Advertisement

ރާއްޖޭގައި ކުމެވި ގިންތިކުރާ ގޮތް އެންމެ ރަނގަޅުތަ؟

5 އޭޕްރީލް 2023 - 16:43 2

އަބްދުﷲ ޝަހީދު

އަބްދުﷲ ޝަހީދު

-- އާޓްވޯކް: މުހައްމަދު ރައްޔާނު (ރައިޑޭ(/ އަ


ރާއްޖޭގައި ކުމެވި ގިންތިކުރާ ގޮތް އެންމެ ރަނގަޅުތަ؟

5 އޭޕްރީލް 2023 - 16:43 2

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (ކުމެވިތައް) ގިންތިކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ކުރާކަމެކެވެ. ކުމެވިތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ވިޔަފާރިތަކެވެ. އެކަމަކު އެފަރާތްތަކަށް އެހީތެރިކަން ބޭނުންވާ ދަރަޖަ ތަފާތެވެ. ކުމެވިތައް ގިންތިކުރުމުގެ ބޭނުމަކީ ސަރުކާރުތަކަށާއި، ކަމާއި ގުޅުންހުރި ފަރާތްތަކަށް އެފަދަ ވިޔަފާރިތަކަށް އެހީތެރިކަން ބޭނުންވާނެ މިންވަރު ދެނެގަނެ، ލިބިފައި ހުރި މަދު ނުވަތަ 'ލިމިޓެޑް' ފައިސާ އާއި ވަސީލަތްތައް އެ ބޭނުންވާ ފަރާތްތަކަށް އަދުލުވެރިކޮށް ލިބޭނެ ގޮތަށް ނިޒާމު ބައްޓަންކޮށްފައި ބޭއްވުމެވެ. ރާއްޖޭގައި ކުމެވިތައް ގިންތިކުރާ ގޮތް ވަނީ ގާނޫނު ނަންބަރު 6/2013, ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުން ކަނޑައެޅިފަ އެވެ. ދެހާސް އެކާވީސް ވަނަ އަހަރާ ހަމައަށް ކުމެވިތައް ގިންތިކުރުމުގައި ރާއްޖެއިން އަމަލުކުރަމުން އައީ ދުނިޔޭގެ ގިނަ އެހެން ގައުމުތަކެކޭ އެއްފަދައިން މުވައްޒަފުންގެ އަދަދާއި ލިބޭ އާމްދަނީގެ މިންވަރަށް ބަލައިގެންނެވެ. އެކަމަކު 2021 ގައި މި ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާއެކު، ކުމެވިތައް ގިންތިކުރުމުގެ މިންގަނޑަށް ނުވަތަ މެޓްރިކްސްއަށް ވިޔަފާރީގެ 'ފައިދާ' އިތުރުކުރެވުނެވެ. އަދި، މި ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހުން ކުރިން މިދެންނެވި އިސްލާހުގައި ހުރި މެޓްރިކްސްގެ ބައެއް އަދަދުތައް ބޮޑުކުރެވުނެވެ. ނަމަވެސް ފުރަތަމަ އިސްލާހުގައި އިތުރުކުރި ވިޔަފާރީގެ 'ފައިދާ' އުންޏެއް ނުކުރެ އެވެ. ފެންނަން ހުރި މައުލޫމާތު ތަކަށް ބުރަވާއިރު، ދުނިޔޭގައި ކުމެވިތައް ގިންތިކުރުމުގައި ވިޔަފާރީގެ ފައިދާ ހިމަނާފައި އޮތީ ރާއްޖޭގައި އެކަންޏެވެ. މިހެން ހެދުމުން ވިޔަފާރިތަކަށް ސިފަ ބަދަލުކޮށްގެން ނިޒާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ލިބިދެވެ އެވެ.

ވިޔަފާރީގެ ފައިދާ ހިމެނުމާއި، އަވަހަށް ގިންތި ބަދަލުވާގޮތަށް އޮތް އޮތުން އެންމެ ރަނގަޅުތަ؟

