Advertisement

ލިވަޕޫލަަށް ފަހު ވަގުތު މޮޅެއް، އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި

about 2 hours 0


ލިވަޕޫލަަށް ފަހު ވަގުތު މޮޅެއް، އާސެނަލުން ޓޮޓެންހަމް ބަލިކޮށްފި

about 2 hours 0

ލަންޑަން (ފެބްރުއަރީ 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ފަހު ވަގުތު 1-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވިއިރު، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން 4-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފި އެވެ.

އިތުރު ވަގުތުގެ ހަތް ވަނަ މިިނިޓްގައި އަލެކްސިސް މެކް އަލިސްޓާ، އޭރިއާތެރެއިން ޖެހި ގޯލުން ލިވަޕޫލުން ފޮރެސްޓް ދަނޑުގައި މޮޅުވިއިރު، އޭގެ އިރުކޮޅެއް ކުރިން އޭނާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ، އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައިފަ އެވެ. ޖެހި ގޯލު ވެސް ބަލައިގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ.

ފޮރެސްޓްގެ ކޯޗުކަމާ ވިޓޯ ޕެރެއިރާ ހަވާލުވެ، އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، ލިވަޕޫލަށް މިއީ ގަދަ ފަހެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މުހިންމު ނަތީޖާއެކެވެ.

ލިވަޕޫލްގެ މެކް އަލިސްޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް


ލީގުގައި ޖެހިޖެހިގެން ދެ މެޗުން އެއްވަރުވެފައި އޮވެފައި، އާސެނަލުން ރޭގެ މެޗަށް ނުކުމެ ޓޮޓެންހަމް ބަލިކޮށް ވަނީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެ، ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެެވެ. އާސެނަލަށް 28 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 27 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. އެސްޓަން ވިލާ، ތިނެއްގައި އޮތީ 27 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް އަދި ހަ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 45 ޕޮއިންޓް ލިބިފަ އެވެ. އަދި، މީގެ ތެރެއިން ޗެލްސީ އާއި ލިވަޕޫލުން 27 މެޗުން ކުޅުނުއިރު، ޔުނައިޓެޑް ކުޅުނީ 26 މެޗެވެ.

އާސެނަލުން ލީޑުނެގީ އެބްރެޗީ އެޒޭ ޖެހި ގޯލުންނެވެ. އާސެނަލް ދަނޑުގައި، މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހެދި ފަހުން، އެޒޭ ގޯލެއް ނުޖަހައި ހުރުމަށް ފަހު، އަނެއްކާ ވެސް ލަނޑު ޖަހާފައިވަނީ ޓޮޓެންހަމް ކޮޅަށެވެ. އެކަމަކު، ރޭގެ މެޗުގައި އެޒޭގެ ގޯލުން 32 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގި ނަމަވެސް، އޭގެ ދެ މިނިޓް ފަހުން ޕްރިމިއާ ލީގުގައި ރަންޑަލް ކޯލޯ މުއާނީ ޖެހި ފުރަތަމަ ލަނޑުން ޓޮޓެންހަމް އިން އެއްވަރުކުރި އެވެ.

ދެ ވަނަ ހާފުގައި ވިކްޓަ ޔޯކެރޭޝްގެ ލަނޑުން އާސެނަލުން އަލުން ލީޑުނެގިއިރު، މި ފަހަރު އެއްވަރުކޮށްދޭން މުއާނީ ޖެހި ލަނޑު ބަލައިނުގަތީ ފައުލެއް ކަމަށް ނިންމައިފަ އެެވެ. އާސެނަލަށް ތިން ވަނަ ލަނޑު ޖަހައިދިނީ ވެސް މެޗުގަައި މޮޅަށް ކުޅުނު އެޒޭ އެވެ. ޓޮޓެންހަމްގެ ރިޗާލިސަން ޖެހި ބޯޅައެއް ގޯލު ރޮނގުމަތިން އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ މަތަކުރިއިރު، އިތުރު ވަގުތުގައި މާޓިން އޮޑެގާޑް ދިން ބޯޅައަކުން ޔޯކެރޭޝް ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.