Advertisement

ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ އަޅާ ބަޔަކަށް އެލާގައި ރިސޯޓެއް ހަދަން ދެނީ

30 މޭ 2025 - 09:21 0

އަމަން ހަލީމް

އަމަން ހަލީމް

ކިނބިދޫ އާއި ވޭމަންޑޫ ދެމެދުގައި އޮންނަ އެލާ: ކުރިން އެ ރަށް ދޫކޮށްފައި އޮތީ ވިލާ ގްރޫޕަށް -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ


ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ އަޅާ ބަޔަކަށް އެލާގައި ރިސޯޓެއް ހަދަން ދެނީ

30 މޭ 2025 - 09:21 0

ތ. ކިނބިދޫ އާއި ވޭމަންޑޫ ގުޅާލާ ކޯޒްވޭގެ ތަރައްގީ ކުރާ ބަޔަކަށް، އެ ދެ ރަށް ދޭތެރޭގައި އޮންނަ އެލާގައި އިންޓަގްރޭޓަޑް ރިސޯޓެއް ތަރައްގީކުރެވޭ ގޮތަށް، އެ މަސައްކަތް ކުރާނެ ބަޔަކު ނުވަތަ އެކަމަށް ފައިސާ ދޭނެ ބަޔަކު ހޯދަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކިނބިދޫ-ވޭމަންޑޫ ލިންކު ތަރައްގީކުރުމާއި އިންޓަގްރޭޓަޑް ޓޫރިޒަމް އައިލެންޑެއްގެ ގޮތުގައި އެލާ ތަރައްގީކުރުމަށް ނުވަތަ ތަރައްގީކުރުމަށް ފައިނޭންސްކުރަން ޝައުގުވެރިވާ ބަޔަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ކިނބިދޫ-ވޭމަންޑޫ ލިންކުގެ މަސައްކަތްކަކީ، މިދިޔަ މަހުގެ 1، ގައި ކްރޮސް ސަބްސިޑީގެ ދަށުން ހިންގޭ މަޝްރޫއުތައް ކަނޑައެޅިއިރު ހިމަނާފައި އޮތް މަސައްކަތެކެވެ. އެ ލިސްޓުގައި މި މަސައްކަތް ކުރެވޭނެ އަގެއް ކަމުގައި އޮތީ ހަތަރު މިލިއަން ޑޮލަރެވެ.

މިނިސްޓްރީން ވަނީ މި މަޝްރޫއު ހިންގަން އެކި މޮޑެލްތަކުގެ ހުށަހެޅުންތަކަށް ހުޅުވާލާފަ އެވެ. އެ ގޮތުން، އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ އެވެ. ނުވަތަ ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެލާގައި ރިސޯޓެއް ތަރައްގީކުރެވޭ ގޮތަށް ކިނބިދޫ-ވޭމަންޑޫ ލިންކުުގެ މަސައްކަތް ކުރަން ނިންމާފައިވާއިރު، މި ރަށުން ގޯތި ދޫކުރަން ހުޅުވާލަން ދެ ރަށުގެ ރައްޔިތުން ވަނީ ސަރުކާރުގައި އެދިފަ އެވެ.

މިއީ، ކުރިން އެ ރަށް ދޫކޮށްފައި އޮތް ވިލާ ކުންފުނިން ރަށް ނެގުމާ ގުޅިގެން އެ ދުވަސްވަރު ރައްޔިތުންގެ ފަރާތުން އައި ހުށަހެޅުމެކެވެ. ވިލާ އަތުން މި ރަށް ނަގައި، ބަދަލުގައި އެހެން ތަންތަން އޭރުގެ ސަރުކާރުން ދިނީ ކޯޒްވޭގެ މަސައްކަތަށް އެލާ ނަގަން ކަމަށް ބުނެ އެވެ.