Advertisement

އެފްއޭ ކަޕް: ސެމީގައި ޔުނައިޓެޑް ކުޅޭނީ ބްރައިޓަންއާ ދެކޮޅަށް

20 މާރިޗު 2023 - 12:12 0

ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑްގެ މާސެލް ސަބިޓްޒާ އުފާފާޅުކުރަނީ.


އެފްއޭ ކަޕް: ސެމީގައި ޔުނައިޓެޑް ކުޅޭނީ ބްރައިޓަންއާ ދެކޮޅަށް

20 މާރިޗު 2023 - 12:12 0

މެންޗެސްޓާ (މާޗް 20) - އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި ރޭ ފުލަމް އަތުން ފަހަތުން އަރައި 3-1 އިން މޮޅުވި މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ސެމީ ފައިނަލުގައި ބްރައިޓަންއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ އަތުން ބްރައިޓަން ވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުން 5-0 އިން މޮޅުވެފަ އެވެ. އަނެއް ސެމީގައި މެންޗެސްޓާ ސިޓީ ކުޅޭނީ ރޭ ބްލެކްބާން ރޯވާސް އަތުން 3-2 އިން މޮޅުވި ޝެފީލްޑް ޔުނައިޓެޑާ އެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ މަހު 22 އާއި 23 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގަ އެެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން މެޗުގެ 50 ވަނަ މިިނިޓްގައި ފުލަމް އަށް ލީޑުނަގައިދިން ގޯލު ޖެހީ އަލެކްސަންޑާ މިޓްރޮވިޗް އެވެ. މިއީ ކޯނަރަކުން އަންދްރެއަސް ޕެރެއިރާ ނެގި ބޯޅައެއް އޭރިއާތެރެއިން ފުލަމްގެ އީސާ ދިއޮޕް ޖައްސާލުމުން މިޓްރޮވިޗް ރަނގަޅުތަނުގައި ހުރެ ޖެހި ގޯލެކެވެ.

ފުލަމްގެ ލީޑުފުޅާކުރަން މިޓްރޮވިޗް ބޮލުން ޖެހި ބޯޅަ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ އޮއެވަރު އެއްކޮށް ބަދަލުވެގެންދިޔައީ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ، ފުލަމްގެ ކީޕަރު ބާން ލޭނޯ ކައިރިން ނައްޓާފައި ޖެހި ބޯޅަ ގޯލު ރޮނގުމަތިން ފުލަމްގެ ވިލިއަން ސަލާމަތްކުރިއިރު، އަތުން ޖެއްސި ކަމަށް ބަލައި ޕެނަލްޓީ ދިނުމުންނެވެ. އެންމެ ފުރަަތަމަ ވިލިއަން އަތުގައި ޖެހިފައި ބޭރުވި ބޯޅަ އަށް ރެފްރީ ކްރިސް ކަވަނާ ދެއްކީ ކޯނަރެކެވެ. އެކަމަކު، ވީއޭއާރް އިން ބަލަން ޖެހުމުން ދަނޑު ކައިރީ މޮނީޓަރު ކައިރިއަށް ކަވަނާ ދިޔަ ވަގުތު ފުލަމްގެ ކޯޗު މާކޯ ސިލްވާ ބުނި އެއްޗަކަށް އޭނާ އަށް ރަތް ކާޑު ދެއްކި އެވެ. ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީ ދޭން ނިންމައި، ވިލިއަން އަށް ރަތް ކާޑު ދެއްކުމުން، އެކަމާ ހިތްހަަމަ ނުޖެހި މިޓްރޮވިޗް ވަނީ ރެފްރީ ކަވަނާ ގައިގައި އަތްލައިފަ އެވެ. އެއާ އެކު މިޓްރޮވިޗަށް ވެސް ރަތް ކާޑު ދެއްކީ އެވެ.

ފުލަމް އިން ނުވަ ކުޅުންތެރިންނާ އެކު ކުޅެން ޖެހުނުއިރު، ޕެނަލްޓީ ކާމިޔާބުކޮށް ބްރޫނޯ ފެނާންޑޭސް ވަނީ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ލޫކް ޝޯ ނެގި ހުރަހަކަށް އަރައި، މާސެލް ސަބިޓްޒާ ވަނީ ގޯލެއް ޖަހައި، ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެެ. މިއީ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ސަބިޓްޒާ ޖެހި ފުރަތަމަ ގޯލެވެ.

މެޗުގެ އިތުރު ވަގުތުގައި ފްރެޑް ދިން ބޯޅައަކުން ފެނާންޑޭސް ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.