Advertisement

ކުޅުންތެރިންނާއި މެނޭޖްމަންޓަށް ފާާޑުކިޔައި، ކޮންޓޭ އުދާސްތައް ބަންޑުންކޮށްލައިފި

19 މާރިޗު 2023 - 10:26 0


ކުޅުންތެރިންނާއި މެނޭޖްމަންޓަށް ފާާޑުކިޔައި، ކޮންޓޭ އުދާސްތައް ބަންޑުންކޮށްލައިފި

19 މާރިޗު 2023 - 10:26 0

ލަންޑަން (މާޗު 19) - ޓޮޓެންހަމް ހޮޓްސްޕާސްގައި ތިބީ "އަމިއްލަ އެދުން" ބޮޑު ކުޅުންތެރިންތަކެއް ކަމަށާއި ކޯޗު ބަދަލުކުރިޔަސް ކްލަބުގައި ހަރުލާފައި އޮތް "ސަގާފަތް" ބަދަލުނުވާނެ ކަމަށް ބުނެ، އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އުދާސްތައް ބަންޑުންކޮށްލައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ސައުތުހެމްޓަން އާއި ޓޮޓެންހަމްއާ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވި މެޗަށް ފަހު ކޮންޓޭ ވަނީ ޖަޒުބާތުގައި ޖެހި، ޓީމު ހަލާތާމެދު އޭނާ ދެކޭ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފަ އެވެ.

"ޓޮޓެންހަމްގައި އެއް ވެރިއެއް 20 އަަހަރުހުރިއިރު، އެއްވެސް ތައްޓެއް ނުލިބޭ. އެއީ ކީއްވެ؟،" ކޮންޓޭ ބުންޏެވެ. "މިހާރު މި ފެންނަނީ 11 ކުޅުންތެރިން ދަނޑަށް އަރައި އެމީހަކާއި އެމީހެއް އުޅޭތަން. އެއީ މި ކްލަބުގައި އެ ގޮތަށް ކުޅެކުޅެ އެ މީހުން އެގޮތަށް ހޭނިފައި ހުރީމަ. އެމީހުން ބޭނުމެއްނުވޭ ޕްރެޝަރުގައި ކުޅޭކަށް."

ޓޮޓެންހަމް މިހާރު ހިންގަމުންދާ އޯނަޝިޕް ގުރޫޕުން އެ ކްލަބާ 2001 ވަނަ އަހަރު ހަވާލުވި ފަހުން މިހާތަނަށް ލިބުނު ހަމައެކަނި ތައްޓަކީ 2008 ވަނަ އަހަރު ލީގު ކަޕެވެ. މި މުއްދަތުގެ ތެރޭގައި 11 ކޯޗުން ވަނީ އެ ކްލަބުގައި މަސައްކަތްކޮށްފަ އެވެ.

ޓޮޓެންހަމް ވަނީ މި ސީޒަންގައި ކުޅުނު ހުރިހާ މުބާރާތުން ކަޓައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގަަދަ 16ގެ ބުރުން ކެޓީ އޭސީ މިލާން އަތުންނެވެ.

ކޮންޓޭ ބުނީ ޓީމު އޮތް ހާލަތު ޒިންމާ ނަގަންޖެހޭނީ ހަމައެކަނި މެނޭޖްމަންޓާއި ކޯޗުންނެއް ނޫން ކަމަށާއި ކުޅުންތެރިން ވެސް ޒިންމާ ނަގަންޖެހޭ ކަމަށެވެ.

"ކުޅުންތެރިންގެ ވެސް ޒިންމާއެއް އޮންނަންޖެހޭ. ކޯޗުން ބަދަލުކުރެވިދާނެ. އެކަމަކު ހާލަތު ބަދަލެއް ނުކުރެވޭނެ. ކްލަބުގައި މިހާރު ހަރުލާފައި އޮތް ސަގާފަތް ބަދަލުވެގެން ނޫނީ ހާލަތު ބަދަލެއްނުވާނެ،" ކޮންޓޭ ބުންޏެވެ.

"ކްލަބުން ޒިންމާވާންޖެހޭ ޓްރާންސްފާތަކަށް. ކޯޗުންގެ ޒިންމާ އޮވޭ. އެކަމަކު ކޮބާ ޕްލޭޔަރުންގެ ޒިންމާ."

ޓޮޓެންހަމް މި ވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ސައުތުހެމްޓަން އަތުން މޮޅުވެ، ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޓޮޓެންހަމް އަށް އޮތެވެ. އެކަމަކު، ކޮންޓޭ ބުނީ މިހާރު ޓީމު އޮތް ހާލަތަށް ބަލާއިރު، ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނެކަމުގެ ޔަގީންކަން ވެސް ނެތް ކަމަށެވެ.