ވިޔަފާރީގެ ފައިދާ އާއި ގެއްލުމަކީ އެ ވިޔަފާރިއެއްގެ ހިސާބު ބެލެހެއްޓުމާއި ހަވާލުވެ ހުންނަ ފަރާތެއްގެ ކުޅަދާނަކަމާއި، ހިސާބުތައް ރެކޯޑުކުރުމުގައި ތަބާވާންޖެހޭ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކަށް ފަރިތަ މިންވަރެއްގެ މައްޗަށް ބަލާފައި، ބޭނުންވާ ވަކި ނަތީޖާއެއް ނެރެވޭ ގޮތަކަށް ވެސް އަނބުރާލެވޭނެ އެއްޗެކެވެ. ދުނިޔޭގެ ގާތްގަނޑަކަށް 167 ޖުރިސްޓިކްޝަނެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވިޔަފާރިތަކުގެ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަމުން އަންނަ އާންމު މިންގަނޑަކީ އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަޑްސް (އައިއެފްއާރްއެސް) އެވެ. އައިއެފްއާރްއެސް އަކީ އެވެނި މިވެނި ގޮތަކަށް ކަންކުރާން އަންގާ، ކަންކަން މާބޮޑަށް ތަފްސީލުކޮށް، 'ރޫލް' ހެދުމުގެ ބަދަލުގައި، ވަކި ހަމަތަކާއި އުސޫލުތަކެއް ބަޔާންކޮށް، ދިމާވާ އެކިއެކި ހާލަތްތަކުގައި އެ ވިޔަފާރިއަކަށް އަމަލު ކުރެވިދާނޭ ގޮތްތަކެއް ބަޔާންކުރާ، 'ޕްރިންސިޕަލް ބޭސްޑް' އެއްޗެކެވެ. ވިޔަފާރީގެ މުއާމަލާތްތައް ރެކޯޑުކުރުމުގައި އެ މުއާމަލާތެއްގެ 'އިކޮނޮމިކް ސަބްސްޓޭންސް' ކަނޑައެޅުން ދޫކޮށްލެވިފައި އޮންނަނީ 'ޕްރޮފެޝަނަލް ޖަޖްމެންޓް' އަށެވެ. ބައެއް ގައުމުތަކުގައި، މިސާލަކަށް އޮސްޓްރޭލިޔާ، ބައެއް ބަދަލުތަކަކާއެކު، އެ ގައުމުތަކަށް ފެތޭ ގޮތަށް އައިއެފްއާރްއެސްއަށް ބިނާކޮށް އަމިއްލަ އެކައުންޓިން ސްޓޭންޑަޑްސް ހަދާފައި ހުއްޓަސް، ރާއްޖޭގެ ސީއޭ މޯލްޑިވްސްގެ ކައުންސިލުން ނިންމާފައި ވަނީ އެއްވެސް ބަދަލެއް ނުގެނެސް އައިއެފްއާރްއެސް ހުރި ގޮތަށް ރާއްޖޭގައި 'އެޑަޕްޑް' ކުރާށެވެ. އެއީ ރާއްޖޭގައި ކަމުގެ މާހިރުންގެ މަދުކަމާއި، ވަސީލަތްތައް މަދުކަމުގެ މައްޗަށް ބަލާއިރު ނިންމި ރަނގަޅު ނިންމުމެއްވެސް މެއެވެ.

މި ހިސާބުން، ވިޔަފާރީގެ ފައިދާ ނުވަތަ ގެއްލުން ވަކި ގޮތަކަށް އަނބުރާލުމަށް ގާނޫނީ މާބޮޑު ހުރަހެއް ނެތް ކަމާއި، އެ ބަޔެއްގެ 'ޕްރޮފެޝަނަލް ޖަޖްމެންޓް' އަށް އެކަން އެ މަގުން ގެންދިޔުމަށް ހެދިފައިވާ އުސޫލުތަކެއްގެ ބޭނުން ހިފައިގެން ޖާގަ ލިބޭކަންވެސް އެބަ އެނގެއެވެ. މީރާއިން ޓެކްސްއަށް ވަކި ފައިދާއެއް ޓެކްސްގެ ބޭނުމަށް ހިސާބުކުރަނީ ވެސް މިފަދަ އުކުޅުތައް ވިޔަފާރިތަކުން ބޭނުންކޮށްފާނެތީ އެވެ. ރާއްޖެއަކު އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ކަހަލަ ގޮތަކަށް މިކަން އޮތީ މިހެންނެވެ. އެއީ ގާނޫނީ ގޮތުން މަނާކަމެއް ވެސް ނޫނެވެ. އަދި ގައުމުތަކުގައި ވިޔަފާރީގެ ފައިދާ ކުމެވިތައް ގިންތިކުރުމުގައި ނުހިމަނާ ސަބަބަކީވެސް މިއީ އެވެ. މިސާލެއް ނަގަމާ ހިނގާށެވެ. ވިޔަފާރިއަކުން ބޮޑު އައިސް ޕްލާންޓެއް 10 މިލިއަން ރުފިޔާއަށް ގަތީ އެވެ. އައިއެފްއާރްއެސްގައި ބުނަނީ އެ ހަރު މުދަލެއްގެ އަގާއި އެ ހަރު މުދަލެއްގެ ސަބަބުން ކުރިމަގުގައި ވިޔަފާރިއަށް ކުރާނެ އިގުތިސާދީ ފައިދާ އާއި، އެ ހަރު މުދަލެއް ކުރިމަގުގައި ބޭނުންކުރާނޭ ގޮތެއްގެ މައްޗަށް ބިނާކޮށް، 'ސިސްޓަމެޓިކް' ކޮށް، ރޭވުންތެރިކަމާއިއެކު އޭގެ އަގު، އެ ހަރުމުދާ ހަލާކުނުވެ ބޭނުންކުރެވޭ މުއްދަތަކަށް ބަހާލުމަށެވެ. މި އައިސް ޕްލާންޓް ވިއްކި ކުންފުނިން އައިސް ޕްލާންޓްގެ އުމުރަކީ ފަސް އަހަރުކަމަށް ލިޔެކިޔުންތަކުގައި ކަނޑައަޅާފައި އޮވެއްޖެއްޔާ، އެއްގޮތަކީ 10 މިލިއަން ފަސް އަހަރަށް އެއްވަރަކަށް ބަހާލުމެވެ. އޭރުން އަހަރަކަށް ހަރަދު (ޑިޕްރިޝިއޭޝަން) ގެ ގޮތުގައި ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓުގައި ހިމަނާނީ ދެ މިލިއަން ރުފިޔާއެވެ. އަނެއް ގޮތަކީ، އެ އައިސް ޕްލާންޓްގެ ޕާފޯމެންސް އޭގެ އުމުރުގެ ކުރީކޮޅު ބޮޑަށް ރަނގަޅުވާނެކަމަށް ބަލާ، އުމުރުގެ ކުރީކޮޅު އޭގެ އުފެއްދުންތެރިކަން ބޮޑުވާނެކަމަށް އަންދާޒާކޮށް، އެއީ މިންގަނޑެއްގޮތަށް ބަލާފައި 10 މިލިއަން ރުފިޔާ ފަސް އަހަރަށް ތިރީގައިމިވާ އިންސައްތައިން ބަހާލުމެވެ.


