20 އޭޕްރީލް 2023 - 05:50 0
20 އޭޕްރީލް 2023 - 05:50 0
މެޑްރިޑް (އޭޕްރީލް 20) - އޭނާ އަކީ ލިއޮނަލް މެސީގެ ސަޕޯޓަރެއް ކަމަށާއި ބާސެލޯނާ އަށް ދިމާވެފައިވާ މާލީ ނުތަނަވަސްކަމުން އަރައިގަނެ، އެ ޓީމާ އަލުން މެސީ ގުޅެން އެދޭ ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
މިއީ މި ފަދަ ގޮތަކަށް ޓެބާސް މީޑިއާ އިންޓަވިއުއެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
މީގެ ދެ އަހަރު ކުރިން، މެސީ، 35، ބާސެލޯނާ ދޫކޮށްލަން ޖެހުނީ އެ ކްލަބްގެ މާލީ ހާލަތު އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި ކޮންޓްރެކްޓް އާ ކުރެވޭނެ އެއް ހައްލެއް ވެސް ނުހޯދުމުންނެވެ. އެ ފަހަރު، މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.
ބާސެލޯނާގައި ހޭދަކުރި 17 އަހަރު ތެރޭގައި މެސީ ވަނީ އެ ޓީމަށް 778 މެޗުން 672 ގޯލު ޖަހައިފަ އެވެ. މެސީ އަލުން ބާސެލޯނާ އަށް ދާން އުޅޭ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، އެ ކަންކަމަށް ބާސެލޯނާގެ ސީނިއާ އޮފިޝަލުން ވެސް އަންނަނީ ބާރު ލިބޭ ގޮތަށް ވާހަކަ ދައްކަމުންނެވެ.
ޕީއެސްޖީން ވެސް އަންނަނީ މެސީގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރަމުންނެވެ.
މެސީ އަލުން ބާސެލޯނާއާ ގުޅެން އުޅޭ ވާހަކައާ ގުޅޭގޮތުން ސުވާލުކުރުން ޓެބާސް ވިދާޅުވީ ލީގަށް ބަލާއިރު މެސީ ފަދަ ކުޅުންތެރިއެއް ކުޅޭނަމަ އޭގެ ފައިދާ އެކި ގޮތްގޮތުން ކުރާނެ ކަމަށެވެ.
"އަހަރެން އެދެނީ ބާސެލޯނާ އިން މެސީ ފަދަ ކުޅުންތެރިއަކު ރަޖިސްޓްރީ ކުރަން ފުރިހަމަވާން ޖެހޭ ކަންކަން ނިންމާފައި އޮތުމަށް. އެއީ އަހަންނަކީ މެސީގެ ސަޕޯޓަރެއް. އަހަރެން އެދެން އޭނަ ފަދަ ކުޅުންތެރިއަކު މި ލީގުން ފެންނަން،" ޓެބާސް ވިދާޅުވި އެވެ.
"މި ވަގުތު ހާލަތު އޮތްގޮތުން، މެސީ އަށް ބާސެލޯނާއާ ގުޅެވޭނެ ފުރުސަތެއް ނެތް. މެސީ ފަދަ ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން މާލީ ގިނަ ކަންތައްތަކެއް ގަވާއިދަށް ފައްތަން ޖެހޭނެ،"
ޕީއެސްޖީއާ އެކު މެސީ ކޮންޓްރެކްޓް އާ ކުރާނެ ކަމަށް ނުބެލެވޭއިރު، އޭނާގެ ސޮއިހޯދަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް އިން ވަނީ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.
Comment