27 މާރިޗު 2023 - 11:19 0
އައިޝަތު ނުޒުހާ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު؛ ވަނީ މަރުއާނާ ހުއްދަ ކުރަން ގޮވާލާފައި-- ފޮޓޯ: މަޖިލިސް
27 މާރިޗު 2023 - 11:19 0
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުއާނާ ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލުމުން އެކަން ރިޔާސަތުން ހުއްޓުވާފައި ނުވާތީ މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.
ޖާބިރު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މަސްތުވާތަކެއްޗަށް ދެވިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތި ބޭނުންކޮށްގެން ޒުވާނުން ބަލި ވުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ "މެޑިކަލް މަރުއާނާ" އެތެރެކޮށްގެން ކަމަށެވެ.
"އެއާ ބާރުގަދަ ޑްގަރް ބޭނުން ކުރާ މީހުންނާ އެއްވަރުގެ ހުކުމް މި އަންނަނީ. މެޑިކަލް މަރުއާނާ ހުއްދަ ކުރަންވީ ރާއްޖޭގައި، އެއީ މިކަމަށް އޮތް ބޭހަކީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރުގެ އެ ވާހަކައާ ގުޅިގެން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެކަމުގައި ދީނާ ނުގުޅޭ އަދި ފުށޫއަރާ ވާހަކަ ހުރިއިރު ރިޔާސަތުން ނުހުއްޓުވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެހެންނަމަވެސް ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ނިޒާމީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
"މައްސަލައަކަށް ބަހުސް ކުރާއިރުގައި ހުރި މައްސަލަތަކުގެ ވާހަކަ ދެކެވެން ޖެހޭނެ. އެއީ އެއްގޮތަކަށް ވެސް ދީނާ ހިލާފު މައްސަލައެއް ނޫން،" އަފީފް ވިދާޅުވި އެވެ.
އެއާއެކު ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވައި މަސްތުވާތަކެތީގެ ވާހަކަ ޕްރޮމޯޓު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެވަގުތު ތަޅުމުގައި މެންބަރުން އަޑުގަދަ ކުރަން ފެށުމާއެކު އަފީފް ވިދާޅުވީ މަޖިލީހަކީ "ދީނީ ބަހުސް ކުރާ ތަނެއް ނޫން" ކަމަށާއި އެފަދަ ބަހުސް ނުކުރެވޭނެ ކަމަށެވެ.
އޭގެ ފަހުން ވެސް ޖާބިރު ވަނީ "ފެހި ދުންފަތް" އެތެރެ ކުރުން ހުއްދަ ކުރަން އިސްލާމީ ގައުމުތަކުން ހުއްދަ ކުރާ ކަން ފާހަގަކޮށް އެކަން ދިފާއު ކޮށްފަ އެވެ.
މީގެ ކުރިން ވެސް މި ޒާތުގެ ވާހަކަތައް ޖާބިރު ދެއްކުމާ ގުޅިގެން ނުރުހުން އަމާޒުވެފައިވެ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ ގޮތަށް މެންބަރަކު ވާހަކަ ދައްކަވާ ނަމަ، އެ ވާހައެއް ހުއްޓާލުމަށް މަޖިލީހުގެ ރައީސަށް އެންގެވޭނެ އެވެ.
Comment