Advertisement

ގުރައިދޫ ދާއިރާ އިދިކޮޅަށް ކާމިޔާބުކޮށްދޭން ނަޝީދު ވެދިން އެހީއަށް ޝުކުރު

17 އޭޕްރީލް 2023 - 12:50 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު؛ ވަނީ ގުރައިދޫ ގޮނޑި ކާމިޔާބު ކުރުމަށް ނަޝީދު ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައި


ގުރައިދޫ ދާއިރާ އިދިކޮޅަށް ކާމިޔާބުކޮށްދޭން ނަޝީދު ވެދިން އެހީއަށް ޝުކުރު

17 އޭޕްރީލް 2023 - 12:50 1

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އިދިކޮޅު ޕީޕީއެމަށް ތާއީދު ހޯދައިދިނުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކޮށްދެއްވި މަސައްކަތަށް އެ ޕާޓީން ޝުކުރު އަދާކޮށްފި އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކޮށްފައިވަނީ ޕީޕީއެމްއާއި އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ.

އަހަރުގެ ކުރީކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބޭއްވި އެތެރޭގެ ޕްރައިމަރީން ނާކާމިޔާބުވި ފަހުން މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި، ޕާޓީގެ އެތެރޭގައި ވަކި ހަރަކާތެއް ހިންގަވަމުންނެވެ.

ފެކްޝަން އުފެދިފައިވާ ދަނޑިވަޅެއްގައި ބޭއްވި މި އިންތިހާބުގައި ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުން އިދިކޮޅު ޕީޕީއެމަށް ކެމްޕެއިނު ކޮށްދިން ކަމުގެ އަޑު އޮތީ ގަދަވެފަ އެވެ.

"މި އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީ އެ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން," ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވި އެވެ.

ޝާޒަށް ވޯޓު ނުދިނުމަށް އެދި ޕާޓީގެ މެންބަރުންނަށް ނަޝީދުގެ ފެކްޝަން ބޭފުޅުން ގުޅުއްވަމުން ގެންދެވި ކަމަށް އިންތިހާބުގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ތުހުމަތު ކުރެއްވި އެވެ. އަދި އިންޒާރެއް ވެސް ދެއްވި އެވެ.

"ޕާޓީގެ އިސް ސަފުގައި ތިބި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން،" ފައްޔާޒު ފޮނުވި މެސެޖެއްގައިވެ އެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ހުންނެވި އަދި މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރެއްގެ ގޮތުގައި ހުންނެވި ފައްޔާޒު ވިދާޅުވީ، ޕާޓީ ފުނފުނޑުކޮށްލަން ނަޝީދު ފެކްޝަނުން ކުރާ މަސައްކަތް މިހާރު އޮތީ "އެހެން ހިސާބެއްގައި" ކަމަށެވެ.

"އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް،" ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، އެ ބަޔަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަން ފާހަގަ ކުރައްވައި ފައްޔާޒު ފޮނުވި މެސެޖުގައިވެ އެވެ.

މީގެ ކުރިން ނަޝީދާ މެދު، ރައީސް ސޯލިހުގެ ފެކްޝަންގެ އިސް ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުންތަކެއް އޮވެގެން މަޖިލީހުގެ ރައީސްގެ މަގާމުން ވެސް ވަކިކުރަން މަސައްކަތް ކޮށްފައިވެ އެވެ.

އެ ކަމަށް ބޭނުންވާ ވަރަށް، މަޖިލީހުގެ މެންބަރުންގެ ސޮއި ހަމަވެފައިވީ ނަމަވެސް އެ ކަން ނުކޮށް މަޑުޖައްސާފައި ވަނީ ނަޝީދަށް އިހުތިރާމު ކުރަން ބޭނުންވާތީ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.