Advertisement

ބާޒާރުގައި ކާށީގެ އަގު ބޮޑުވުމުން އެސްޓީއޯއިން ޝިޕްމަންޓެއް ގެންނަނީ

22 މާރިޗު 2023 - 17:16 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ބާޒާރުގައި ކާށީގެ އަގު ބޮޑުވުމުން އެސްޓީއޯއިން ޝިޕްމަންޓެއް ގެންނަނީ

22 މާރިޗު 2023 - 17:16 1

ބާޒާރުގައި ކާށީގެ އަގު ބޮޑުވެފައިވާތީ އިންޑިއާއިން ކާށި ޝިޕްމަންޓެއް ގެންނަން އެސްޓީއޯއިން ނިންމައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަގު ހިފެހެއްޓުމަށް ކާށީގެ އަގު ތިރިކޮށް އެއް އަގެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން އަންނަ ހޯމަ ދުވަހު ކާށި ޝިޕްމަންޓެއް ރާއްޖެ ގެންނާނެ ކަމަށެވެ.

"މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން،" އަމްރު ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހް އިތުރު ތަފްސީލް ދެއްވަމުން "އަދަދު" ނޫހަށް ވިދާޅުވީ އެއީ އިންޑިއާއިން ގެންނަ ޝިޕްމަންޓެއް ކަމަށެވެ. ނަމަވެސް އަދި އަގާ މެދު ގޮތެއް ނުނިންމޭ ކަމަށް ވިދާޅުވި އެވެ.

"އަގާއި ގެނެވޭ މިންވަރުގެ ތަފްސީލް ފަހުން ހާމަކުރާނެ. އެއްވެސް ދަތި ކަމެއް ނެތި ރައްޔިތުން ބޭނުންވާ ވަރަށް ބާޒާރުގައި ކާށި ލިބެން ހުރިކަން ޔަގީންކުރުމަށް އެސްޓީއޯއިން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މި ދަނީ،" ޝާހު ވިދާޅުވި އެވެ.

މި އަހަރު ފެށުނު ފަހުން ބާޒާރުގައި ކާށީގެ އަގު ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. މީގެ ކުރިން 300 ރ. އަށް ލިބެން ހުރި ކާށި ބަސްތާއެއް މި ފަހުން ބާޒާރުގައި އުޅެނީ 1،500 ރ. އާއި 2،000 ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.