29 އޭޕްރީލް 2023 - 00:40 0
މިރޭ ވަޒީރުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް
29 އޭޕްރީލް 2023 - 00:40 0
ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އެގައުމާ ރާއްޖެއާ ދެމެދު އިން ކަނޑައެެޅުމުން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުން ކުރިއަށް ވުރެ ފަސޭހަވާނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅީ މިއަދު އެވެ. އެ މައްސަލަ ނިންމުމުން، ރައީސް އޮފީހުގައި، ހުރިހާ ވަޒީރުންނާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކުރީގައި ރާއްޖޭގެ ދެކުނުން އިން ކަނޑަނޭޅި އޮންނާތީ އެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ފަރާތްތައް ފޮނުވައިލުމުގެ ހައްގު ރާއްޖެއަށް ނޯންނަ ކަމަށެވެ.
"އެހެން ވިޔަސް މިހާރު، ހަމަ ގައިމު ވެސް މިއަދު އެ ނިންމި ނިންމުމުން، އިމުގެ ސަރަހައްދު ރީއްޗަށް ކަނޑައެޅިގެން ދިޔައިމާ ދެން އެ ކަނޑުގެ ސަރަހައްދު، މިރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ބެލެހެއްޓުމަށް ހަމަ ގައިމު ވެސް ފަސޭހަވެގެން ދާނެ،" މާރިޔާ ވިދާޅުވި އެވެެ.
އެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އިޓްލޮސް އިން މިއަދު އިން ކަނޑައެޅުމުގެ ކުރިން ރާއްޖޭގެ ދެކުނުން ރާއްޖެއަށް އޮންނަނީ ކަނޑުގެ 12 މޭލުގެ ސަރަހައްދެއް ކަމަށާއި މަސްވެރިކަން ކުރަން ވަންނަ ބޭރުގެ ބަޔަކު ހިފެހެއްޓެނީ އެ 12 މޭލުގެ ތެރެއިން އެކަނި ކަމަށެވެ.
އެގޮތަށް މަސްވެރިކަން ކުރުމަށް ފަހު އެނބުރި ދާ ބަޔަކު ހިފަހައްޓަން އެންމެ ދުރަށް ވެސް އޭރު ދެވޭނީ އޭނާ ވިދާޅުވި ގޮތުގައި އިތުރު 12 މޭލަށެވެ. އެއަށް ވުރެ ބޭރަށް ދިއުމުން ހިފެހެއްޓޭނެ ގާނޫނީ ބާރު ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޮތީ އީއީޒެޑް ކްލެއިމްކޮށްފައި. އެކަމަކު އެ ކްލެއިމަކީ ސައްހަ ގޮތުގައި މިއަދާ ހަަމައަށް ހަމަޖެހިގެން ދިޔަ ތަނަކަށް ނުވާތީ އެހެން އެކަން ވަނީ. އެހެންވީމާ ރާއްޖޭގެ އެ ސަރަހައްދު ބެލެހެއްޓުން އޮތީ އުނދަގުލަކަށް ވެފައި،" ހުސައިން ރަޝީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް އިޓްލޮޮސްް އިން މިއަދު ކަނޑައެޅި އިމާ ހަމައަށް ރާއްޖެއަށް ހުރިހާ ބާރުވެރިކަމެއް އޮންނާނެ ކަމަށާއި އެހެންވީމާ ރާއްޖޭގެ އިމުގެ ތެރެއަށް ބޭރުގެ މަސްބޯޓްފަހަރަށް ވަދެ ނޫޅެވޭނެކަން މަސްވެރިންނަށް ދެން ޔަގީންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދަށް ބޭރުގެ މަސްބޯޓް ފަހަރު ވަނަ ނުދީ ބަލަހައްޓަން އެމްއެންޑީއެފަށް އިރުޝާދު ދެއްވާފައިވާ ކަމަށް މިރޭގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.
ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.
މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.
އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.
Comment