އައިއެފްއާރްއެސްގެ އައިއޭއެސް 16 އިން މި ދެގޮތުންކުރެ ކޮންމެ ގޮތެއް އިހުތިޔާރުކުރުމަށް ވެސް ހުރަހެއް ނާޅަ އެވެ. އޭގައި މައްސަލައެއް ވެސް ނެތެވެ. އެ ވިޔަފާރިއެއްގެ މޮޑެލްއާއި، ކުރިއަށް ރޭވިފައި ހުރި ކަންކަމާއި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އެނގޭނީ އެ ވިޔަފާރިއަށެވެ. ކޮންމެ އަހަރެއްގައިވެސް މި އުސޫލުން، އަދުލުވެރި އަސާސަކަށް ބިނާކޮށް މި 10 މިލިއަންގެ ހަރަދު ބަހާލައި، އެގޮތަށް އެކަންކުރި ސަބަބު ތަފްސީލުކޮށް ލިޔެ، ބަލަހައްޓައިފިއްޔާ އޭގައި މައްސަލައެއްނެތެވެ. އަދި އަހަރަކު އެއްފަހަރު، އެ ހަރު މުދަލެއް ގަތް އަގުން ޑިޕްރިޝިއޭޝަނަށް އުނިވާނެކަމަށް އަންދާޒާކުރި އަދަދާއި، އަސްލު އުނިވި އަދަދާއި އަޅާކިޔުމަށްފަހު، 'ރީވެލުއޭޝަން' އަކަށްވެސް ދެވިދާނެއެވެ.

އެއީ އެންމެ މިސާލެކެވެ. މިކަހަލަ މިސާލުތައް ބައިވަރެވެ. ހަރު މުދަލުގެ އަގުތައް 'ރީއެސެސް' ކޮށް، ޑައިރެކްޓަރުންގެ ރެމިއުރެނޭޝަނަށް ބަދަލު ގެނެސް، ފިކުރީ މުދާތައް، މިސާލަކަށް ބްރޭންޑްތައް އަގުކޮށް، 'އެމޮޓައިޒް' ކޮށް ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓުގައި ހިމަނައި، 'ޕްރޮވިޝަން' ތައް އުފައްދައި، ހަރަދުތައް ބޮޑުކޮށްލެވިދާނެ އެވެ. މީގެ ކޮންމެ ނިންމުމެއްވެސް ލިޔެކިޔުމުން، އަދުލުވެރި އަދި ބުއްދި ގަބޫލުކުރާ އަސާސަކަށް ބިނާކޮށްފައި ހުރެއްޖެއްޔާ އެކަން އެމަގުން ކުރިއަށް ގެންދިޔުމަކީ އެވިޔަފާރިއަކަށް އޮތް އިހުތިޔާރެކެވެ. ވިޔަފާރިތައް ގިންތިކުރުމުގައި ވިޔަފާރީގެ 'ޕާފޯމަންސް' ނޫނީ ފައިދާއަށް ނުބަލަނީ އެކަންކަމަކީ އެއީ ފަސޭހައިން ވަކި އުސޫލުތަކަކުން ރައްކާތެރިކަން ލިބިގެން، ވަރަށް ހާމަކަން ބޮޑު ގޮތެއްގައިވެސް ބައެއް ފަހަރަށް 'މެނުޕުލޭޓް' ކުރެވޭ އެއްޗަކަށް ވާތީ އެވެ. މިކަން މިހެން ހުރުމުގެ ސަބަބުން، ވިޔަފާރިތައް ގިންތިކުރުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ކަހަލަ ގޮތަކަށްވެސް ބަލަނީ މުވައްޒަފުންގެ އަދަދާއި، ލިބޭ އާމްދަނީއާއި އަދި ބައެއްފަހަރު 'އެސެޓް' ގެ މިންވަރަށެވެ.

