Advertisement

އެފްއޭއެމުން ގައުމީ ފުޓްސަލް ލީގެއް ފަށަނީ

20 މާރިޗު 2023 - 19:27 0

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލުގައި އިނގުރައިދޫ އާއި ނައިވާދޫ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެފްއޭއެމުން ގައުމީ ފުޓްސަލް ލީގެއް ފަށަނީ

20 މާރިޗު 2023 - 19:27 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ގައުމީ ފުޓްސަލް ލީގެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި އަހަރު މެދުތެރޭގައި ރަސްމީކޮށް އެ މުބާރާތް ފެށޭނެ ކަމަށް ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ބޭއްވި ބައްދަލުވުމެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ބައްސާމް ވިދާޅުވީ މިިނިސްޓަރު މަހުލޫފާ އެކު ބޭއްވި ބައްދަލުވުމުގައި ގައުމީ ފުޓްސަލް ލީގުގެ ކަންކަން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި އެފްއޭއެމުން ގެންގުޅޭ ޕްލޭނާ މެދު މިނިސްޓަރު ވެސް ހިތްހަމަޖެހޭ ކަމަށާއި މި ކަމަށް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ފީފާގެ އެންގުމުގެ މަތިން އެފްއޭއެމްގެ އަސާސީ ގަވާއިދު 2015 ވަނަ އަހަރު އިސްލާހުކުރިއިރު، ސަބް އެސޯސިއޭޝަންތަކުގެ ތެރެއިން އެފްއޭއެމުން ފުޓްސަލް އެސޯސިއޭޝަނެއް ވެސް ވުޖޫދުވި އެވެ. އެކަމަކު، އެފްއޭއެމްގެ ފުރިހަމަ ބައިވެރިވުން އޮވެގެން މިހާތަނަށް ބޭއްވި ހަމައެކަނި ފުޓްސަލް މުބާރާތަކީ އޮފީސްތަކަށް ހުޅުވާލައިގެން 2017 ވަނަ އަހަރު ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕް އެވެ.

އެފްއޭއެމުން ބުނީ މި އަހަރު މެދުތެރޭގައި ފަށާ ގައުމީ ފުޓްސަލް ލީގަކީ ރޭންކިން މުބާރާތެއް ކަމަށާއި ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކޮންމެ ކްލަބަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ފުޓްސަލް އިންޑޯ އެއް ނެތުމުން، މި މުބާރާތް މިހާރު އޮތްގޮތުން ފަށްޓަން ޖެހިފައިވަނީ އައުޓް ޑޯ ދަނޑެއްގައި ކަމަށް ވިޔަސް، މި ކަމުގައި އޭއެފްސީގެ ލަފާ ހޯދާފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ގައުމީ ފުޓްސަލް ލީގާ ބެހޭ މައުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް، ފޯރިގަދަކޮށް ކުރިއަށްދާ ކުޅިވަރަކީ ފުޓްސަލް އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ އެކު 100 އަށް ވުރެ ގިނަ ރަށުގައި ފުޓްސަލް ދަނޑު އޮތްއިރު، ސަރުކާރާއި އެފްއޭއެމް އިން ރަސްމީ ސިފައެއްގައި ފުޓްސަލް އަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ނުދޭ ކަމުގެ ޝަކުވާ ޒުވާނުން އަންނަނީ ކުރަމުންނެވެ.

ހާއްސަކޮށް ނިމިދިޔަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއަކު ހޮވާފާ ނުވާތީ އެކަމާ މެދު ވެސް ޒުވާނުންގެ ނުރުހުން ބޮޑުވި އެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ވަނީ 2017 ވަނަ އަހަރު އޭޝިއަން އިންޑޯ މުބާރާތާއި މިދިޔަ އަހަރު ތައިލެންޑްގައި ބޭއްވި އިންވިޓޭޝަނަލް ކަޕެއްގެ އިތުރުން އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފައިންގައި ވެސް ކުޅެފަ އެވެ. ގައުމީ ފުޓްސަލް ލީގެއް ފެށިއްޖެނަމަ ރާއްޖެ އަށް ބައިނަލްއަގުވާމީ ލެވަލްގައި ކުޅެލަން ލިބޭ ފުޓްސަލް މުބާރާތްތައް އިތުރުވާނެ އެވެ.