11 އޭޕްރީލް 2023 - 14:08 0
ބީޗްވޮލީބޯޅަ ޗެލެންޖް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އާއި އަރީޝާ އާއި މާޖިދާގެ ޕެއާ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
11 އޭޕްރީލް 2023 - 14:08 0
މޯލްޑިވްސް ބީޗްވޮލީބޯޅަ ޗެލެންޖުގެ ފޯރިގަދަ ޑިވިޝަންކަމަށްވާ 2x2ގެ ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އަދި އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއާ ހޯދައިފި އެވެ.
ބީޗްވޮލީބޯޅަ ޗެލެންޖާސް ސީރީސްގެ ފުރަތަމަ މުބާރާތް ކަމަށްވާ ޗެލެންޖުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ހޯދީ ވާދަވެރި ފައިނަލުގައި މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ ބަލިކޮށްގެންނެވެ. ފޯރިގަދަ ފައިނަލަކަށް ފަހު، މި މެޗު ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ގެންދިޔައީ 2-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17، 12-21 އަދި 15-7 އިންނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގެ ތެރެއިން މާޖިދާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ޖުމްލަ އެކު، 14 ޕެއާއެއް ވާދަކުރި 2x2 ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން މާޖިދާ އާއި އަރީޝާގެ ޕެއާ އިން ހޯދީ ފައިނަލުގައި ހައްވާ ރާޝިދާ (ހައްވަ) އާއި ފާތިމަތު ޒީނިޔާ (ޒީ)ގެ ޕެއާ ބަލިކޮށްގެންނެވެ. މާޖިދާ އާއި އަރީޝާގެ ޕެއާ އިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އަރީޝާ އާއި މާޖިދާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-14، 21-14 އިންނެވެ.
ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޭއްވި 4x4 ޑިވިޝަންވެސް ފެނުނީ ފޯރިގަދަކޮށެވެ. މި ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެމްވީވީ 1 އިންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފިއޮންތި ސްޕޯޓްސް ކުލަބެވެ.
އެ ގޮތުން، 4x4 ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެމްވީވީ 1 އިން ހޯދީ ފައިނަލުގައި ލެޖެންޑްސް ޓީމް ބަލިކޮށްގެންނެވެ. ޗެމްޕިއަންކަން ހޯދީ އެމްވީވީ ޓީމްގެ ކުޅުންތެރިންނަކީ އަލީ ޝިމާލް، އިބްރާހިމް އާދިލް، މުމްތާޒް އަލީ، މުހައްމަދު ރިޝްވާން އަދި ހުސައިން ޝަރީފް އެވެ.
ދެ ވަނަ ހޯދީ ލެޖެންޑްސް ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އިބްރާހިމް ފަލާހު އަބޫބަކުރު، މުހައްމަދު ރަޝީދު، ފަރުހާދު އިސްމާއިލް، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އަދި ހުސެއިން ސައީދު (ސެންޑީ) އެވެ. އެ ޓީމަށް ރޭގެ ފައިނަލަށް ހާޒިރުނުވެވުނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގެ ތެރެއިން ކުޑަކާއްޓެ (ވ) ޖަހާ ޝޮޓެއް ބްލޮކްކުރަން ޑެންޒޯ މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިއޮންތީ ހޯދީ ފައިނަލުގައި ޑިވީވީއޭ ބަލިކޮށްގެންނެވެ. ފިއޮންތީ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ އައިޝަތު ނާޒިމާ، ޔުމްނާ އަބްދުލްއަޒީޒް، އައިޝަތު ރޯޒާ ސުހާނާ އަހުމަދު އަދި ހަދީޖާ ނަޒީލާ އެވެ. ޑީވީވީއޭ ޓީމްގައި ހިމެނެނީ މުނާ މުނީރު (މުންނަ)، އާމިނަތު ޒީނާ، މަރިޔަމް ހަލީމް، އައިޝަތު މާޖިދާ އަދި އާމިނަތު އަބްދުއްރަޝީދު އެވެ.
ފިއޮންތީން ސެޓުތައް ގެންދިޔައީ 21-16، 15-21 އަދި 15-10 އިންނެވެ.
މޯލްޑިވްސް ވޮލީބޯޅަ ޗެލެންޖަކީ މި އަހަރު ބީޗްވޮލީބޯޅަ އަށް ހާއްސަކޮށް ވީއޭއެމުން ކުރިއަށްގެންދާ ބީޗް ޗެލެންޖާސް ސީރީސްގެ ފުރަތަމަ މުބާރާތެވެ. ދެވަނަ މުބާރާތް މި މަހުގެ ފަހުކޮޅު ބާއްވަން ނިންމާފައިވާއިރު، މިއަހަރުގެ ބީޗްވޮލީބޯޅަ ގައުމީ މުބާރާތް އޮންނާނީ އޮކްޓޯބަރު މަހުގެ ފަހުކޮޅުގަ އެވެ.
ބީޗް ޗެލެންޖާސް ސީރީސް އަށްފަހު ގައުމީ ބީޗްވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތައް އަނެއްކާވެސް ފަށާނެ އެވެ. މިއަހަރު ބީޗްވޮލީބޯޅައިގައި ގައުމީ ބީޗް ޓީމަށް އޮތް އެންމެ މުހިންމު މުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ.
Comment