Advertisement

އެމްޑީޕީގެ ޝާޒު ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވައިފި

15 އޭޕްރީލް 2023 - 20:20 2


އެމްޑީޕީގެ ޝާޒު ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވައިފި

15 އޭޕްރީލް 2023 - 20:20 2

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒު ކާމިޔާބު ކުރައްވައިފި އެވެ.

ޝާޒުގެ އިތުރުން އިންތިހާބުގައި ވާދަ ކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ހުސެއިން ރިޒާ އާދަމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ އަލީ އަރީފެވެ.

ނަތީޖާ ދައްކާ ގޮތުން ޝާޒަށް ލިބިވަޑައިގަތީ 1346 ވޯޓެވެ. އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ.

އެހެންކަމުން، ގުރައިދޫ ދާއިރާއަށް ޝާޒު އިންތިހާބުވެވަޑައިގަތުމުން މަޖިލީހުގައި އެމްޑީޕީގެ އޮތް ސުޕާމެޖޯރިޓީ އިތުރަށް ވަރުގަދަވެ މެމްބަރުންގެ އަދަދު 68 އަށް އެރީ އެވެ.

ޝާޒަކީ ޕާޓީ ސިސްޓަމް ތައާރަފް ކުރި ފަހުން ގުރައިދޫ ދާއިރާއަށް އިންތިހާބުވި ފުރަތަމަ އެމްޑީޕީ ކެންޑިޑޭޓެވެ. މީގެ ކުރިން 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު އިންތިހާބުވެވަޑައިގަތީ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަންޖެހުނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ރިޒާ، 55، ނިޔާވުމުންނެވެ. އޭނާ ނިޔާވީ ކެންސަރަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހެވެ.

މިއަދު ބޭއްވި އިންތިހާބުގައި 3423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެއީ ގުރައިދޫއިން 1394 މީހުންނާއި މާފުށިން 1366 މީހުންނާއި ގުޅިން 663 މީހުންނެވެ.