Advertisement

ހަމަތަކަށް ފައްތަން ވިޔަސް، އިންތިހާބުތަކުގައި ނޫސްވެރިންގެ ދައުރު ހަނިވާނެ

27 މާރިޗު 2023 - 09:55 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއެކު ސެލްފީއެއް ނަންގަވަނީ-- ފޮޓޯ: ރައީސް އޮފީސް


ހަމަތަކަށް ފައްތަން ވިޔަސް، އިންތިހާބުތަކުގައި ނޫސްވެރިންގެ ދައުރު ހަނިވާނެ

27 މާރިޗު 2023 - 09:55 0

ޑިމޮކްރެސީގެ ފަލްސަފާގައި، ދައުލަތުގެ މައި ތިން ބާރު، ޖުޑިޝަރީ އާއި އެގްޒެކެޓިވް އާއި ލެޖިސްލެޓިވްއަށް ފާރަވެރިވާން އޮތް ގުނަވަނަކީ ނޫސްވެރިންނެވެ. ދައުލަތުގެ ތިން ބާރު ހިނގާ ގޮތް އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. ބޯމަތިވެފައިވާ ރިޔާސީ އިންތިހާބުގެ ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް ތިލަކޮށްދޭން ތިބި ބަޔަކީ ވެސް ނޫސްވެރިންނެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ނޫސްވެރިންގެ ދައުރު ހަނިކުރުމުގެ ވާހަކަތައް ވަނީ ގަދަ ވެފަ އެވެ. ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. ކަންބޮޑުވުންތައް ގުޅެނީ ސަރުކާރުގެ ފަރާތުން ހެންވެއިރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނާގެ އިސްލާހާ ގުޅިގެންނެވެ.

ބިލުގައިވާ ގޮތުން ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންކަން މޮނިޓަރު ކުރުމަށް ވޯޓުލާ ސަރަހައްދާއި ގުނާ ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާ "ރެޖިސްޓާޑް" ނޫސްވެރިންނަށެވެ.

ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިން ކަމަށް ބިލުގައި ބަޔާން ކޮށްފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެއްވެސް މީޑިއާއެއް ނުވަތަ ބްރޯޑްކާސްޓިން ކޯޕަރޭޝަނެއްގައި ހަބަރު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ. އޭގެ ތެރޭގައި ފޮޓޯގްރަފަރުންނާއި ވީޑިއޯގްރަފަރުން ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު "ނޫސްވެރިން" ރެޖިސްޓްރީ ކުރެވޭނެ ނިޒާމެއް ގާއިމްވެފައި ނެތް ރާއްޖޭގައި، ސަރުކާރުން ހާސިލް ކުރަން ބޭނުން ވަނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ނޫސްވެރިންގެ ދައުރު ހަނިކުރުން ހެއްޔެވެ؟ ނުވަތަ އިތުރު މަގުސަދެއް ހެއްޔެވެ؟

ކަންބޮޑުވުން ގިނަ ބިލެއް

އެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު މަޖިލީހުގެ ތަޅުމުގައި ކަންބޮޑުވުންތަކާއި ތުހުމަތުތަކުގެ އަޑު ގަދަ ވި އެވެ. ބިލުން ހާސިލް ކުރަން ބޭނުންވާ ނަތީޖާއަކާ މެދު މެންބަރުން ސުވާލު އުފެއްދި އެވެ.

"ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވޭ ގޮތަށް ހަނިކޮށްލީމާ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް މުޅި ރާއްޖޭގައި ހިނގާ އިންތިހާބުތަކުގައި، ހާއްސަކޮށް ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި އެ މައުލޫމާތ މީޑިއާތަކަށެއް ރައްޔިތުންނަކަށް ފޯރުކޮށެއް ނުދެވޭނެ،" އެ ބިލަށް ބަހުސް ކުރައްވަމުން ހެންވެއިރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ "ރެޖިސްޓާޑް" ނޫސްވެރިންނަކީ ކޮބައިކަން އިސްލާހުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ ހައްގު ހަނިވެގެންދާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ގިނަ މީޑިއާތަކަކީ މާ ގިނަ މުވައްޒަފުން ލައިގެން މަސައްކަތްކުރާ ތަންތަން ނޫން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެއްވެސް މީޑިއާއެއްގައި ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތައް ކަވަރު ކުރަން އެކަށީގެންވާ ވަރަށް މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

މިހާރު ވެސް ހިނގަމުން އަންނަ ގޮތަށް މޮނިޓަރުން އައްޔަން ކޮށްގެން އެއްވެސް މައްސަލައެއް ދިމާވެފައިވާ ނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެެއްވި އެވެ.

