Advertisement

ގާސިމްގެ މަރު: އަދުހަމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

19 މާރިޗު 2023 - 14:38 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާލި ކަމުގެ ކުށް ސާބިތުވި އަދުހަމް އަދުހަމް މުހައްމަދު - ފޮޓޯ: ސޯޝަލް މީޑިއާ


ގާސިމްގެ މަރު: އަދުހަމްގެ މައްޗަށް ކުށް ސާބިތުވެއްޖެ

19 މާރިޗު 2023 - 14:38 0

ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ގެ މައްޗަށް ސާބިތުވެެއްޖެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

އެގޮތުން ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގައި އަދުހަމް، ގާސިމަށް ހަމަލާދިން ގޮތް އެކި ފަހަރު އެކި ގޮތަށް ސިފަކޮށްދިން ނަމަވެސް އެ ހުރިހާ ފަހަރެއްގައި ވެސް ހަމަލާދިން ވަޅި އޮތީ އަދުހަމްގެ އަތުގައި ކަމަށާއި ގާސިމްގެ ކަރަށް ވަޅި ހެރީ އަދުހަމްގެ އަތުންކަން އިނގޭކަން ގާޒީ ފާހަގަކުރެއްވި އެވެ.

އަދި، ގާސިމަށް ހަމަލާދިނީ ގަސްތުގައި ނޫން ކަމަށާއި އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް އަދުހަމް ބުނި ނަމަވެސް އޭނާ އެދުވަހު އަމިއްލަ އިހްތިޔާރުގައި މަސްތުވެގެންހުރީ އަމިއްލައަށް ކުރެވޭ އަމަލުގެ ނަތީޖާ ވިސްނައި ނުގަނެވޭ ހާލަތެއްގައި ނޫންކަން، އަދުހަމް ކުށް ކުރުމުގެ ކުރިން އަދި ފަހުން އަމަލުކުރި ގޮތުން އިނގޭ ކަމަށްވެސް ގާޒީ ފާހަގަކުރި އެވެ.

މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ދައުވާގެ ހުރިހާ އުންސުރެއް ހަމަވާ ކަމަށާއި، އެހެން ކަމުން މި މައްސަލައިގާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އަދުހަމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، ދެން މި މައްސަލާގައި އޮންނާނީ ގާސިމްގެ ވާރިސުން ދެނެގަނެ އެ ފަރާތްތަކުގެ ބަސްނެގުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން ވަނީ ގާސިމްގެ ވާރިސުންގެ ގޮތުގައި އޭނާގެ ފަސް ދަރިން ފާހަގަކޮށްފަ އެވެ. މިއަދު އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވަނީ ދައުލަތަށް ގާސިމްގެ ވާރިސުން ކޯޓަކުން ކަނޑައަޅާފައިވޭތޯ ބެލުމަށް އަށް ދުވަހުގެ މުއްދަތެއް އަރުވާފަ އެވެ.

ވާރިސުންގެ ބަސް ނެގުމަށްފަހު ދެން އޮންނާނީ މި މައްސަލާގައި އަދުހަމްގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

މައްސަލައިގެ ފަސްފަހަތް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ. އަދި ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވުމާއެކު ދައުވާ އުފުލިގެން ދިޔަ އެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް މަރާލިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑު އޮތް މީހެކެވެ. ގާސިމް މަރާލި ދުވަހު ވެސް އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދަން ފޭރުމާއި ވައްކަމުގެ ކަމެއް ކުރުމަށެވެ. އެ ދުވަހު އޭނާ ވަޅިއެއް ހޯދީ ވެސް މީހަކަށް ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ބޭނުމުގަ އެވެ.

މި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފަ އެވެ. ފަހުން ފުލުހުން އަނިޔާކުރީ ކަމަށް ބުނެ ކުށަށް އިންކާރު ކުރި އެވެ.

އެއަށް ފަހު ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އަދުހަމް ބުނެފައިވެ އެވެ. އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ކަމަށް ވެސް އަދުހަމް ބުންޏެވެ.