ދެން އެ ގާނޫނުގައި އޮތީ އަހަރަކު އެއްފަހަރު ގިންގި ބަދަލުކުރެވޭނެ ގޮތަށް އޮތް އޮތުމެވެ. އެއީ އަމިއްލައަށް އެދިގެންނާއި މީރާއިން ރަޖިސްޓްރާއަށް ހުށަހަޅާ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ. އެކަމަކު މީގައި ވިސްނާލަންޖެހޭ ތަންކޮޅަކީ ކުދި ވިޔަފާރިން މެދު ވިޔަފާރިއަށް ބަދަލުވެވޭހާ ފަސޭހައިން މެދު ވިޔަފާރިއަކުން ކުދި ވިޔަފާރިއަކަށް، ނޫނީ ބޮޑު ވިޔަފާރިއަކުން މެދު ވިޔަފާރިއަކަށް ބަދަލު ވެވޭގޮތަށް އޮންނަ އޮތުމަކީ އެންމެ ރަނގަޅުގޮތްތޯ އެވެ. އަދި، ޕެންޝަނުން ރަޖިސްޓްރާއަށް ހުށަހަޅާ މުވައްޒަފުންގެ މައުލޫމާތަށް ހަމައެކަނި ބަލާފައި، އެއީ އެވިޔަފާރިއެއްގެ އިންސާނީ ވަސީލަތްކަމުގައި ނިންމުމަކީވެސް އެކަމާއިމެދު ވިސްނާލުން މުހިންމުކަމެކެވެ. ސަބަބަކީ މުވައްޒަފުން މަދުކަމަށް ދައްކަން މަސައްކަތު ކޮންޓްރެކްޓް ހަދައިގެން މަސައްކަތް ކުރުމުވަކީވެސް ބައެއް ވިޔަފާރިތަކުން ކުރުވާކަމެވެ. އަދި، ޕެންޝަނުން ކޮންމެ ޖުލައި މަހެއް ނިމުމުގެ ކުރިން އެ ފޮނުވާ މައުލޫމާތުން، މަސް ނިމޭއިރު ހުރި މުވައްޒަފުންގެ އަދަދަށް އެކަނި ބަލައިފިއްޔާވެސް ހަމަ މި މައްސަލަ ދިމާވާނެއެވެ.

ނުކުމެދާނެ ނަތީޖާއަކީ ކޮބާ؟

މީގެ ނަތީޖާއަކީ މެދު ފަންތީގެ ވިޔަފާރިތައް، ކުދި ފަންތިއަށް، އަދި އެންމެ ކުދި ފަންތީގެ ވިޔަފާރިތައް ކުދި ފަންތީގެ ވިޔަފާރިތައް ގިންތިކުރުމަށް، ނާޖާއިޒު ގޮތަކުން މިހާރު ގާނޫނުން މަގުފަހިވެފައި އޮތުމުގެ ބޭނުން ދަނޑިވަޅު ބަލާފައި މީހުން ބޭނުންކުރުމެވެ. ތިރީސް ފަސް މުވައްޒަފުން ގެންގުޅޭ ތިރީސް މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ 'ފްރާޒްޗައިޒް' ފާސްޓް ފޫޑް ރެސްޓޯރެންޓެއް ވެސް މިހާރު ކުމެވި ގާނޫނުގައި ބަޔާންކުރާ މެޓްރިކްސްއާއި ފޯމިއުލާ ބޭނުން ކުރުމުން މެދު ފަންތީގައި ހުރެފައި ކުދި ފަންތިއަށް، ފައިދާ ގެއްލުމަކަށް ބަދަލުކޮށް، މުވައްޒަފުންގެ އަދަދު ކުޑަކޮށް މަދުކޮށްގެން އާދެވިދާނެ އެވެ. އަދި ހަމަ އެއާއިއެކު، އެންމެ ކުދި ވިޔަފާރި ގިންތިން ކުދި ވިޔަފާރި ގިންތިއަށް ވެސް، ގެއްލުމަކުން ނުވަތަ ކުޑަ ފައިދާއަކުން ބޮޑު ފައިދާއަކަށް ބަދަލުކޮށްގެން އާދެވިދާނެ އެވެ. ކުރާން ޖެހޭހާވެސް ކަމަކީ ވިސްނުންތެރިކަމާ އެކީ، ރަނގަޅު ޕްލޭނެއްގެ ދަށުން އެ މެޓްރިކްސްގައި ބަޔާންކުރާ މިންވަރަކަށް ފައިދާއަށް ބަދަލުގެނެސް ކުމެވި ރަޖިސްޓްރޭޝަނަށް ހުށަހެޅުމެވެ.

މިހެން ވުމުން ސަރުކާރުންނާއި އެހެން ފަރާތްތަކުން ކުމެވިތަކަށް އަމާޒުކޮށްގެން ތަރާރަފު ކުރާ ސްކީމްތަކުން، އޭގެ އެންމެ ހައްގުވެރި ފަރާތްތައްނޫން އެހެނިހެން ފަރާތްތަކުން މަންފާ ހޯދުމުގެ ފުރުސަތު ލިބިދެ އެވެ. މިސާލަކަށް، ތިރީސް މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ރެސްޓޯރަންޓް، މަދު މީސްކޮޅަކާއެކު ހެދިކާ ހަދައިގެން އާމްދަނީ ހޯދާ މީހާއާ އެއް ނާޅިއަކުން މިނާލުމުގެ ފުރުސަތު ލިބިދެވުމަކީ އެންމެ އިންސާފުވެރި ގޮތްތޯ އެވެ؟ އެންމެ ކުދި ވިޔަފާރިއަށް އަމާޒުކޮށްގެން ހިންގާ ޕޮރޮގްރާމަކުން އޭގެ މަންފާ ހޯދުމަށް ވާދަކުރެވެންވާނީ ވެސް، އެއް ފަންތިއެއްގައި ވާދަކުރާ އަނެއް ވިޔަފާރިއަށެވެ. އަދި މެދު ފަންތިއަށް އަމާޒުކޮށްގެން ހިންގާ ޕޮރޮގްރާމަކުން އޭގެ މަންފާ ހޯދުމަށް ވާދަކުރެވެންވާނީވެސް މެދުފަންތީގެ މީހާއަށެވެ.


