Advertisement

ރައީސް ދެކެނީ ހާފިޒުން އެގޮތުގައި ދެމިތިބުމަށް ކުރާ މަސައްކަތް ދަށް ކަމަށް

20 މާރިޗު 2023 - 21:12 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް


ރައީސް ދެކެނީ ހާފިޒުން އެގޮތުގައި ދެމިތިބުމަށް ކުރާ މަސައްކަތް ދަށް ކަމަށް

20 މާރިޗު 2023 - 21:12 0

ހާފިޒަކަށް ވުމަށް ފަހު، ހާފިޒެއްގެ ގޮތުގައި ދެމިހުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުރުއާން ހިތުދަސް ކުރައްވައިގެން ތިއްބެވި ހާފިޒުން ދިވެހިންގެ ތެރޭގައި މިހާރު މަދު ނޫން ކަމަށެވެ.

އެކަމާމެދު އުފާކޮށް، ބާރު އަޅާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ހާފިޒަކަށް ވުމަށް ފަހު ވެސް އެގޮތުގައި ދެމިހުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އެ މަސައްކަތް ރާއްޖޭގައި ކުރެވޭ މިންވަރު ދަށް ކަން ފާހަގަކޮށް، ރައީސް މިސާލެއްގެ ގޮތުގައި ނެންގެވީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެންނަ ހާފިޒުންގެ އަދަދެވެ.

"ކޮވިޑުގެ ދެ އަހަރު ނޫނިއްޔާ، ކޮންމެ އަހަރަކު ވެސް 200 އަށްވުރެ ގިނަ ހާފިޒުން ރާއްޖެއަށް އެބަ ގެނެވޭ،" ރައީސް ވިދާޅުވި އެވެ.

މިކަމަކީ ގުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް މިނިސްޓްރީން ވެސް އެކަމާ މެދު ވިސްނައި ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކީރިތި ގުރުއާނާ އެކު ދިރިއުޅުން އާރާސްތު ކުރުމުގެ ދާއިރާ މިހާރަށްވުރެ ފުޅާ ކުރަންޖެހޭ ކަމަށެވެ. އެކަމަށް ގުރުއާނުގައިވާ އިލްމުތައް ސިކުނޑި އިތުރަށް ހުޅުވައި ސުކޫލުތަކާއި ޔުނިވާސިޓީތަކުގައި ކިޔައިވައިދޭ މިންވަރު ވެސް ފުޅާ ކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"ކީރިތި ގުރުއާނު ގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެ ކަށަވަރުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.