Advertisement

ރައީސް އެދެނީ ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ދައުރު އިސްކުރަން

20 މާރިޗު 2023 - 22:29 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


ރައީސް އެދެނީ ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ދައުރު އިސްކުރަން

20 މާރިޗު 2023 - 22:29 0

ސިޔާސަތުތައް ކަނޑައެޅުމާއި ކަންކަމުގައި ގޮތް ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކޮށް އިސްކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ އަށް ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭ ވާހަކަ އާއި ވަޒީފާ ހޯދައިދޭ ވާހަކައިން ނިންމާލެވެން ނެތް ކަމަށެވެ.

"ދެން މަސައްކަތް ކުރަންވީ ސިޔާސަތުތައް ކަނޑައެޅުމުގެ ފަންތިއަށް އަންހެނުން ގެނައުމަށް، ސަރުކާރުގެ ތެރެއިންވެސް، އަދި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން ކުރާ މަސައްކަތްތަކަކަކީ މިންތީގެ ހަމަތައް ހިމާޔަތް ކުރެވިފައިވާ ކަންކަމަށް ހެދުމަށް މިންގަނޑުތަކެއް ކަނޑައެޅިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މޮޑެލް އާ އެއް ގޮތަށް ހުރިހާ އިދާރާއަކުން ވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

"އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުން ވެސް ދެން މަސައްކަތް ކުރަންވީ، އެފަދަ މަގާމުތަކުގައި އަންހެނުން ހިމަނައިގެން، ކަންކަން ނިންމުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި، އަންހެނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރުމަށް،"

ސަރުކާރުގެ ޖެންޑާ އެކްޝަން ޕްލޭނަށް އަލި އަޅުއްވާލައްވައި ރައީސް އިތުރަށް ވިދާޅުވީ އޭގެ ތިން ވަނަ ލަނޑުދަނޑިއަކީ މުވައްސަސާތަކުގެ މެދުގައި ސިޔާސަތުތައް ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުން ކަމަށެވެ.

"މި ނިޒާމުގެ މައިގަނޑު މަސައްކަތަކީ، މިންތީ މަސްލަހަތުތައް ދެމެހެއްޓޭނެ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަށް އިދާރީ ގޮތުން ކުރާ ކަންތައް ހަރުދަނާ ކުރުން. އަދި ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި މިންތީ ހަމަހަމަކަމަށް ވަކާލާތުކުރާނެ ވިއުގައެއް ގާއިމުކުރުމަށް ވެސް މިނިޒާމުން އެހީތެރި ވެދޭނެ،" ރައީސް މިރޭ ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ރެހެންދި އެވޯޑު ހާސިލް ކުރި ހަ އަންހެނަކަށް އެވޯޑު ހަވާލުކޮށްފަ އެވެ. މި އަހަރުގެ ރެހެންދި އެވޯޑު ހާސިލް ކޮށްފައިވަނީ ރުގިއްޔާ އިބްރާހީމާއި، ހުސްނާ ފަހުމީ، އާއި އައިމިނަތު އިބްރާހީމާއި، ރަޝީދާ އިބްރާހީމާއި، ޒީނާ ޒާހިރުގެ އިތުރުން އައިމިނަތު ޝިމާނީ އެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރި ކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީން ވެސް ވަނީ ރެހެންދި އެވޯޑު ހާސިލްކޮށްފަ އެވެ.