ގާނޫނަކީ އަބަދަކު ފަސޭހައިން ބަދަލުކުރެވޭ އެއްޗެއް ނޫނެވެ. އެއްވެސް އެއް ސަރުކާރަކަށް ދާއިމީ ހިޔާވަހިކަމެއް ދައުލަތުތެރޭގައި ކަށަވަރެއް ނުކުރެވޭނެއެވެ. ސަރުކާރުތައް އަބަދުވެސް ބަދަލުވާނެ އެވެ. މާނައަކީ ސަރުކާރުގެ ސިޔާސަތަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އެކި ސަރުކާރުތަކުގެ ސިޔާސަތު ތަފާތުވާނެ އެވެ. އެކި ސަރުކާރުތަކުން ކުމެވިތަކާއި މެދު ދެކޭ ދެކުމާއި، އެ ވިޔަފާރިތައް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖިނިއަރިން ވެސް ތަފާތުވާނެ އެވެ. މިއަދު އެންމެ ކުދި ވިޔަފާރި، ކުދި ނުވަތަ މެދު ވިޔަފާރިއާ ވާދަނުކޮށް، ލޯނާއި އެހީ ހޯދުމުގެ މަގު ތަނަވަސްވެފައި އޮވެދާނެ އެވެ. އެކަމަކު ގާނޫނު މިހާރު ފަރުމާކުރެވިފައި އޮތް ގޮތުގެ ސަބަބުން މާދަމާ އެހެން ސަރުކާރެއް އައިސް، ގާނޫނުގައި ހުރި އެންމެ ކުދި ގުޅަ ބަޖިޔާ ހަދާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ސްކީމަކަށްވެސް، ނާޖާއިޒްގޮތުގައި ގާނޫނުގައިވާ މެޓްރިކްސްއަށް އަމިއްލައަށް ފެއްތިގެން، މެދު ވިޔަފާރިއަކުން ވާދަކޮށްފާނެއެވެ. އޭރުން ގާނޫނީ ގޮތުން ސަރުކާރަށް ކުރެވޭނޭ މާބޮޑު ކަމެއް ނޯންނާނެއެވެ. އާހިރު ނަތީޖާއަކަށްވާނީ، އެންމެ ކުދި ނޫނީ ކުދި ވިޔަފާރިތަކަށް ގޮންޖެހުންތައް ދިމާވުމެވެ. އެކަމަކު ގާނޫނު މިހާރު އޮތްގޮތުން އެއްކަލަ ރެސްޓޯރަންޓާއި ކުދި ވިޔަފާރިއާއި މިއޮތީ، ރެސްޓޯރަންޓްގެ ފައިދާ ދަށްކޮށް، ސިފަ ބަދަލުކުރުމުގެ ސަބަބުން އެއް ގިންތިއަކަށް ވެއްޓެން ފުރުސަތު ލިބިދެވޭ ފަދަ ގޮތަކަށެވެ.

ގާނޫނަށް ބަދަލުގެނައީ ކީއްވެ؟

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން 'ފައިދާ' އެންމެ ފުރަތަމަ ހިމެނި އިސްލާހު ހިމެނޭ ގޮތަށް ބިލަށް ޖުމްލަ ހޭދަކޮށްފައިވަނީ 8 ގަޑިއިރާއި 10 މިނެޓެވެ. ޖުމްލަ ބާއްވާފައިވަނީ 5 ބައްދަލުވުމެވެ. މުޅި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަލާއިރު އެކަށީގެންވާ މިންވަރަކަށް މިކަމަށް ވަގުތު ހޭދަކުރެވުނުކަމަކަށް ދެންނެވޭކަށް ނެތެވެ. ކޮމިޓީއިން ބިލަށް ހުށަހަޅާފައިވަނީ އެންމެ ތިން އިސްލާހެވެ. އެއީ ބިލުގެ މާއްދާއެއް އުނިކުރުމާއި، މާއްދާއެއްގެ ފަހަތަށް އަކުރެއް އިތުރުކުރުމާއި، އަނެއްކާވެސް އަކުރެއް އިތުރުކުރުމެވެ. ބިލުގައި ހުރި މުހިންމު އެއްވެސް ކަމަކަށް ފުންކޮށް ވިސްނާފައި، ނަޒަރުކޮށްފައި ހުރި ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ. ސަރުކާރުން ބިލު ފޮނުވި ގޮތަށް ބިލު ފާސްކުރީއެވެ. އެސްއެމްއީ ފެޑެރޭޝަނުން ހުށަހެޅި ހިޔާލުތަކަށް އިކޮނޮމިކް މިނިސްޓްރީއިން ކުރި ކޮމެންޓްތައް މިނިސްޓްރީގެ ވެބްސައިޓުގައި ފެންނާން އެބަހުރިއެވެ. މިކޮމެންޓްތަކަށް ރިއާޔަތްކުރާއިރު، މިނިސްޓްރީ އިން 'ފައިދާ' ހިމަނަން ނިންމީ އެކި ވިޔަފާރި މޮޑެލްތަކަށް ފެތޭ މިންގަނޑެއް ތައާރަފު ކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ތިރީގައި މި ނަކަލު ކުރަނީ މިނިސްޓްރީގެ ކޮމެންޓުން ތަންކޮޅެކެވެ.

