Advertisement

ސްޕެއިންގެ އެތުލީޓަކު ހޮހޮޅައެއްގައި 500 ދުވަސް ހޭދަކޮށްފި

15 އޭޕްރީލް 2023 - 06:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބީޓްރިޒް ފްލަމީނީ. -- ފޮޓޯ: އީޕީއޭ


ސްޕެއިންގެ އެތުލީޓަކު ހޮހޮޅައެއްގައި 500 ދުވަސް ހޭދަކޮށްފި

15 އޭޕްރީލް 2023 - 06:31 0

ސްޕެއިންގެ "އެކްސްޓްރީމް" އެތުލީޓަކު އެކަނި މާ އެކަނި ހޮހޮޅައެއްގައި 500 ދުވަސް ދިރިއުޅުމަށް ފަހު ހޮހޮޅައިން ނިކުމެއްޖެ އެވެ.

ބީޓްރިޒް ފްލަމިނީ ގްރަނާޑާގެ ހޮހޮޅައިގެ ތެރެއަށް ވަދެ ދިރިއުޅެން ފެށިއިރު، ދުނިޔެއިން އުޅުނީ ކޮވިޑް ބަލިމަޑުކަމުން އަރައިނުގަނެވިގެންނެވެ.

ފްލަމިނީ ހޮހޮޅައިން ނުކުތް އިރު، ކޮވިޑް ބަލިމަޑުކަން އެއްކޮށް "ނޯމަލްވެފައިވާ" އިރު، ހޮހޮޅައިގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހާގެ ދުނިޔޭގެ ރިކޯޑް އޭނާއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

އޭނާ ހޮހޮޅައިގައި އެކަނި ދުވަސްތައް ހޭދަކުރީ ސައިންސްވެރިން ކައިރިން ބަލަމުން ދިޔަ އެކްސްޕެރިމެންޓަކަށެވެ.

"އަހަރެން އަދިވެސް މި ހުރީ ނޮވެމްބަރު 21، 2021 ގައި ތާށިވެފައި. އޭގެ ފަހުން ދުނިޔެއާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ،" ހޮހޮޅައިން ނިކުތުމަށް ފަހު ފްލަމިނީ ބުންޏެވެ.

ފްލަމިނީ ހޮހޮޅައިގައި އުޅުނު އިރުގެ ފޮޓޯއެއް. -- ފޮޓޯ: ރޮއިޓާޒް


މިހާރު އުމުރުން 50 އަހަރުގެ ފްލަމިނީ ހޮހޮޅައިގެ ތެރެއަށް ވަނީ އޭނާގެ އުމުރުން 48 އަހަރުގަ އެވެ. އޭނާ އުޅުނީ 70 މީޓަރު ފުން ހޮހޮޅަައެއްގަ އެވެ.

އެ ތަނުގައި ވަގުތު ހޭދަކުރީ ކަސްރަތުކޮށް، ކުރެހުން ފަދަ ކަންކަން ކުރަމުންނެވެ. އެ މުއްދަތުގައި 60 ފޮތް ކިޔައި 1000 ލީޓަރުގެ ފެން ބޭނުންކުރި ކަމަށް އޭނާގެ ޓީމުން ބުންޏެވެ.

ފްލަމިނީ ހޮހޮޅައިގައި އުޅުނު އިރު ކަންކަން ވަމުން ދިޔަ ގޮތް ބެލީ ސައިންސްވެރިންގެ ޓީމަކުންނެވެ. އެކަމަކު އެ މުއްދަތުގައި އެއްވެސް އިންސާނަކު އޭނައާ ދިމާވެފައެއް ނުވެ އެވެ.

ހޮހޮޅައިން ނިކުމެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލަމިނީ ބުނީ ފާއިތުވި ދޮޅު އަހަރު އޭނާ ވާހަކަ ދެއްކީ ހަމައެކަނި އަމިއްލަ ނަފުސާ ކަމަށެވެ.

އަދި ހޮހޮޅައިގައި ދެ މަސް ހޭދަކުރި ފަހުން ވަގުތު އޮޅެން ފެށި ކަމަށާއި އެންމެ ފަހުން ދުވަސްތައް ގުނުން ހުއްޓާލި ކަމަށް ވެސް އޭނާ ބުންޏެވެ.

ފްލަމިނީ ބުނީ ހޮހޮޅައިގެ ތެރޭގައި އެކަނި އުޅުނު އިރު އެކި ކަހަލަ އަޑުތައް އިވޭހެން ހީވި ކަމަށާއި ސޫފާސޫފީގެ އުނދަގޫ ވަރަށް ބޮޑަށް ދިމާވި ކަމަށެވެ.