14 ފެބުރުވަރީ 2026 - 07:01 0
14 ފެބުރުވަރީ 2026 - 07:01 0
ލަންޑަން (ފެބްރުއަރީ 14) - ހުސްވެފައިވާ ކޯޗުންގެ މަގާމަށް ޓޮޓެންހަމް ހޮޓްސްޕާސް އިން ޔުވެންޓަސްގެ ކުރީގެ ކޯޗު އީގޯ ޓޫޑޯ ހަމަޖެއްސިއިރު، ވުލްވްސް އަށް ކުރިން އިރުޝާދުދިން ވިޓޯ ޕެރެއިރާ ނޮޓިންހަމް ފޮރެސްޓާ ހަވާލުވެއްޖެ އެވެ.
ފޮރެސްޓުން މި ސީޒަނުގައި ވަކިކުރި ތިން ވަނަ ކޯޗު، ޝޯން ޑައިޝް އަށް ފަހު، އެ ޓީމަށް އިރުޝާދު ދޭން ގެނައީ މި ސީޒަނުގެ ނިޔަލަށް ހަދާ ކޮންޓްރެކްޓެއްގައި ޕެރެއިރާ އެވެ. އަދި، ޔުވެންޓްސް އިން ވަކިކުރި ޓޫޑޯ ވެސް ޓޮޓެންހަމާ ހަވާލުވީ ސީޒަނުގެ ނިޔަލަށެވެ.
ވުލްވްސްގެ ކޯޗުކަމުން ޕެރެެއިރާ ވަކިކުރީ 11 މަސް ދުވަހުގެ ތެރޭގައި މިދިޔަ ނޮވެމްބަރު މަހު އެވެ. އެއީ، އެ ޓީމާ އެކު ނުކުތް 38 މެޗުން 14 މެޗު ކާމިޔާބުކޮށްފައިވަނިކޮށެވެ.
ޕެރެއިރާ އަކީ ފޮރެސްޓަށް މި ސީޒަނުގައި ކޯޗުކޮށްދޭނެ ހަތަރު ވަނަ ފަރާތެވެ. އޭނާގެ ކުރިން، ޑައިޝް، ނޫނޯ އެސްޕިރީޓޯ ސަންޓޯ އަދި އަންޖް ޕޮސްޓެކޮގްލޫ ވަނީ ފޮރެސްޓަށް ކޯޗުކޮށްދީފަ އެވެ. ޕެރެއިރާ ހަވާލުވިއިރު، ފޮރެސްޓް އޮތީ ރެލިގޭޝަން ޒޯނަށް ވުރެން ތިން ޕޮއިންޓް ކުރީގަ އެވެ.
ޓޮޓެންހަމް ކޯޗުކަމުން ތޯމަސް ފްރޭންކް ވަކިކުރިއިރު، އެ ޓީމަށް ގެނައި ޓޫޑޯ އަށް އެންމެ ފަހުން ހަވާލުވެހުރި ޔުވެންޓަސްގެ ކޯޗުކަމުގެ ވަޒީފާ ގެއްލުނީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އަދި، ޓޫޑޯ ވަކިކުރަން ޔުވެންޓަސް އިން ނިންމީ ޖެހިޖެހިގެން އަށް މެޗުން މޮޅުނުވެ ނިންމާލަން ޖެހުމުންނެވެ. އޭނާ ހަވާލުވި ޓޮޓެންހަމް އިން 2026 ވަނަ އަހަރު ލީގުގެ މެޗެއްގައި މޮޅެއް ނުހޯދަ އެވެ.
Comment