"މިގޮތުން، އެސްއެމްއީ ފެޑެރޭޝަންގެ މިހުށަހެޅުމުގައި ބަޔާންކުރާ އިމާރާތްކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުންވެސް، މިސާލަކަށް ޓްރެވަލް އެޖެންސީފަދަ ވިޔަފާރިތަކަކީވެސް، ހަމަ މިފަދަ ގޮތަކަށް އާމްދަނީގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހިސާބުކިތާބުގެ ތެރެއަށް ވަދެވި، އެހެނަސް ވިޔަފާރީގެ ފައިދާއަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރަކަށްވުމުގެ ފުރުސަތު އޮންނަ މޮޑެލްގެ ވިޔަފާރިތަކެކެވެ. އެހެން ނަމަވެސް މިއާ ޚިލާފަށް ތަފާތު އަނެއް މޮޑެލްގެ ވިޔަފާރިތަކަކީ، (މިސާލަކަށް ޕްރޮފެޝަނަލް ސަރވިސަސް)، އޯވަރހެޑް ކޮސްޓްތައް މަދު، އާމްދަނީގެ ބޮޑު ނިސްބަތެއް ފައިދާގެ ގޮތުގައި ނެރޭނެ މޮޑެލްގެ ވިޔަފާރިތަކެކެވެ. މިގޮތުން، ތަފާތު ހުރިހާ މޮޑެލްގެ ވިޔަފާރިތަކަކަށް ރިއާޔަތްކުރާއިރު، އާމްދަނީއަށް ނުބަލައި ހަމައެކަނި ފައިދާއަށް ބަލާނަމަ، އިސްވެ ފަހުން ބަޔާންކުރި މޮޑެލްގެ ވިޔަފާރިތަކަށް ގިންތިކުރުމުގައި ނުރަނގަޅު އަސަރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މީގެ އިތުރުން، އާމްދަނީ އަށް ނުބަލައި، ހަމައެކަނި ފައިދާއަށް ބަލާނަމަ، ނުކުމެދާނެ އަނެއް ނުރަނގަޅު ނަތީޖާއަކީ، ވިޔަފާރި މިސްމެނޭޖްމަންޓުގެ ސަބަބުން، ނުވަތަ ދަރަންޏެއް ނެގުމުގެ ސަބަބުން ނަމަވެސް، އާމްދަނީ ކިތަންމެ ބޮޑުވި ނަމަވެސް ސާފު ފައިދާގެ ގޮތުގައި ހިސާބުކުރެވޭ އަދަދު ދަށްވާ ކޮންމެ ފަހަރަކު، ކުދި އަދި މެދު ފަންތީގެ ތެރެއިން ނިސްބަތްވާ ގިންތި ދަށްވުމެވެ."

ރަނގަޅު ވާހަކައެކެވެ. ކޮންސްޓްރަކްޝަން އަދި ޓްރެވެލް އެޖެންސީ އަކީ ނަގަންވެސް ރަނގަޅު ދެ މިސާލެވެ. ކޮންސްޓްރަކްޝަން ކުންފުނިތަކުން މަސައްކަތް ސަބް ކޮންޓްރެކްޓް ކުރުމަކީ ވަރަށް ކުރާ ކަމެކެވެ. މާނައަކީ މުޅި ޕްރޮޖެކްޓްގެ އަގު އެ ކުންފުންޏަށް ލިބުނަސް، ސަބް ކޮންޓްރެކްޓްގެ އަގު، އެ އާމްދަނީ އިން އުނިކީމައި ފުރަތަމަ ރެކޯޑު ކުރި ޖުމްލަ އާމްދަނީއިން ފައިދާއަށް ނެރެވޭ މިންވަރު ދަށްކަމަށް ހިސާބުތަކުން ދައްކާނެއެވެ. ޓްރެވެލް އެޖެންސީތަކަށްވެސް، ޓޫރިސްޓުން ނޫނީ ބޭރުގައި ހުންނަ އެހެން ޓްރެވެލް އެޖެންޓަކު ކޮޓަރިއާއި ފްލައިޓްގެ ޖުމްލަ އަގު ދެއްކީމައި، އެ އެޖެންސީއެއްގެ ކޮމިޝަން ކަނޑާފައި ބާކީވާ ހުރިހާ ފައިސާއެއް ފޮނުވަނީ އެ އެއާލައިނަކަށާއި ރިޒޯޓަށެވެ. މި ދެ ހާލަތުގައިވެސް، މުޅި އިމާރާތާއި ހިދުމަތުގެ ޖުމްލަ އަގު ރެކޯޑު ކުރަނީ އެ ވިޔަފާރިތަކުގެ ފޮތުގައި 'ރެވެނިއު' އެއް ގޮތަށެވެ. މިގޮތަށް ރެކޯޑުކޮށްފައި، ދެން ކުރާ ކަމަކީ ބޮޑު 'ކޯސްޓް' އެއް ރެކޯޑުކުރުމެވެ. އެއީ ސަބްކޮންޓްރެކްޓް ކޯސްޓާއި، ރިޒޯޓަށާއި އެއަރލައިނަށް ދައްކަން ޖެހޭ ފައިސާގެ އަދަދުތަކެވެ. އެހެންކަމުން ފައިދާ ދަށްކަމަށް ދައްކާނެވެ. ސުވާލަކީ މިކަމުގެ ހައްލަކީ 'ފައިދާ' ކުމެވި ގިންތިކުރުމުގައި ހިމެނުންތޯއެވެ؟ ނޫނީ ކުރީންވެސް ގާނޫނުގައި އޮތް ގޮތަށް އާމްދަނީއާއި މުވައްޒަފުންގެ އަދަދަށް ބަލާފައި، އެކަމަކު މެޓްރިކްސްގައި ކަނޑައަޅާފައިވާ އަދަދުތައް އިންޑަސްޓްރީތަކަށް ތަފާތުކުރުންހެއްޔެވެ؟ ނުވަތަ 'ފައިދާ' އުނިކޮށްފައި 'ބެލެންސް ޝީޓު' ގެ 'އެސެޓްސް' ހިމެނުންތޯއެވެ؟ މީގައި ބޮޑަށް ރަނގަޅުގޮތަކީ ކޮބައިތޯއެވެ؟

