Advertisement

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޑިޑޭޓުން މާލީ ބަޔާނުގެ މައްސަލާގައި ޖޫރިމަނާކޮށްފި

3 ޖުލައި 2023 - 13:14 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން؛ ބައި އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުން ޖޫރިމަނާކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޑިޑޭޓުން މާލީ ބަޔާނުގެ މައްސަލާގައި ޖޫރިމަނާކޮށްފި

3 ޖުލައި 2023 - 13:14 0

މިދިޔަ އޭޕްރީލް 15، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާތީ ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުން ވެސް ޖޫރިމަނާ ކޮށްފައި ވަނީ ގާނޫނުގައި ބަޔާންކުރާ ގޮތަށް ފުރިހަމަ މާލީ ބަޔާނެއް ހުށަނޭޅުމުންނެވެ.

"ތިން ކެންޑިޑޭޓުން ވެސް، އަދި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓު ވެސް ޖޫރިމަނާކޮށްފައި ވަނީ 6،000 ރުފިޔާއިން،" ސެކްރެޓަރީ ޖެނެރަލް ތަފްސީލްކޮށްދެއްވި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ގޮތުގައި، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި އޭގައި ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައި ވެސް އޮންނަން ޖެހެ އެވެ.

މާލީ ބަޔާނުގައި ހިމެނެން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
  • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
  • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝާޒާއި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ.

އެމްޑީޕީގެ ކެންޑިޑޭޓު ޝާޒު އިންތިހާބު ކާމިޔާބު ކުރެއްވީ 1346 ވޯޓުންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ރިޒާއަށް ލިބުނީ 1،226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފަށް 122 ވޯޓު ލިބުނެވެ.

ބައި އިލެކްޝަން ބާއްވަން ޖެހުނީ ކ. ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ ކެންސަރުގެ އަލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވުމުންނެވެ. ފެހި ގާނޫނު އަސާސީއަށް ފަހު، މަޖިލީހުގައި މީގެ ކުރިން ކޮންމެ ދައުރަކު ވެސް އެ ދާއިރާ ތަމްސީލްކުރެއްވީ މަރުހޫމު ރިޒާ އެވެ.