24 އޭޕްރީލް 2023 - 12:43 0
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝާޒް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް
24 އޭޕްރީލް 2023 - 12:43 0
ރައްޔިތުންގެ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްލަން އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި ބޭކާރު ވާހަކަ ދެއްކުމުގައި އެ ވަގުތުކޮޅު ބޭކާރު ނުކުރައްވާނެ ކަމަށް ކ.ގުރައިދޫ ދާއިރާގެ އާ މެމްބަރު އިބްރާހީމް ޝާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ޝާޒް މެމްބަރުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުން އާއްމުކުރި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ކުރަން އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގައި މި އޮތް ކުރު މުއްދަތުގައި އަޅުގަނޑު ހަމަ އެކަނި [ކުރާނެ ކަމަކީ] ގުޅި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލާބަޔާއި މަންފާޔަށް [މަސައްކަތް ކުރުން] އެބޭފުޅުންގެ އެހެރަ އުއްމީދުތައް ހާސިލުކުރުމަށް މިއީ ކުރު މުއްދަތެއް،" ޝާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދާއިރާއަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރަށް އެއްބާރުލުން ދެއްވާނެ އެވެ.
"އެކަން ކުރަން އަޅުގަނޑު އަޒުމް ކަނޑައަޅައިގެން މިތަނަށް ވަދެ މިއަދު މި ހުވާކުރީ،" އޭނާ ވިދާޅުވި އެވެ.
ދާއިރާގެ މެމްބަރުންނަށް ވެސް އޭނާ މިއަދު ހާއްސަ މެސެޖެެއް ދެއްވި އެެވެ. އޭނާ އެދިވަޑައިގެންނެވީ ރައްޔިތުން ހާސް ނުވުމަށެވެ. މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[އަޅުގަނޑު ހުންނާނީ] ރައްޔިތުންގެ އިހުސާސްްތަކާ އެކު ތިން ރަށުގެ ތަރައްގީއާ އުއްމީދުތައް ހާސިލުކުރުމުގައޭ،" ޝާޒް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވައިކުރެއްވިޔަސް އޭނާގެ ހަޔާތުގައި މިއީ އެހާ ބޮޑު ދުވަހެއް ނޫން ކަމަށާއި މިއީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓްގެ ގޮތުގައި ޝާޒް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ 1346 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ހުސެއިން ރިޒާއަށް ލިބިވަޑައިގަތީ 1226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 122 ވޯޓެވެ
Comment