4 އޭޕްރީލް 2023 - 12:45 0
4 އޭޕްރީލް 2023 - 12:45 0
ބާސެލޯނާ (އޭޕްރީލް 4) - ރެފްރީންނަށް ރިޝްވަތު ދީ ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ދައްކަވާފައިވާ ވާހަކަތަކާ ހިތްހަމަނުޖެހިގެން ބާސެލޯނާއިން ޓެބާސްގެ އިސްތިއުފާ ދެއްވުމަށް ގޮވާލައިފި އެވެ.
ސްޕެއިންގެ ރެފްރީން ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާ އަށް ބާސެލޯނާ އިން ރިޝްވަތުގެ ފައިސާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ މިހާރު ލަލިގާ އާއި ޔުއެފާ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބާސެލޯނާ އިން ވަނީ ރެފްރީ ނެގްރެއިރާގެ ހިއްސާ އޮންނަ ޑަޒްނިލް 95 އަށް 2001 އިން 2018 އަށް ޖުމްލަ އެކު، ނުވަ މިލިއަން ޑޮލަރު ދީފަ އެވެ.
ޑަޒްނިލް 95 އަށް ބާސެލޯނާ އިން އެކި ފަަހަރު މަތިން ދިން މި ފައިސާތަކާ ގުޅޭ ލިޔެކިޔުންތަކުގައި ފުށުއެރުން ގިނަ ކަންކަން ހިމެނޭއިރު، ސްޕެއިނުގެ ޓެކްސް އޮތޯރިޓީން ވެސް ވަނީ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ބާސެލޯނާގެ މަައްޗަށާއި، އެ ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށެވެ. ދައުވާގައި ވާގޮތުން ބާސެލޯނާ އިން ވަނި ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވާލާފައިވާ ކަމަށްވެ، އެވެ.
މައްސަލަ ބަލަމުން އަންނަ އިންވެސްޓިގޭޓަރުން ހާމަކުރާ ގޮތުގައި ބާސެލޯނާ އިން ދީފައިވާ ފައިސާ އާއި އެ ޓީމުން ކުޅެފައިވާ މެޗުތަކުގެ ނަތީޖާތައް ބަދަލުވުމާ އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް ނެތެވެ. އެހެންކަމުުން، މި މައްސަލައިގައި ބާސެލޯނާ އާ ދެކޮޅަށް އަޅަން އިދިކޮޅު ކުލަބުތަކުން ގޮވާލިޔަސް އެ ކަމަށް ބާރުދޭނެ ހެއްކެއް ނެތްކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
އިންވެސްޓިގޭޓަރުން މިގޮތަށް ބުނެފައިވީ ނަމަވެސް ލަލީގާގެ ރައީސް ވަނީ އެކި ފަހަރު މަތިން ބާސެލޯނާ އިން ކޮށްފައިވާ މުއާމަލާތްތައް ގޯސް ކަމަށް ބުނެ އެކަމުގެ ތަފްސީލު ދިނުމަށް ކުލަބަށް ގޮވާލަމުންނެވެ. މިކަމާ ހިތްހަމަ ނުޖެހި އެންމެ ފަހުން ބާސެލޯނާ އިން މި ވަނީ ޓެބާސްގެ އިސްތިއުފާ އަށް ގޮވައިފަ އެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުލަބު ބަދުނާމުވާ ގޮތައް އެއްވެސް ހެއްކެއް ނެތި ލަލީގާ ރައީސް ޓެބާސް ދައްކަމުން އަންނަ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ޓެބާސް ދޮގު ހެކި ދީފައިވާ ކަމަށް ވެސް ބާސެލޯނާ އިން ތުހުމަތުކުރެ އެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މަގާމުން ޓެބާސް އިސްތިއުފާ ދިނުމަށް ބާސެލޯނާގެ ބަޔާނުގައިވެ އެވެ.
ބާސެލޯނާ އިން ބުނަމުން އަންނަނީ އެ ކުލަބާ ދެކޮޅަށް ކޮށްފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ހުރިހާ ތަހުގީގަކަށް ޖަވާބުދާރީވެ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކުލަބުގެ ދިފާއުގައި މަސައްކަތްކޮށް މިއީ ދޮގު ތުހުމަތުތަކެއްކަން ސާބިތުކޮށްދޭނެ ކަމަށް ވެސް އެ ކުލަބުގެ ބަޔާނުގައިވެ އެވެ.
މިވަގުތު ޔުއެފާއިން ވެސް މި މައްސަލަ ބަލަމުންދާތީ މައްސަލަ ނިމޭއިރު ބަސެލޯނާ ކުށްވެރިވާނަމަ ޔޫރަޕްގެ ކުލަބު މުބާރާތްތަކުން އެކުލަބު ސަސްޕެންޑުވުން ގާތްކަމަށް ބެލެވެ އެވެ.
Comment