22 އޭޕްރީލް 2023 - 13:39 0
މުހައްމަދު ވިޝާމް
ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ އިމާރާތަށް މުވައްޒަފަކު ވަންނަނީ. -އަދަދު ފައިލް ފޮޓޯ
22 އޭޕްރީލް 2023 - 13:39 0
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ކޯޓުން ނިންމާ ހާލަތުގައި، ބަދަލުގެ ގޮތުގައި ދިނުމަށް ނުވަތަ ލިބިގަތުމަށް ދެ ފަރާތުން އެއްބަސްވާ އަދަދެއް ސިވިލް ސާވަންޓުންގެ ވަޒީފާގެ އެއްބަސްވުމުގައި ހިމެނުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ސީއެސްސީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުން ބަދަލުގެ ގޮތުގައި އެއަހަރު 2.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކޮމިޝަނުން ދޭންޖެހުނެވެ.
އޭގެ ތެރޭގައި ދައުލަތުގެ ތަފާތު ނުވަ މުއައްސަސާއެއްގެ ޖުމްލަ 17 މުވައްޒަފަކު ހިމެނެ އެވެ.
އޮޑިޓު ރިޕޯޓުގައި ބުނީ މި ބަދަލު ދޭންޖެހިފައިވަނީ އެމްޕްލޮއިމަންޓު ޓްރައިބިއުނަލާއި ކޯޓުތަކުން ކޮމިޝަނާ ދެކޮޅަށް މައްސަލަ ނިންމި ހާލަތްތަކުން ކަމަށްވާއިރު، ޖުމްލަ އަދަދުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ލަސްވެގެން ދައްކަންޖެހުނު ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވެސް ހިމެނޭ ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މަތީ ކޯޓުތަކަށް ނުގޮސް، ގާނޫނީ ލަފާ ލިބިފައިވާ މައްސަލަތަކުގައި، ވަޒީފާއިން ވަކި ކުރުމުގައި ގާނޫނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކުން އެކަމުގެ ޒިންމާ އަދާކުރުމުގައި އިހުމާލުވޭތޯ ބަލައި، އެ ފަރާތްތައް ޖަވާބުދާރީ ކުރުމުގެ ނިޒާމެއް އެކުލަވާލައި އަމަލުކޮށްފައިނުވާ ކަމަށެވެ.
މީގެ އިތުރުން، ސިވިލް ސާވިސްގައި ގިނަވެގެން ބަދަލުގެ ގޮތުގައި ނަގައިދެވޭނެ މުއްދަތު ވަޒީފާއާބެހޭ ގާނޫނުގައި ނުވަތަ ސިވިލް ސާވިސް ގާނޫނާއި ގަވައިދުގައި އަދި ވަޒީފާއާބެހޭ އެއްބަސްވުންތަކުގައި ބަޔާންކޮށްފައި ނުވުމުގެ ސަބަބުން ދައުލަތުން ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދުު ގާނޫނީ ގޮތުން ހިފެހެއްޓުން ނުވަތަ ގިނަވެގެން ނަގައިދެވޭނެ މުއްދަތު ލިމިޓުކުރުމުގެ ހިރާސްބޮޑުކަން އޮޑިޓު އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، ސީއެސްސީއިން ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫން ކަމަށް ކޯޓުތަކުން ނިންމާ ހާލަތްތަކުގައި، ބަދަލުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި، މިހާރު ވަޒީފާގައި ތިބި ފަރާތްތަކުގެ އެއްބަސްވުން އާ ކުރަން ލަފާދީފައިވެ އެވެ.
މީގެ އިތުރުން، ވަޒީފާ ގެއްލުނު ފަރާތާ ގުޅޭ ގޮތުން ނިންމާ މައްސަލަތަކުގައި ދައުލަތުން ދޭން ޖެހުނު ބަދަލުގެ ކުޑަ ބޮޑުމިނަށް ބަލައި ޒިންމާ އަދާ ކުރުމަށް އިހުމާލުވި މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލެއް އެކުލަވާލައި، މަތީ ކޯޓުތަކުން ނިންމާ ނިންމުންތައް ތަންޒީފު ނުކޮށް، އެ ހިނގާ މުއްދަތުގައި އިތުރު ޖޫރިމަނާ ދައްކަން ޖެހިއްޖެ ނަމަ، އެކަން ކުރަން އިހުމާލުވި މުވައްޒަފުންގެ އަތުން އެ ފައިސާ ހޯދަން ވެސް އޮޑިޓް އޮފީހުން ދިން ލަފާގެ ތެރޭގައި ހިމެނެ އެވެ.
Comment