Advertisement

މި ފަހަރު ސާފް ޗެމްޕިއަންޝިޕް އޮތީ ބެންގަލޫރުގައި

17 މާރިޗު 2023 - 19:43 0

2021 ވަނަ އަހަރު ރާއްޖޭގައި ހޯސްޓްކުރި ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުންތެރިއަކު ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ


މި ފަހަރު ސާފް ޗެމްޕިއަންޝިޕް އޮތީ ބެންގަލޫރުގައި

17 މާރިޗު 2023 - 19:43 0

އަންނަ ޖޫން މަހު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ ސިޓީ އަކީ ބެންގަލޫރު ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމައިފި އެވެ.

ބެންގަލޫރަކީ އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރާނެ ހަތަރު ވަނަ ސިޓީ އެވެ. މީގެ ކުރިން އިންޑިއާ އިން ވަނީ ތިން ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އެ ގޮތުން، 1999 ވަނަ އަހަރު ބޭއްވީ ގޯއާގަ އެެވެ. އޭގެ ފަހުން، 2011 ވަނަ އަހަރު، ނިއު ދިއްލީގައި ހޯސްޓްކުރުމަށް ފަހު، 2015 ވަނަ އަހަރު ބޭއްވީ ޓްރިވެންޑްރަމްގަ އެވެ. އިންޑިއާގައި މިހާތަނަށް މުބާރާތް ހޯސްޓްކުރި ތިން ފަހަރު ވެސް ތަށި ހޯދީ އެ ޓީމުންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑްކުރަން ހުޅުވާލި މުއްދަތުގައި އެކަން ކުރީ ހަމައެކަނި ނޭޕާލް އެވެ. އެކަމަކު، އެންމެ ފަހު ވަގުތު ސްޕޮންސަރުންގެ އެދުމާ އެކު، އިންޑިއާ އަށް މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ދޭން ނިންމީ އެވެ. އެ ގޮތުން، މުބާރާތް މިހާރު އޮތްގޮތުން ކުރިއަށްދާނީ ޖޫން 20 އިން ޖުލައި 3 ވަނަ ދުވަހުގެ ނިޔަލަށް ބެންގަލޫރުގަ އެވެ.

އިންޑިއާ އިން މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިކުރާނީ އެ ގައުމުގެ ޒުވާން ޓީމު ކަމަށް ބެލެވެ އެވެ. އެ ގައުމުގެ ކުޅިވަރު މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން މި ގޮތަށް ނިންމީ ގައުމީ ޓީމްގެ ސީނިއާ ކުޅުންތެރިންގެ ލަފާގެ މަތިންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މެދުކެނޑުމަކަށް ފަހު، ޕާކިސްތާނާއި ބޫޓާން ވެސް ކުޅޭނެ ކަމަށް ބެލެވެ އެވެ. އެއީ ޕާކިސްތާން ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެފައިވާއިރު، ކޮވިޑްގެ ސަބަބުން ހުއްޓުން އައި ބޫޓާންގެ ގައުމީ ޓީމުގެ ފުޓްބޯޅަ ހަރަކާތްތައް މިހާރު ފެއްޓިފައިވާތީ އެވެ.

އެކަމަކު، ސްރީ ލަންކާ އަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެވުމުގެ ފުރުސަތު ފެންނަނީ ފަނޑުކޮށެެވެ. އެއީ، ޖެނުއަރީ 22 ވަނަ ދުވަހު ފީފާ އިން ވަނީ ލަންކާ ސަސްޕެންޑްކޮށްފަ އެވެ. އެއީ އެ ގައުމުގެ ފުޓްބޯޅަ އަށް ތިން ވަަނަ ފަރާތެއްގެ ނުފީޫޒު ފޯރާފައިވާތީ އެވެ. ލަންކާ ސަރުކާރުން އެ ގައުމުގެ ފުޓްބޯޅަ އަށް ނުފޫޒު ފޯރުވާތީ އައިސްފައިވާ ސަސްޕެންޝަން، އިއްޔެ ބޭއްވި ފީފާގެ ކޮންގްރެސްގައި 197 ގައުމުގެ ތާއީދާ އެކު ވަނީ ދަމަހައްޓައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުންނާއި އާ ކޯޗު، ވިންޗެންޒޯ އަލްބާޓޯ އަށް ފުރުސަތު ދޭން ނޭޕާލުން ވަނީ މި މަހު ތުރީ ނޭޝަންސް މުބާރާތެއް ރާވައިފަ އެވެ. އެ މުބާރާތުގައި ބޫޓާން ވެސް ކުޅޭނެ އެވެ. އަނެއްކޮޅުން ސާފްގެ ކުރިން އިންޑިއާ އިން ވެސް އެ ގައުމުގައި ފުޓްބޯޅަ ފޯރި އާލާ ކުރުމާއި ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވާން އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.