Advertisement

ރިޔާސީ ވައުދު ނުފުއްދާ ކަމަށް ބުނުމުން އަސްލަމް ނުރުހިއްޖެ

17 އޭޕްރީލް 2023 - 13:48 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް؛ ރިޔާސީ ވައުދު ނުފުއްދާ ކަމަށް ވިދާޅުވުމުން އަސްލަމް ވަނީ ނުރުހިފައި-- ފޮޓޯ: މަޖިލިސްއ


ރިޔާސީ ވައުދު ނުފުއްދާ ކަމަށް ބުނުމުން އަސްލަމް ނުރުހިއްޖެ

17 އޭޕްރީލް 2023 - 13:48 0

ތ. ވޭމަންޑު އާއި އެ އަތޮޅުގެ ކިނބިދޫ ކޯޒްވޭގެ އަމަލީ ސިފަ ނުޖެހި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ނުފުއްދާ ކަމަށް ބުނުމުން އެމަނިކުފާނުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ކޯޒްވޭއާ ގުޅޭ ގޮތުން ސުވާލުކުރުމަށް އަސްލަމް ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށްފަ އެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލުގައި ވަނީ މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ މަޝްރޫއު ފެށުމުގެ ތައްޔާރީތައް ވެވިފައިވޭތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އަމާޒަކީ ދެ ވަނަ ކުއާޓަރު ނިމުމުގެ ޓެންޑަރަށް ހުޅުވާލުން ކަމަށެވެ.

"އެހެންވީމާ 30 ޖޫންގައި އަމަލީ މަސައްކަތެއް ނުއެއް ފެށޭނެ، ދެން ޓެންޑަރަށް ހުޅުވާލައިގެން އެދާ ޕްރޮސެސްގެ ތެރޭގައި އުންމީދު ކުރަނީ މި އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.

ކޯޒްވޭ އަޅަން އެ ދެރަށް ދެމެދުގައި އޮތް ފަޅުރަށް، އެލާ ވަނީ ސަރުކާރަށް ނަގައިފަ އެވެ. އެއާއެކު ކޯޒްވޭގެ ޑިޒައިނަށް ވެސް މިހާރު ބައެއް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި ރިޔާޒް ވަނީ މިއީ ރައީސްގެ ރިޔާސީ ވައުދެއް ކަމަށާއި ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ހިމަނަފާއިވާ ކަން ފާހަގަކުރައްވައިފަ އެވެ.

"އެކިއެކި އެކްސްކިއުޒް މިނިސްޓަރު ތިޔަ ވިދާޅުވަނީ، މިހެންނޭ ވާނީ މިހެންނޭ ވާނީ، މިހާރު ތިޔަ ވިދާޅުވަނީ ސެކަންޑް ކުއާޓަރުގައޭ، ދާއިރާ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް މިއީ، އެވީ ވައުދަށް ބަލާފައި ރައްޔިތުން ރައީސް ސޯލިހަށް ވޯޓު ދެއްވީ، ވައުދު ފުއްދައި ނުދެއްވާތީ ރައްޔިތުންގެ ވަރަށް ކަންބޮޑުވުން ފާޅުކުރުން އެބަހުރި،" ރިޔާޒް ވިދާޅުވި އެވެ.

އެ ސުވާލާ ގުޅިގެން ވަރަށް ހިތްހަމަ ނުޖެހިވަޑައިގެން އަސްލަމް ވިދާޅުވީ މެންބަރުގެ ކަންބޮޑުވުން އަޑު އިވޭ ކަމަށާއި އެހެންނަމަވެސް މަރުހަލާ އޮންނާނެ ކަން ގަބޫލު ވެސް ކުރަން ޖެހޭނެ ކަމަށެވެ.

"މި ޒާތު ކަމެއް ކުރުމުގައި ރަނގަޅު ނުބައި ބަލާފައި ނޫނީ ކުރުން ވާނީ މޮޔަ ކަމަކަށް، ރިޔާސީ ވައުދެކޭ ބުނެފަ ދެން ހަމަ އެހެންވީމަ ނުވެޔޭ ބުނެވިދާނެ ވަރަށް ބާރަށް، ތެދެއް މިހާތަނަށް އައިރު ނުވެ އޮތީ، އެކަމަކު އަޅުގަނޑު މި ދަންނަވާލަނީ މީގައި ހުރި ކޮމްޕްލިކޭޝަންސްގެ ވާހަކަ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ޓެންޑާ ވެސް ކުރަން ޖެހޭނެ ކަމަށާއި ޓެންޑާ ޕްރޮސެސް ވެސް ކުރަން ޖެހޭނެ ކަމަށެވެ.

"ރިޔާސީ ވައުދު ވެސް ވެވޭނެ، އެންމެން ވެސް ވާ އެއްޗެއް، މަޖިލީހަށް އަންނަން ވެސް ވޭ، އެންމެންވެސް ވާ އެއްޗެއް،" އަސްލަމް ވިދާޅުވި އެވެ.