Advertisement

ވާގޮތް: ފެނާ އެކު އިނގިލިތަކުގައި ރޫޖެހެނީ ކީއްވެ؟

12 އޭޕްރީލް 2023 - 08:28 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ފެނާ އެކު އިނގިލިތަކުގައި ރޫޖެހެނީ ކީއްވެ؟

12 އޭޕްރީލް 2023 - 08:28 0

ފެނުގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އިނގިލިތަކަށް ރޫއަރަން ފަށާކަން ކޮންމެ މީހަކަށް ވެސް ހުންނާނީ ފާހަގަކުރެވިފަ އެވެ. މި ކަމަކީ ގާތްގަނޑަކަށް އެންމެންނަށް ވެސް ދިމާވާ ކަމެކެވެ. އަދި މިއީ ހަމައެކަނި އަހަރުމެންގެ އިނގިލިތަކަށް ހާއްސަވެފައިވާ ކަމެއް ވެސް ނޫނެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ މިއަދު މި ބަލާލަނީ ފެނުގެ ސަބަބުން އިނގިލިތަކުގައި ރޫޖެހުމުގެ ފަހަތުގައިވާ ސައިންސް އެވެ.

އިނިގިލިތަކަށް ރޫއަރަން މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބާ؟

އަހަރެމެންގެ ހަންގަނޑު އެކުލެވިގެންވަނީ އެތައް ފަށަލައަކުންނެވެ. މީގެ ތެރެއިން އެންމެ ބޭރު ފަށަލައަށް ކިޔަނީ "ސްޓްރެޓަމް ކޯނިއަމް" އެވެ. މި ފަށަލަ އެކުލެވިގެންވަނީ ހަމުގެ މަރުވެފައިވާ ސެލްތަކެއްގެ މައްޗަށެވެ. އަދި އެ ސެލްތައް މެދުނުކެނޑި ހަށިގަނޑުން ނައްތާލާ އޭގެ ބަދަލުގައި އާ ސެލްތަކެއް އުފެދެމުންދެ އެވެ. އަހަރެމެން ގިނަ ވަގުތު ފެނުގައި ހޭދަކުރުމުން، ސްޓްރެޓަމް ކޯނިއަމް އަށް ފެން ވަދެ، ހަންގަނޑުގެ ބައެއް ހިސާބުތައް އުފުލި ރޫ ޖެހޭ ގޮތް ވެއެވެ.

އިވޮލިއުޝަންގެ ނިޝާނެއް؟

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިފަދައިން އިނގިލިތަކަށް ރޫ އެރުމަކީ އިވޮލިއުޝަންގެ ސަބަބުން ހިނގާ ކަމެކެވެ. އެ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ކަމަކީ އަތް ތެތްވެފައިވާ ހާލަތްތަކުގައި، ތަކެތި ރަނގަޅަށް ހިފެހެއްޓުމަށް އެހީތެރިވެދިނުމަށް ހަށިގަނޑަށް އަންނަ ބަދަލެއް ނުވަތަ "އެޑެޕްޓޭޝަން" އެއް ކަމަށެވެ. އަހަރެމެންގެ އިނގިލިތަކުގައި ރޫޖެހުމުން ހަމުގެ ސަރަހައްދު ނުވަތަ "ސާފޭސް އޭރިއާ" އިތުރުވެ ދެމެދުގަ ހުންނަ ބާރު ނުވަތަ "ފިރިކްޝަން" އިތުރުވެ، އެއްޗެހި ފަސޭހައިން ހިފަހައްޓާލެވޭނެ އެވެ.

ނާރުތަކާއި ލޭހޮޅިތަކުގެ ދައުރު

ސްޓްރެޓަމް ކޯނިއަމް އަށް ފެން ވަނުމަކީ އިނގިލިތަކަށް ރޫ އެރުމުގެ މައިގަނޑު ސަބަބެއް ކަމުގައި ވިޔަސް، މިކަމަށް ބާރުދޭ އެހެން ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އަހަރެމެންގެ އިނގިލިތަކުގައި ހުންނަ ނާރުތަކުގެ ސަބަބުން ހަމުގައި ހުންނަ ލޭހޮޅިތަކުގެ ޖާގަ ކުޑަވެ، އެތަނަށް ލޭ ދައުރުވުން މަދުވެ އެވެ. ލޭގެ ދައުރުވުން މިގޮތަށް ދަށްވުމަކީ ވެސް ހަންގަނޑު ރޫޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

ރަނގަޅު ސިއްހަތެއްގެ ނިޝާނެއްގެ ގޮތުގައި ރޫއެރުން

ހައިރާންވާންޖެހޭ ކަމަކީ ރޫއެރުމުގެ ގާބިލްކަމަކީ އެންމެނަށް ލިބިފައިވާ ކަމެއް ނޫން ކަމެވެ. ބައެއް މީހުންނަށް، ހާއްސަކޮށް ބައެއް ސިއްހީ މައްސަލަތައް ހުންނަ މީހުންނަށް ފެނުގައި ޖެހުނަސް ހަންގަނޑަށް ރޫއަރާ ގޮތެއް ނުވެ އެވެ. މިސާލަކަށް ނާރުތަކަށް ގެއްލުން ލިބިފައިވާ ފަރާތްތަކަށް ރޫއެރުން ނުފެނިދާނެ ސަބަބަކީ އެ މީހުންގެ ނާރުތަކުން ހަންގަނޑުގައި ހުންނަ ލޭހޮޅިތަކުގެ ޖާގަ ކުޑަކުރަން ނުކުޅެދުމެވެ. އެހެންކަމުން އިނގިލަތަކަށް ރޫއެރުމުގެ ގާބިލުކަމަކީ ރަނގަޅު ސިއްހަތެއްގެ ނިޝާނެކޭ ވެސް ބުނެވިދާނެ އެވެ.

ކުރުކޮށް ފޮނިކޮށް

ކުރުކޮށް ބުނާ ނަމަ ފެނުގައި އަހަރެމެންގެ އިނގިލިތައް ރޫއެރުމަކީ ހަމުގެ ސްޓްރެޓަމް ކޯނިއަމް ފަށަލަ އަށް ފެން ވަނުމުން ދިމާވާ ކަމެކެވެ. އަދި މިއީ ތެތް ހާލަތުގައި ތަކެތި ހިފެހެއްޓުމަށް އިތުރު ސަރަހައްދެއް އުފެދިގެންދާ ކަމެކެވެ. މީގެ އިތުރުން އަހަރެމެންގެ އިނގިލިތަކުގައި ހުންނަ ނާރުތަކުގެ ސަބަބުން ލޭހޮޅިތަކުގެ ޖާގަ ކުޑަވެ، ލޭ ދައުރުވުން މަދުވެ، ރޫއެރުމަށް މަގުފަހިވެއެވެ. ރޫއެރުމުގެ ގާބިލުކަމަކީ ހަށިގަނޑުގެ އެއްވެސް ބާރެއް ނުފޯރުވާ ކަމެއް ކަމުގައި ހީވިޔަސް، ހަގީގަތުގައި އެއީ ރަނގަޅު ސިއްހަތެއްގެ ނިޝާނަކަށް ވެދާނެ އެވެ. އިނގިލިތަކުގެ ހަަމަށް މި އަންނަ ބަދަލަށް ދިވެހި ބަހުން ކިޔަނީ މޭލިބުއިމެވެ.

މޭލިބުއިން: ގިނައިރު ދެމިހުރި ފިނިކަމެއްގެ ސަބަބުން ހަމުގައި ރޫޖެހުން