Advertisement

އާރްޓީއެލް ލޯގޯގައި ހުރި ރީނދޫ ކުލައިން ރަމްޒު ކޮށްދެނީ އެއްގަމު ދަތުރުފަތުރު، އެއީ ތާކުންތާކު ނުޖެހޭ ކުލަތަކެއް ނޫން: އަސްލަމް

29 ޖުލައި 2025 - 10:00 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


އާރްޓީއެލް ލޯގޯގައި ހުރި ރީނދޫ ކުލައިން ރަމްޒު ކޮށްދެނީ އެއްގަމު ދަތުރުފަތުރު، އެއީ ތާކުންތާކު ނުޖެހޭ ކުލަތަކެއް ނޫން: އަސްލަމް

29 ޖުލައި 2025 - 10:00 1

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ގެ ލޯގޯގައި ހުރި ރީނދޫ ކުލައިން ރަމްޒު ކޮށްދެނީ އެއްގަމު ދަތުރުފަތުރު ކަމަށާއި އެ ލޯގޯގައި ހުރި ކުލަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ކުލަތަކެއް ނޫން ކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އާރްޓީއެލް ލޯގޯގައި ހުރި ހުރި ރީނދޫ ކުލަ އުނިކޮށް، ބަދަލުގައި މި ސަރުކާރުން އަޅި ކުލަ ބޭނުން ކުރަން ފެށުމުން އަސްލަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރްޓީއެލް ލޯގޯގައި ހިމެނޭ ތިން ކުލައިން ވެސް ރަމްޒު ކޮށްދެނީ ތިން ބާވަތުގެ ދަތުރުފަތުރު ކަމަށެވެ.

"[އާރްޓީއެލް ލޯގޯގައިވާ] ރީނދޫ ކުލައިން ރަމްޒު ކޮށްދެނީ އެއްގަމު ދަތުރުފަތުރު، މަޑު ނޫ ކުލައިން ރަމްޒު ކޮށްދެނީ ވައިގެ ދަތުރުފަތުރު އަދި ގަދަ ނޫ ކުލައިން ރަމްޒު ކޮށްދެނީ ކަނޑަ ދަތުރުފަތުރު، އެ ލޯގޯއަކީ މާނައެއް ނެތް ރޮނގޮތަކަކާއި ކުލަތަކެއް ނޫން،" އަސްލަމް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އާރްޓީއެލްގެ ލޯގޯއަކީ ވަރަށް ވިސްނުންތެރިކަމާއެކު ފުރިހަމައަށް ޑިޒައިން ކޮށްފައިވާ މާނަ ފުން ލޯގޯއެއް ކަމަށް އަސްލަމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މިފަދަ ޕޯސްޓެއް އަސްލަމް ކުރައްވާފައި މިވަނީ ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި، އެމްޓީސީސީގެ ދަށުން ދޭ އާރްޓީއެލް ހިދުމަތުގެ ލޯގޯއަށް ބަދަލު ގެނެސް އެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފެރީތަކުގެ ބޭރު ދަވާދު ސަރުކާރުން ބަދަލު ކުރުމުންނެވެ.

އާރްޓީއެލްގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފެށުމަށްފަހު އެމްޓީސީސީން ސޯޝަލްމީޑިއާގައި ހިއްސާ ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ އަތޮޅުގައި އެ ހިދުމަތް ދޭން ގެންދިޔަ ލޯންޗުތަކުގެ ބޭރުގައި ލާފައި ހުރީ މަޑު ނޫ ކުލަ އާއި ގަދަ ނޫ ކުލައިގެ އިތުރުން އަޅި ކުލަ އެވެ.

މިހާރު އަޅި ކުލަ ލާފައި ހުރި ތަންތަނުގައި މީގެ ކުރިން ލާފައި ހުންނަނީ ރީނދޫ ކުލަ އެވެ. އެ ލޯންޗުތަކުގައި ޖަހާފައި ހުރި އާރްޓީއެލް ލޯގޯގައި ވެސް ހުރީ ރީނދޫ ކުލައިގެ ފަށް އަޅި ކުލައަށް ބަދަލުކޮށްފަ އެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ބޭނުންކުރާ ލޯންޗުތަކުގެ ދަވާދު ކުލަ ބަދަލު ކުރި ނަމަވެސް އާރްޓީއެލްގެ ރަސްމީ ސޯޝަލްމީޑީއާ އެކައުންޓުތަކަށް އަދި ބަދަލެއް ނުގެނެ އެވެ.

އާރްޓީއެލް ހިދުމަތް ދޭން ބޭނުންކުރާ ފެރީތަކުގެ ބޭރު ކުލައަށް ސަރުކާރުން ބަދަލުތަކެއް ގެނައި ސަބަބެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ. އަދި އާރްޓީއެލްގެ ލޯގޯއަށް ރަސްމީކޮށް ބަދަލެއް ގެނައިކަމެއް ވެސް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.

މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅައިލުމަށް މިދިޔަ ސަރުކާރުން ފެށި އާރްޓީއެލްގެ ހިދުމަތް ރާއްޖޭގެ 11 އަތޮޅެއްގައި މިހާރު ދެ އެވެ. އެ ހިދުމަތް އެންމެފަހުން ދޭން ފެށީ ބ. އަތޮޅުގަ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ކުޑަ އަގެއްގައި ދަތުރުފަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމެވެ.