Advertisement

ސާފް 17 އަހަރުން ދަށުގެ މުބާރާތް: ފުރަތަމަ މެޗުގައި ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

16 ސެޕްޓެންބަރު 2025 - 20:42 0


ސާފް 17 އަހަރުން ދަށުގެ މުބާރާތް: ފުރަތަމަ މެޗުގައި ޗެމްޕިއަން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

16 ސެޕްޓެންބަރު 2025 - 20:42 0

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އަތުން 6-0 އިން ބަލިވެއްޖެ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބޫޓާން އަދި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެެވެ.

ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާއްޖޭން ހަތް ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ރާއްޖޭގެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފޯވާޑް، އައިދު މުހައްމަދު ޖަވީޒު އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

އޭގެ ފަހުން، މަޑުމަޑުން އިންޑިއާ އިން މެޗުގެ ތެރެއަށް އައިސް ފުރަތަމަ ހާފު ނިންމާލި ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އިންޑިއާ އިން އޭރިއާތެރެއަށް ކުރި ހުރަހަކުން ފުރަތަމަ ގޯލު ޖެހީ، 12 ވަނަ މިނިޓްގައި ދަލާލްމޫން ގާންޓޭ އެވެ. އަދި، 29 ވަނަ މިނިޓްގައި ރިޝިކޭޝް މަނާވަތީ ވަނީ އިންޑިއާގެ ލީޑުފުޅާކޮށްދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓްގައި އިންޑިއާގެ ކަމްގައުހައޯ ޑޫންޖެލް އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހި އެވެ. އޭގެ 10 މިނިޓް ފަހުން، އިންޑިއާގެ ހަތަރު ވަނަ ލަނޑު ޖެހީ، ގުންލެއިބާ ވަންކެއިރަކްޕަމް އެވެ. އަދި، މެޗުގެ 68 ވަނަ މިނިޓްގައި ގާންޓޭ، އިންޑިއާގެ ފަސް ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

މެޗުގެ ފަހު ލަނޑު 86 ވަނަ މިނިޓްގައި ޖެހީ، އާޒިމް ޕަރްވީޒް ނަޖަރު އެވެ.

ސާފް ޗެމްޕިއަންޝިޕް 15، 16 އަދި 17 އަހަރުން ދަށަށް ބާއްވާ މިއީ، 10 ވަނަ މުބާރާތެވެ. އެންމެ ފަހުން ތިން ފަހަރުގެ ތެރެއިން ދެ ފަަހަރު 17 އަހަރުން ދަށަށް ބޭއްވިއިރު، އެއް ފަހަރު 16 އަހަރުން ދަށަށް ބޭއްވި އެވެ. މި އުމުރުފުރާތަކުގެ އެންމެ ފަހުން ހަތަރު ފަހަރުގެ ވެސް ޗެމްޕިއަނަކީ އިންޑިއާ އެވެ.

ކޯޗު ސޮބާހު މުހައްމަދުގެ (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅޭ 17 އަހަރުން ދަށުގެ ގައުމީ ޓީމުން ދެ ވަނަ މެޗުގައި، ނުކުންނާނީ ހުކުރު ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. ފުރަތަމަ މެޗުން ޕާކިސްތާނުން ވަނީ ބޫޓާންގެ މައްޗަށް 4-0 އިން ކުރިހޯދައިފަ އެވެ.