10 އޭޕްރީލް 2023 - 11:17 0
އައިޝަތު ނުޒުހާ
އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުން އަންނަ އިމާރާތުގައި ހަރުކޮށްފައިވާ އެ ސްކޫލުގެ ނަން ބޯޑު --- ފޮޓޯ؛ އަދަދު ފައިލް
10 އޭޕްރީލް 2023 - 11:17 0
ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތް ކުރަމުން އަންނަ އަރަބިއްޔާ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިމި، ސުކޫލުގެ ކިޔެވުން ފެށޭނީ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރަށް ކަަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ޗާންދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލުގެ ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަަކާ ގުޅިގެން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމައި، ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް އަރަބިއްޔާގެ ކިޔެވުން ބަދަލު ކުރި އެވެ.
އޭގެފަހުން، ބެލެނިވެރިންގެ ކަންބޮޑުވުންތަކާ އެކު އަރަބިއްޔާ ސްކޫލު އެޅުމަށް ބާ ޖަމާލުއްދީން ބިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވި އެވެ.
އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް، ބާ ޖަމާލުއްދީން ތެޅުމުގެ މަސައްކަތް ފެށި ނަމަވެސް ސުކޫލުގެ އަމަލީ މަސައްކަތް ފެށިފައި ނުވެ އެވެ.
މިކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ވަނީ މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެ ސުކޫލުގެ އަމަލީ މަސައްކަތް މިއަދު ފެށޭނެ ކަމަށެވެ.
"މި މަހުގެ ނިޔަލަށް [ސުކޫލުގެ] ޑީޓެއިލް ޑްރޯވިން ވެސް ނިމޭނެ، އެހެންނަމަވެސް މިއަދުގެ ވަގުތެއްގައި އަސްލު އަމަލީ މަސައްކަތް ބާ ޖަމާލުއްދީން ހުރި ތަނުގައި ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިގޮތަށް މަސައްކަތް ކުރިއަށް ދާ ނަމަ އަންނަ އަހަރު އޮގަސްޓު މަހުގައި ދިރާސީ އާ އަހަރު ފަށާއިރު ސުކޫލުގައި ކިޔެވުން ފެށޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން އިމާރާތް ކުރަން ނިންމި ސުކޫލުގެ މަސައްކަތް މިހާތަނަށް ވެސް ފެށިފައިވާ ނުވާތީ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އެކަމާ ގުޅިގެން މުޒާހަރާ ވެސް މިފަހުން ކޮށްފައިވެ އެވެ.
އަރައްބިއްޔާގެ އާ އިމާރާތު މަޝްރޫއު ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ސުކޫލުގައި ހަތަރު ލިފްޓު ހަރުކުރާނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment