Advertisement

ފެނާއި ކާނެ އެއްޗެއް ނެތި ފަޅު ރަށެއްގައި ތިބި އިންޑޮނީޝިއާގެ 11 މަސްވެރިން ސަލާމަތްކޮށްފި

19 އޭޕްރީލް 2023 - 07:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބޯޓު ލައްގާފައި އޮތް ގޮނޑުދޮށުގައި މަސްވެރިންތައް ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޮސްޓްރޭލިއަން މެރީޓައިމް ސޭފްޓީ އޮތޯރިޓީ


ފެނާއި ކާނެ އެއްޗެއް ނެތި ފަޅު ރަށެއްގައި ތިބި އިންޑޮނީޝިއާގެ 11 މަސްވެރިން ސަލާމަތްކޮށްފި

19 އޭޕްރީލް 2023 - 07:52 0

ފެނާއި ކާނެ އެއްޗެއް ނެތި ހަ ދުވަސް ވަންދެން ފަޅު ރަށެއްގައި ތިބި އިންޑޮނީޝިއާގެ 11 މަސްވެރިން ސަލާމަތްކޮށްފި އެވެ.

އޮސްޓްރޭލިއާގެ މެރީޓައިމް ސޭފްޓީ އޮތޯރިޓީއިން ބުނީ އެ މީހުން ސަލާމަތް ކުރީ ހުޅަނގު އޮސްޓްރޭލިއާގެ ބްރޫމް އަވަށާ 330 ކިލޯމީޓަރު ހުޅަނގުން އޮންނަ ބެޑްވެލް އައިލެންޑުން ހޯމަ ދުވަހު ކަމަށެވެ.

އެ ރަށުން 11 މީހުން ސަލާމަތް ކުރި ނަމަވެސް، ނުވަ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

ސަލާމަތްވި މީހުން ބުނީ އެ މީހުން ތިބީ ދެ ބޯޓެއްގައި ކަމަށާއި ބޯޓުތަކަށް ގެއްލުންވީ މިދިޔަ ހަފުތާގައި ކުރިމަތިވި ތޫފާން އިލްސާގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން އެއް ބޯޓު އަޑިއަށް ދިޔަ އެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި 10 ކްރޫންގެ ތެރެއިން ނުވަ މީހުން ފެނިފައެއް ނުވެ އެވެ. ދިހަ ވަނަ މީހާ ފެނުނީ ތާންގިއެއްގައި އެލިގަނެގެން ކަނޑުމަތީގައި އޮއްވައި ދެ ވަނަ ބޯޓުގައި ތިބި މަސްވެރިންނަށެވެ.

އެ ބޯޓަށް ލިބުނު ގެއްލުންތަކާ އެކު ލެއްގީ ބެޑްވެލް އައިލެންޑުގެ އައްސޭރިފަށަށެވެ. އެ ރަށުގައި ބަޔަކު އުޅެނިކޮށް ފެނުނީ އޮސްޓްރޭލިއާގެ ބޯޑާ ފޯސްގެ ވައިގެ އުޅަނދަކަށެވެ.

އޭގެ ފަހުން ހެލިކޮޕްޓަރެއް ފޮނުވައި އެ މީހުން ސަލާމަތް ކުރި އެވެ. މިހާރު އެ މީހުންނަށް ފަރުވާދެމުން ދަނީ އޮސްޓްރޭލިއާގެ ހޮސްޕިޓަލެއްގަ އެވެ.

އޮސްޓްރޭލިއާގެ އޮފިޝަލުން ބުނީ ސަލާމަތްވި އެންމެންގެ ހާލު ރަނގަޅު ކަމަށާއި އެ މީހުން އިންޑޮނީޝިއާއަށް އަަނބުރާ ފޮނުވުމުގެ ކަންކަން ހަމަޖައްސަމުންދާ ކަމަށެވެ.

ތޫފާން އިލްސާއަކީ ފާއިތުވި 14 އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ހުޅަނގަށް ކުރިމަތިވި އެންމެ ބާރުގަދަ ތޫފާނެވެ. އެހެން ނަމަވެސް، މީހުން ދިރިއުޅޭ ހިސާބުތަކަށް އެ ތޫފާނުގެ މާ ބޮޑު އަސަރެއް ނުކުރެ އެވެ.