6 އޭޕްރީލް 2023 - 12:29 1
އާމިނަތު ނިއުޝާ
ހުވަދޫ އަތޮޅުގައި އާރުޓީއެލް ހިދުމަތް ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީގެ ހިދުމަތް މިހާރު ވަނީ ނިމިފައި، އިތުރު ފެރީތަކުގެ މަސައްކަތް ވެސް ހަލުވިކަމަ އެކު ކުރަމުންދާކަމަށް މި މަސައްކަތް ކުރާ އަލްޝާލީ މެރިން އިން ބުނި -- ފޮޓޯ:އެމްޓީސީސީ
6 އޭޕްރީލް 2023 - 12:29 1
ހުވަދޫއަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)ގެ ހިދުމަތް ފެށުމަށް ބޭނުންވާ ފުރަތަމަ ފެރީގެ މަސައްކަތް ނިމިއްޖެ އެވެ.
އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "އަލްޝާލީ މެރިން"އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ ފެރީގެ މަސައްކަތް ނިމި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެމްޓީސީސީން ބުނީ މިއީ އެ އާރުޓީއެލް ހިދުމަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އެމްޓީސީސީން ވަނީ މުޅި ރާއްޖޭގައި އާރުޓީއެލް ހިދުމަތް ދިނުމަށް ބޭނުންވާ ފެރީ ބަނުން އަލްޝާލީއާ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން އަލްޝާލީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް ޝަރީފް "އަދަދު"އަށް ވިދާޅުވީ، މިއީ މި މަސައްކަތުގެ ދަށުން ނިންމާލެވުނު ފުރަތަމަ ފެރީ ކަމަށާއި، ހިދުމަތް ދިނުމަށް ބޭނުންވާ އެހެން ފެރީތަކުގެ މަސައްކަތް ވެސް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.
"އާރުޓީއެލް ހިދުމަތަށް ބޭނުންކުރުމަށް އެމްޓީސީސީން މިކުންފުންޏާ ހަވާލުކޮށްފައިވާ ފެރީތަކުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ދަނީ ކުރިއަށް،" އިސްމާއިލް ޝަރީފް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމްޓީސީސީއިން 65 އާރުޓީއެލް ފެރީ ބަނުމަށް އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމުން ގދ. އަދި ގއ. އަތޮޅު ގުޅާލުމަށް ފަށާ އާރުޓީއެލް ހިދުމަތަށް ޖުމްލަ ހަ ފެރީ ބޭނުންވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މި ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގަ އެވެ. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
Comment