Advertisement

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ޖެރާޑް ނޫނީ ލަމްޕާޑް؟

16 މާރިޗު 2023 - 10:42 0


އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ޖެރާޑް ނޫނީ ލަމްޕާޑް؟

16 މާރިޗު 2023 - 10:42 0

ލަންޑަން (މާޗް 16) - އިނގިރޭސި 21 އަހަރުން ދަަށުގެ ޓީމުގެ ކޯޗަކަށް ހުރި ލީ ކާސްލީ، އެ މަގާމު ދޫކޮށްލުމަށް ތައްޔާރުވަމުން އަންނައިރު، އެ މަގާމަށް ފްރޭންކް ލަމްޕާޑް ނޫނީ ސްޓީވެން ޖެރާޑް ގެންދިއުމުގެ ޝައުގުވެރިކަން އިނގިރޭސި އެފްއޭ އިން ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ ޒިންމާ އިން ކާސްލީ އަމިއްލަ އަށް ދުރުވާނެ ކަމަށް މިދިޔަ ހަފްތާއެއްހާ ދުވަހު އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ރިޕޯޓްތަކާ ގުޅުވައިގެން ދެން މީޑިއާގައި އެންމެ އަޑުގަދަކޮށް ދެކެވުނު ވާހަކަ އަކީ އިންގްލެންޑްގެ ޔޫތު ޓީމު (21 އަހަރުން ދަށުގެ ޓީމު) ގެ ކޯޗަކަށް ދެން ގެންނަން އެފްއޭ އިން ބޭނުންވަނީ ޖެރާޑް ނޫނީ ލަމްޕާޑް ކަމަށެވެ.

ލަމްޕާޑް ވަނީ މިދިޔަ ޖެނުއަރީ މަހު އެވަޓަން ކޯޗުކަމުން ވަކިކޮށްފަ އެވެ. އެސްޓަން ވިލާގެ ކޯޗަކަށް ހުރި ޖެރާޑް މަގާމުން ވަކިކުރީ މީގެ ފަސް މަސް ކުރިން، އޮކްޓޫބަރު މަހުގެ ފަހުކޮޅުގަ އެވެ.

އެކާވީސް ވަނަ ގަރުނުގައި ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ ގޯލާ ރަށްޓެހި އެއް މިޑްފީލްޑަރު، ލަމްޕާޑް ވަނީ ކޯޗިން ކެރިއަރުގައި މީގެ ކުރިން ޑާބީ ކައުންޓީ އާއި ޗެލްސީ އަށް ވެސް ކޯޗުކޮށްދީފަ އެވެ. ލިވަޕޫލްގެ ކާމިޔާބު ކެޕްޓަން، ޖެރާޑް ކޯޗިން ކެރިއަރު ފެށީ ލިވަޕޫލް ޔޫތު ޓީމުންނެވެ. އެ ގޮތުން އެ ޓީމުގައި ހުރެފައި، ސީނިއާ ޓީމަކާ ފުރަތަމަ ހަވާލުވީ ރޭންޖާސްއާ އެެވެ. އެސްޓަން ވިލާއާ ޖެރާޑް ހަވާލުވީ ރޭންޖާސްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށް އެ ޓީމު ދޫކޮށްލުމަށް ފަހު އެވެ.

އިނގިރޭސި އެފްއޭ އިން 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ޖެރާޑް ނޫނީ ލަމްޕާޑް ގެންނަން މަސައްކަތް ކުރި ނަމަވެސް އެ ދެ ކޯޗުން ކުރެ އެއް ކޯޗެއް ވެސް އެ މަގާމާ ހަވާލުނުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ، ގައުމީ ޓީމެއްގެ ކޯޗިން ޒިންމާއާ ހަވާލުވެއްޖެނަމަ އަހަރެއްގެ ތެރޭގައި ކުޅެލަން ލިބޭނީ މަދު މެޗުތަކަކަށް ވެފައި، މިއީ ޖެރާޑް އާއި ލަމްޕާޑްގެ ވެސް ކޯޗިން ކެރިއަރުގެ ފުރަތަމަ އަހަރުތައް ކަމަށްވާތީ އެވެ.

ލަމްޕާޑާއި ޖެރާޑް ގެންދަން އިނގިރޭސި އެކި ޑިވިޝަނުގެ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.