ގާނޫނަށް ގެނެވިދާނެ ހައްލާއި ތަންފީޒުކުރުމުގައި ބަލަންވީ ކަންކަން

ވިޔަފާރިތައް އެކި ސައިޒުތަކަށް ގިންތިކުރުމުގައި އެ ވިޔަފާރިއެއް މާކެޓުގައި ފައްކާވެ، ބޮޑުވެ، މޫލައި، ފެތުރިފައިވާ މިންވަރަށް ބަލަންޖެހޭނެއެވެ. ކުމެވި ގިންތިކުރުމުގެ މަފުހޫމު ބިނާވާންޖެހޭނީ މި އަސާސްތަކަށެވެ. އެ ވިޔަފާރީގެ އުފެއްދުންތެރިކަމާއި، ވިޔަފާރީގައި މުވައްޒަފުން ތިބި އަދަދާއި ކަސްޓަމަރުން ތިބި އަދަދާއި އިންސާނީ ވަސީލަތްތައް ހުރި މިންވަރާއި ފިކުރީ އުފެއްދުންތައް ހުރި މިންވަރާއި، ހަރުމުދަލާއި، ހަކަތައާއި 'ރީސޯސަސް' އާއި އޮޕަރޭޝަންގެ ކުޑަ ބޮޑު މިނާއި މިކަންތައްތަކަށެވެ. 'ކުޑަ'، 'ބޮޑު' ދެނެގަނެވޭނީ މިކަންކަމުންނެވެ. ވިޔަފާރީގެ 'ފައިދާ' އަށްވުރެ ބޮޑަށް ސައިޒު ގިންތިކުރުމުގައި ދުނިޔޭގެ ގައުމުތަކުން ބަލަނީ މި މިންގަނޑުތަކަށެވެ. މި އަސާސްތަކަށެވެ. ރާއްޖޭގައިވެސް، އަދި ދުނިޔޭގައިވެސް ވަރަށް ބޮޑެތި، އެކަމަކު ފައިދާ މާ ބޮޑުކަމަށް ނުދައްކާ ބައިވަރު ކުންފުނިތައް އެބަހުއްޓެވެ. ޓެކްސްވެސް ދައްކަނީ މަދުންނެވެ. އެއީ އިސްވެ ކުރީގައި ބަޔާންކުރެވުނު ކަންކަމުގެ ސަބަބުންނެވެ. ވިޔަފާރީގެ ފައިދާއަކީ މެނުޕުލޭޓް ކުރެވޭ އެއްޗަކަށް ވާތީއެވެ. މިނިސްޓްރީގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވިދާނެ އެއްގޮތަކީ، އެކި ދާއިރާތަކަށް، ވިޔަފާރި ގިންތިކުރާ މިންގަނޑުގައި އާމްދަނީއާއި މުވައްޒަފުންގެ އަދަދު ތަފާތުކުރުމެވެ. އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރާއިރު، މިއީ މިހާރުވެސް ހިމަނާ މައުލޫމާތެވެ. އަނެއް ގޮތަކީ، ބެލެންސް ޝީޓުގެ 'އެސެޓްސް'، 'ފައިދާ' އުނިކޮށްފައި މި މިންގަނޑަށް އިތުރުކުރުމެވެ. މިގޮތަށް ހަދާއިރުވެސް، އެކި ދާއިރާތަކަށް ކަނޑައަޅާ އަދަދު ތަފާތު ކުރެވިދާނެއެވެ. މިގޮތަށް ބެލުމުން މަތީގައި މިދެންނެވި އެންމެހާ ކަންކަން 'ކެޕްޗާ' ކުރެވި، ވަށާ ޖެހޭގޮތަކަށް އެހުރިހާ ކަމެއް ގިންތިކުރުމުގެ މިންގަނޑަށް ލެވޭނެއެވެ.


