Advertisement

ސޮލެރަލުން އޮޑިވެރިޔާ އާއި މަސްވެރިޔާއަށް "ބޮއްކޮއްޔާ" ޕޮލިސީ

26 މާރިޗު 2023 - 17:08 0

ސޮލެރަލްގެ ސީނިއާ މެނޭޖަރު، ކުލެއިމްސް، އަހުމަދު މުނައްވަރު. -- ފޮޓޯ: އަދަދު


ސޮލެރަލުން އޮޑިވެރިޔާ އާއި މަސްވެރިޔާއަށް "ބޮއްކޮއްޔާ" ޕޮލިސީ

26 މާރިޗު 2023 - 17:08 0

އޮޑިވެރިޔާ އާއި މަސްވެރިޔާ އަށް ގެއްލުމުގެ ބަދަލު ހޯދައިދޭ ޕޮލިސީއެއް ސޮލެރަލް އިންޝުއަރެންސްއިން ތައާރަފުކޮށްފި އެވެ.

ސޮލެރަލްގެ ސީނިއާ މެނޭޖަރު، ކުލެއިމްސް، އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި "ބޮއްކޮއްޔާ"ގެ ނަމުގައި ތައާރަފުކުރި ޕޮލިސީ ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ މަސްވެރިޔާ ޕޮލިސީ އަދި އޮޑިވެރިޔާ ޕޮލިސީ އެވެ.

ބޮއްކޮއްޔާގެ މާނައަކީ ދިޔަ ހިއްކާ ފަޔެވެ. މި ބަސް އާންމުކޮށް ބޭނުން ކުރަނީ ހުވަދޫ ހިސާބުގަ އެވެ.

އެއީ މި ވަގުތު އޮޑިވެރިންނަށާއި މަސްވެރިންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދޭ ހަމައެކަނި އިންޝުއަރެންސް ޕެކޭޖު ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"ބޮއްކޮއްޔާ ޕޮލިސީގެ ދަށުން ފަޅުވެރިންނަށާއި އޮޑިވެރިޔާއަށް ލިބޭ އެންމެ ބޮޑު ފައިދާ އަކީ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ލިބޭ ގެއްލުމުގެ ބަދަލުން. އެންދަމަން ފީނުމުގެ ތެރޭގައި އާއްމުކޮށް ދިމާވާ ޑީކޯ ވުމުގެ މައްސަލަ، މަސައްކަތު މާހައުލުގައި ދިމާވާ ހާދިސާއަކުން ދިމާވާ ނުކުޅެދުން ތެރިކަމުން އަރައިގަތުމަށް މާލީ އެހީތެރިކަން، ހާދިސާއެއްގެ ސަބަބުން އާމްދަނީއަށް ކުރާ އަސަރު ކުޑަކުރަން އެހީވުމާއި ލޯނު ދެއްކުމަށް ވެސް މި ޕޮލިސީގެ ތެރެއިން އެހީތެރިކަން ލިބޭ،" އޭނާ ވިދާޅުވި އެވެ.

އެ ޕެކޭޖުގެ އެންމެ ހާއްސަ ކަމަކީ ފަޅުވެރިންނަށާއި އާއިލާ އަށް މެޑިކަލް އިންޝުރަންސް ގެ ފައިދާ ލިބުމަށް މަގުފަހިވުމެވެ. މިހާތަނަށް ދިވެހި ރާއްޖޭގައި އެއްވެސް ކުންފުންޏަކުން ނުވަތަ އިދާރާއަކުން ފޯރުކޮށްދީފައިވާ ހިދުމަތެއް ނޫން ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އޮޑިވެރިޔާ ޕޮލިސީ

  • ފީނުމަށް އަދި މަސްބޭނުމަށް ބޭނުންކުރާ އާލާތްތައް ގަތުމަށް ނަގާ ލޯނު ނުދެއްކިއްޖެ ހާލަތުގައި ލޯނު ދެއްކުމަށް އެހީތެރިވުން
  • ބޭނި މަސްކޮޅަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުން

މަސްވެރިޔާ ޕޮލިސީ

  • ފީނުމުގެ ތެރޭގައި ޑިކޯވުން
  • ސިއްހީ އެހީތެރިކަން
  • އެމަޖެންސީގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތް
  • ނުކުޅެދުންތެރިކަން/މަރުވުން މާލީ ބަދަލު އާއިލާއަށް
  • މެޑިކަލް ކަވަރޭޖް

މުނައްވަރު ވިދާޅުވީ ސްކީމުގައި ބައިވެރިވެވޭނީ ފުރަތަމަ އޮޑި އިންޝުއަރެންސް ކުރުމަށް ފަހު އެވެ. މިފަދަ ސްކީމެއް ތައާރަފުކުރީ ރާއްޖޭގައި މަސްވެރިންނަކީ ވަޒީފާއެއްގައި އުޅޭ ބައެއް ކަމެއް އެއްވެސް ބަޔަކު ގަބޫލު ނުކުރާތީ، އެކަން ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިވެރިންނަށް ވެސް އެނގެން އެބަޖެހޭ އެއީ އޭނާގެ ސްޓާފުންކަން. އެހެން މި ސްކީމު ތައާރަފު ކުރީ،" މުނައްވަރު ވިދާޅުވި އެވެ.

"ހަލް އިންޝުއަރެންސްއިން ކަވަރު ކުރަނީ އޮޑިއަށް ލިބޭ ގެއްލުމާއި އިންޖީނަށް ލިބޭ ގެއްލުން. ނަމަވެސް ބޮއްކޮއްޔާ ސްކީމުން ދޯނީގެ ތަކެއްޗާއި މަސް ހަލާކުވާ ހާލަތްތަކުގައި އަދި ހާލަތެއް ދިމާވެގެން ލޯނު ނުދެއްކާ ފަހަރުތަކުގައި އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ."

މި ސްކީމުން ލިބޭ ފައިދާތަކުގެ ތަފްސީލަށް ވަޑައިގެންވުމުގެ ގޮތުން މުނައްވަރު ވިދާޅުވީ މަސްވެރިކަމުގައި އުޅެނިކޮށް ލިބޭ އަނިޔާ އަދި މަރުވެއްޖެ ނަމަ ނުވަތަ ނުކުދޭ ހާލަތަށް ގޮސްފި ނަމަ، ޕޮލިސީގައި ކަނޑައެޅިފައިވާ ގޮތަށް ބަދަލު ދެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މިސާލަކަށް ފައި ބިންދައިގެން މަސްވެރިޔާ އަށް މަހަށް ނުފުރޭ ހާލަތުގައި މަސްވެރިޔާ އަށް މަހުން މަހަށް އެހީތެރިވެދޭނެ. އަދި މަރުވެއްޖެ ނަމަ ބަލަދުވެރިޔާ އަށް ގަނޑުކޮށް ފައިސާ ދޭނެ،" އޭނާ ވިދާޅުވި އެވެ.

މެޑިކަލް އިންޝުއަރެންސްގެ ގޮތުގައި އާއިލާއަށް އަހަރަކަށް 100،000ރ. ގެ ކަވަރޭޖެއް ލިބޭއިރު، އެޑްމިޓުކޮށްގެން ހޯދަންޖެހޭ ފަރުވާތައް މަސްވެރިޔާއަށް އަމިއްލަ ހޮސްޕިޓަލްތަކުން ވެސް ހޯދަން ފަހިވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.