Advertisement

ކޮންޓޭ އެންމެ ފަހުން ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލައިފި

27 މާރިޗު 2023 - 02:45 0


ކޮންޓޭ އެންމެ ފަހުން ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލައިފި

27 މާރިޗު 2023 - 02:45 0

ލަންޑަން (މާޗް 27) - ފަހަކަށް އައިސް ޓޮޓެންހަމް ހޮޓްސްޕާސްގެ ކުޅުންތެރިންނާއި މެނޭޖްމަންޓާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނު ކޯޗު، އެންޓޯނިއޯ ކޮންޓޭ، ޓޮޓެންހަމްގެ ކޯޗުކަން ދޫކޮށްލައިފި އެވެ.

ކުރިން ޗެލްސީ އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ކޮންޓޭ، ޓޮޓެންހަމް ކޯޗުކަން ދޫކޮށްލަން ނިންމާފައިމިވަނީ 16 މަސް ދުވަހު އެ ޓީމަށް އިރުޝާދު ދިނުމަށް ފަހު އެވެ.

ފަހަކަށް އައިސް ކޮންޓޭ އަންނަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން، ޓޮޓެންހަމްގެ ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓަށް ފާޑުކިޔަމުންނެވެ. އެ ގޮތުން، ކޮންޓޭ އާއި ޓޮޓެންހަމްގެ ބްރެޒިލް ފޯވާޑް ރިޗާލިސަންއާ ވެސް މީޑިއާގައި ނުސީދާ ގޮތަކަށް ބަހުގެ ހަމަލާ ބަދަލުކުރި އެވެ.

ޕްރިމިއާ ލީގުގައި ސައުތެމްޓަންއާ 3-3 އިން ޓޮޓެންހަމް އެއްވަރުވި މެޗަށް ފަހު، ކޮންޓޭ ވަނީ ވަރަށް ބޮޑަށް ޓޮޓެންހަމް ހިންގަމުން އަންނަ ގޮތާ އެ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އެ މެޗަކީ ކޮންޓޭ ޓޮޓެންހަމަށް އިރުޝާދުދިން އެންމެ ފަހު މެޗެވެ.

"ޓޮޓެންހަމްގައި އެއް ވެރިއެއް 20 އަަހަރުހުރިއިރު، އެއްވެސް ތައްޓެއް ނުލިބޭ. އެއީ ކީއްވެ؟، މިހާރު މި ފެންނަނީ 11 ކުޅުންތެރިން ދަނޑަށް އަރައި އެމީހަކާއި އެމީހެއް އުޅޭތަން. އެއީ މި ކްލަބުގައި އެ ގޮތަށް ކުޅެކުޅެ އެ މީހުން އެގޮތަށް ހޭނިފައި ހުރީމަ. އެމީހުން ބޭނުމެއްނުވޭ ޕްރެޝަރުގައި ކުޅޭކަށް." ސައުތެމްޓަން މެޗަށް ފަހު ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމް އިން ކޮންޓޭ ޓީމާ ވަކިވިކަން އިއުލާނުކުރުމަށް ފަހު ބުނީ ސީޒަނުގެ ބާކީ ބައިގައި އެ ޓީމަށް އިރުޝާދުދޭނީ ކޮންޓޭގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކްރިސްޓިއަން ސްޓެލީނީ ކަމަށެވެ.

ސްޓެލީނީ ވަނީ ދާދި ފަހުން ޓޮޓެންހަމްގެ ހެޑް ކޯޗެއްގެ ގޮތުގައި ގިނަ މެޗުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ކޮންޓޭ، ގޯލްބްލެޑާ އޮޕަރޭޝަނެއް ކުރުމަށް ފަހު އާއިލާއާ އެކު ވަގުތު ހޭދަކުރަން އިޓަލީ އަށް ދިޔަ ދުވަސްވަރުގައި ކުޅުނު މެޗުތަކުގަ އެވެ.

ކޮންޓޭ، ޓޮޓެންހަމް ކޯޗުކަން ދޫކޮށްލުމާ އެކު، 2019 ވަނަ އަހަރުގެ ފަހުން ޓޮޓެންހަމް އަށް މި ވަނީ ހަތަރު ވަނަ ދާއިމީ ކޯޗަކު ހޯދަން ޖެހިފަ އެވެ.

އެ ގޮތުން، ޓޮޓެންހަމް އަށް އެންމެ ފަހުން އިރުޝާދުދިން ތިން ކޯޗުން ކަމަށްވާ ނޫނޯ އެސްޕިރީޓޯ ސަންޓޯ އާއި ހޯސޭ މޮރީނިއޯ އަދި ކޮންޓޭ އަށް ވެސް މަގާމު ދޫކޮށް ދާން މި ޖެހުނީ ކްލަބް ހިންގުމުގެ ވައްޓަފާޅި އަށް ފާޑުކިޔުމަށް ފަހު މަގާމުގައި މާގިނަ ދުވަހު ނުހުރެވި އެވެ.

ޔުވެންޓަސް އާއި އިޓަލީ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ކޮންޓޭ ވަނީ ޓޮޓެންހަމް އަށް 76 މެޗުގައި އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން، 41 މެޗުން މޮޅުވިއިރު، 23 މެޗުން ބަލިވެ، 12 މެޗު ނިމުނީ އެއްވަރުވެގެންނެވެ.