އަދި ހަމަ އެއާއިއެކު، ބޮޑު ވިޔަފާރިތަކުން މެދު ވިޔަފާރިއަށް، ނުވަތަ މެދު ވިޔަފާރިން ކުދި ވިޔަފާރިއަށް، މިހާރު ފަސޭހައިން ބަދަލު ވެވޭނެ ގޮތަށް އޮތް އޮތުންވެސް، އެއަށްވުރެ އުނދަގޫ ކޮށްލެވިދާނެއެވެ. މިގޮތުން، ކޮންމެ އަހަރެއްގެ ހިސާބުތަކަށް ބެލުމުގެ ބަދަލުގައި، ތިން އަހަރުގެ އެވްރެޖެއް ނެގިދާނެއެވެ. މީގެ ބޭނުމަކީ އާމްދަނީ އާއި މުވައްޒަފުންގެ އަދަދު 'މެނުޕުލޭޓް' ކޮށްގެން ވިޔަފާރީގެ ސައިޒް ކުޑަކަމަށް ދައްކަން އުޅޭ ފަރާތްތަކަށް އެކަން އެމަގުން ކުރިއަށް ގެންދަން ގޮންޖެހުމަކަށް ހެދުމެވެ. އަދި، ވަކި އަހަރުތަކެއްގައި ކޮންމެވެސް ސަބަބަކާއި ހެދި ވިޔަފާރީގެ ކުރިއެރުން ދަށްވުމުން، އެ އަހަރުގެ ހިސާބުތައް ބޭނުންކޮށްގެން ގިންތި ދަށްކުރަން އުޅޭ އުޅުންވެސް މަދުކުރުވުމެވެ. އަދި، ހަމައެއާއިއެކު ޕެންޝަން އޮފީހުން ކޮންމެ އަހަރެއްގެ ޖުލައިމަހު ހިއްސާ ކުރާ މައުލޫމާތުން މަސް ނިމުނުއިރު ތިބި މުވައްޒަފުންގެ އަދަދަށް ބެލުމުގެ ބަދަލުގައި، އަހަރުގެ ޖުމްލަ އެވްރެޖަށް ބެލިދާނެއެވެ. ހަމަ އެއާއިއެކު އެ ވިޔަފާރިއެއްގައި ގެންގުޅޭ އިންޑިޕެންޑެންޓް ކޮންޓްރެކްޓަރުންގެ މައުލޫމާތު ނެގޭނެގޮތަކަށް މީރާއަށް ނޫނީ ޕެންޝަނަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ފޯމެޓަށް ބަދަލު ގެނެވިދާނެއެވެ. މިހެން ހެދުމުން، އަސްލު އެ ވިޔަފާރިއެއްގެ އިންސާނީ ވަސީލަތް ހުރިނެތް މިންވަރެއް ޔަގީންކުރެވޭނެ އެވެ.

ގާނޫނަށް މަކަރުހަދާނެ މީހުން އަބަދުވެސް އުޅޭނެއެވެ. އެފަދަ މީހުންނަށް ޖެހޭނީ ފިޔަވަޅު އަޅާށެވެ. އެފަދަ މަދުބަޔެއްގެ ސަބަބުން އެހެން މީހުންނަށް ދަތިވާގޮތަށް ގާނޫނު ފަރުމާކުރުން އެއީ އެންމެ ރަނގަޅުގޮތެއްވެސް ނޫނެވެ. އަދި އެހެން ގައުމުތަކުގައި ކަންކުރާގޮތްތަކެއް އަޅުގަނޑުމެން ކޮންމެހެން ނަކަލުކުރާކަށް ނުޖެހެއެވެ. ރާއްޖޭގެ ގާނޫނުތަކާއި ޕޮލިސީތައް ހަދަންވާނީ ރާއްޖެއާއި އެންމެ ގުޅޭ ގޮތަކަށެވެ. ނަމަވެސް މީގެ މާނައަކީ ހަދަންޖެހޭ ދިރާސާތައް އެކަށީގެންވާ މިންވަރަކަށް ނުހަދާ، އަދި އެކަންކަމަށް ވަގުތުނުދީ، އަވަސް އަރުވާލައިގެން، ދާއިރާގެ އެއްބަޔަކު ކުރާ ޝަކުވާތަކުގެ ސަބަބުން އުފެދޭ ބޮލު ރިހުމަކަށް ނިމުން ގެންނަން، އެކަމަށް އަމާޒު ބަހައްޓައިގެން އަވަސް އަވަހަށް ގާނޫނުތައް ފާސްކުރުމެއްވެސް ނޫނެވެ. އަދި، ފާހަގަވާ ވަރަށް ހުންނަ، ފާޅުކަންބޮޑު ބޭއިންސާފާއި، ގެއްލިދާނެ ހަމަހަމަކަން ވަރިހަމަކޮށްލައިގެން ގާނޫނުތައް ހެދުމެއްވެސް ނޫނެވެ. ގާނޫނުތައް ހަދަންޖެހޭނީ އެއަށްވުރެ ވިސްނުން ބަހައްޓައިގެން ފަރުވާތެރިކަމާއިއެކުއެވެ.