އެ ވާހަކައަށް ތާއިދުކުރައްވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ ރާއްޖޭގެ ރަށްރަށް އެކުލެވިފައިވާ ގޮތުން، މި ގޮތަށް އިސްލާހު ކޮށްފި ނަމަ ކޮންމެ ނޫހެއްގެ 200 އެއްހާ މީހުން ބައިތިއްބަން ޖެހޭ ކަމަށެވެ.

"ނޫސްވެރިންގެ ޓްރެއިނިން ހަދާ ކޯސް ހަދާ ސެޓިފައިޑް މީހުންނަށް ނޫނީ ނުކުރެވޭ ހިސާބަށް މި ދަނީ، ފެންވަރު ރަނގަޅު ކުރެވޭނީ ވެސް އެ ތަނުގައި ހުރި ވަރަކުން ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެ ތަނެއްގައި އުޅޭ މުވައްޒަފުން ލައިގެން އިންތިހާބެއް ކަވަރު ކުރެވިފައިނުވާއިރު، ވަސީލަތްތަކުގެ ގޮތުން މާ މަދު, ރާއްޖެއިން އެކަން ކުރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވެސް ވަނީ ބިލުގައި ހިމަނާފައިވާ މި އިސްލާހަކީ ވަރަށް ބޮޑު "މަކަރާއި ހީލަތުގެ ތެރެއިން" ވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ކުރަމުން އައި ގޮތުން އެއްވެސް މައްސަލައެއް ދިމާވެފައިވާނުވާއިރު، އެ އިސްލާހުން ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތް ހަނިވާ ކަމަށެވެ.

"މިގޮތަށް މި ފާސްކޮށްފި ނަމަ، ދިވެހިރާއްޖޭގައި މިނިވަންކަމާއެކު އިންތިހާބެއް ނުބޭއްވޭނެކަން އަޅުގަނޑު ހަމަ ޔަގީންކަމާއެކު ދަންނަވަން. އެކަމެއް ނުކުރެވޭނެ، އެ ގޮތަކަށް މިހެން މިކަން ކުރަން ގަސްތުކޮށްފައިވާ ނަމަ،" އާމިރު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ހައްގު ހަނިވޭ

ބިލުގައި ހިމަނާފައިވާ މާއްދާއާ އެންމެ ބޮޑަށް ތެދުވި ބަޔަކީ ނޫސްވެރިކަމުގެ ހައްގުގައި ވަކާލާތު ކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އެވެ.

އެމްޖޭއޭ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މި ކަމުގައި ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބު ބޯމަތިވެފައި އޮއްވާ ހަމައެކަނި ރެޖިސްޓާޑް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

"އިންތިހާބު މޮނީޓާކުރަން މީޑިއާއަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އިންތިހާބެއްގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު އިތުރުވެ، އިންތިހާބަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނޭ،" އެ ބަޔާނުގައި ވެއެވެ.

ދެ ޖަމްއިއްޔާގެ ނޫސްބަޔާނުގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ އިންތިހާބުތައް ކަވަރު ކުރުމަށް ބޭރުގެ މީޑިއާތަކާއި ފްރީލާންސް ނޫސްވެރިނަށް އޮތް ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ.

މި ބިލާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮތް އެންމެ ކަންބޮޑުވުމަކީ ރާއްޖޭގައި 'ރެޖިސްޓާޑް ނޫސްވެރިން' ރަޖިސްޓްރީކޮށްފައި އޮންނަން ޖެހޭ އިދާރާއެއް ކަނޑައަޅާފައި ނެތުމެވެ.

"ތިޔަބޭފުޅުން [އިލެކްޝަންސް ކޮމިޝަން] ރަޖިސްޓާކުރާނީތޯ ނުވަތަ ބްރޯޑްކާސްޓިން ކޮމިޝަނުން ރަޖިސްޓްރީކުރަނީތޯ ނުވަތަ މީޑިއާ ކައުންސިލުން ރަޖިސްޓްރީކުރަނީތޯ ނުވަތަ ހޯމް މިނިސްޓްރީގައި އޮންނަ ދަފްތަރުގައި ރެޖިސްޓްރީވެގެން އޮންނަ ތަންތަނުގައި މަސައްކަތް ކުރާ މީހުންތޯ ނުވަތަ ވަޒީފާއާ ބެހޭ ގާނޫނުގައި މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ހުރި މީހުންތޯ،" އިންތިހާބާ ބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގައި ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ކަންބޮޑުވުން ވެސް މި ކަމުގައި ހުރިއިރު، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނި ގޮތުގައި އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ޑިމޮކްރެޓިކް އުސޫލުތަކާއި އާންމުންނަށް މައުލޫމާތު ހޯދުމުގެ އަސާސީ ހައްގަށް ބުރޫއަރާނެ ކަމަށެވެ.

