:40 0
ބައިބަލާ ޗެމްޕިއަންކަން ހޯދި ޓީނޭޖް ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
29 އޭޕްރީލް 2023 - 13:40 0
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1444 ގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖުން ހޯދައިފި އެވެ.
ކޮންމެ ފިތުރު އީދެއްގައި ބާއްވަމުން އަންނަ ބައިބަލާ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ޓީނޭޖުން ހޯދީ ފައިނަލުގައި ހުޅުމާލެ ސްޕޯޓްސް ކުލަބު ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
މިއީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ޓީނޭޖުން ހޯދި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2001، 2004 އަދި 2017 ވަނަ އަހަރުވެސް ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހުޅުމާލޭގައި ކުރިއަށްދިޔަ ފޯރިގަދަ ބައިބަލާ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ގޭމު ގެންދިޔައީ ޓީނޭޖުންނެވެ. އެ ޓީމުން އެތެރެރިން ކުޅެ މި ގޭމް ގެންދިޔައީ 14-5 އިންނެވެ.
ދެވަނަ ގޭމުގެ އެންމެ ފަހު މިނެޓާ ހަމައަށް ކުރީގައި އޮތީ ފުރަތަމަ ފަހަރަށް ބައިބަލާ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. ނަމަވެސް, ފަހު ވަގުތު ޓީނޭޖުގެ އަހުމަދު މުހައްމަދު (އައްމަޑޭ) ވަނީ ބޭރުން އަރާ ތިން ކުޅުންތެރިން ގެންގޮސް ގޭމް އަނބުރާލައި މެޗުން ޓީނޭޖު މޮޅުކޮށްދީފަ އެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައްމަޑޭ އެެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައިވެސް އައްމަޑޭ ހިމެނެ އެވެ. މޮޅު ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ ޓީނޭޖްގެ އަސްލަމް ވަހީދާއި ޔުނައިޓެޑް އީސްޓް ކޯސްޓްގެ ހަސަން މާހިރު (ހަންޓޭ) އާއި ވީކޭ ސްޕޯޓްސްގެ މުހައްމަދު ނަޒީހު ހަނީފް އަދި ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ނިހާން އެވެ.
މި އަހަރުގެ މުބާރާތުގެ މިސްޓަ ބައިބަލާ އަކީ ހުޅުމާލެ ޓީމްގެ ޝިރުހާން މުސްތަފާ އެވެ.
34 ޓީމް ވާދަކުރި މުބާރާތުގެ ފައިނަލުން ޓީނޭޖު ޖާގަ ހޯދީ ސެމީ ފައިނަލުގައި ސެންޓްރަލް އީސްޓް ކޯސްޓް ބަލިކޮށްގެންނެވެ. ހުޅުމާލެ ފައިނަލުން ޖާގަ ހޯދީ ވީކޭ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ.
މިއަހަރުގެވެސް ބައިބަލާ މުބާރާތުގެ ޗެމްޕިއަނަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ދީފަ އެވެ. އަދި ދެވަނަ ހޯދި ޓީމަސް 40 ހާސް ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ދީފަ އެވެ.
1996 ވަނަ އަހަރުން ފެށިގެން ފިތުރު އީދާ ދިމާކޮށް ބާއްވަމުން އަންނަ ބައިބަލާ މުބާރާތް މިއަހަރު މި ބޭއްވީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ގަ އެވެ. ކޮވިޑު-19ގެ ސަބަބުން މިދިޔަ ދެ އަހަރު މި މުބާރާތް ބާއްވާފަ އެއް ނުވެ އެވެ.
Comment