އީސީއާއި ސަރުކާރަށް ގޯހެއް ނޫން

އެކަމަކު ލަފާދޭ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ބިލަށް ގެންނަ އިސްލާހުގައި އެއްވެސް ގޯހެއް ނެތް ކަން ވިސްނައިދޭން މަސައްކަތް ކޮށްފަ އެވެ. އެ ކޮމިޝަނުން ބުނާ ގޮތުގައި ބިލުން ނޫސްވެރިންގެ ހައްގު އިތުރަށް ފުޅާވެގެން ދާނެ އެވެ.

"މިހާރު ވެސް [ގާނޫނުގައި އޮތީ] ރެޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ފުރުސަތު މި ދެނީ، ރެޖިސްޓްރީ ނުކުރާ މަގުމަތިން އަންނަ މީހަކު ތިމަންނައަކީ ރިޕޯޓަރެކޭ ބުންޏަސް އަޅުގަނޑުމެން އެކަމެއް ނުކުރަން، ކުރީގައި ވެސް ނުކުރަން، ކުރިއަށް އޮތް ތަނުގައި ވެސް ނުކުރާނަން،" ބިލު ދިފާއު ކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވި އެވެ.

މިހާތަނަށް އެފަދަ މައްސަލައެއް ރިޕޯޓުކުރެވިފައިވާ ކަން ހާމަވެފައި ނެތް ނަމަވެސް، އޭނާ ވިދާޅުވީ މިކަން ކުރަން ޖެހުނު ސަބަބަކީ ބައެއް ސިޔާސީ ނުފޫޒު އޮންނަ މީހުންނާއި އެ ހިޔާލުތަކުގެ މީހުން ވެސް ރިޕޯޓަރުންގެ ގޮތުގައި ހަރަކާތްތެރިވެ، ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވާތީ އެވެ.

އެ ކޮމިޝަނުގެ ވިސްނުން ހުރީ މި ގާނޫނުގެ ތެރެއިން ރެޖިސްޓާ ކޮށްފައިވާ ނޫސްވެރިންނަށް ފުރުސަތު ދިނުމުގައި އަދި އިތުރު ތަމްރީނެއް ވެސް ހިންގުމަށެވެ. ރާއްޖޭން ބޭރުން އަންނަ ނޫސްވެރިން ހިމެނޭހެން ދެ ގަޑިއިރުގެ ތަމްރީނެއް ދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަނެކޭ އެއްފަދައިން ސަރުކާރުން ވެސް ދެކެނީ ބިލުން ނޫސްވެރިންނަށް އިތުރަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށެވެ. ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ސިސްޓަމެޓިކްކޮށް، މީގެ ކުރިން ނޫސްވެރިންނަށް ނުލިބޭ ފުރުސަތުތަކެއް ހޯދައިދެވޭނެ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އިންތިހާބާ ބެހޭ މަރުކަޒުތަކާއި ވޯޓުލާ މަރުކަޒުތަކުގައި އާންމު ރައްޔިތުންނަށް ނުލިބޭ އެކްސެސް މީޑިއާތަކަށް ލިބިގެން އެބަދޭ، އެއިން އެއްވެސް ކަމެއް އެއްވެސް ވަރަކަށް ހަނިކުރަނީއެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މިއުވާން ވަނީ ނޫސްވެރިކަން ހަނިކުރުމުގެ އެއްވެސް ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ކުރިން އޮތް ގޮތަށް މިކަން އޮވެގެން ސީރިއަސް މައްސަލައެއް ދިމާވެފައިނުވާއިރު، ނޫސްވެރިންގެ ދައުރު ހަނިވާކަމުގެ ކިރިޔާވެސް ކަންބޮޑުވުމެއް އޮތް ނަމަ، މިކަން ގައުމުގެ އެންމެ ބޮޑު އިންތިހާބާ ދިމާކޮށް ކުރަންޖެހޭ ސީދާ ސަބަބެއް ސާފެއް ނުވެ އެވެ. އިސްލާހު ގެނައުމުގެ ކުރިން ސަރުކާރުން ނޫސްވެރިންގެ އުދާސްތައް އަޑުއަހަންޖެހެ އެވެ.