8 އޮކްޓޯބަރު 2025 - 12:43 0
8 އޮކްޓޯބަރު 2025 - 12:43 0
ލިވަޕޫލް (އޮކްޓޫބަރު 8) - ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް އިއްތިފާގުގެ ކޯޗަކަށް މަސައްކަތްކުރިިއިރު، ދަސްވި ބޮޑު ކަމެއް ނެތް ކަމަށް އިނގިރޭސި މިޑްފީލްޑަރު، ސްޓީވެން ޖެރާޑް ބުނެފި އެވެ.
ޖެރާޑް، އަލް އިއްތިފާގުގެ ކޯޗުކަމާ ހަވާލުވިތާ 18 މަސް ދުވަސް ފަހުން، އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމީ އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު މި އަހަރު ކުރީކޮޅުގަ އެވެ. ޖެރާޑް، އަލް އިއްތިފާގުގެ ކޯޗަކަށް ހަމަޖެއްސީ 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ. އޭގެ ފަހުން، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު، ޖެރާޑް ވަނީ އަލް އިއްތިފާގާ އެކު ހަދާފައިވާ ކޮންޓްރެކްޓް، 2027ގެ ސީޒަނުގެ ނިޔަލަށް އާކޮށްފަ އެވެ. އެކަމަކު، އޭގެ އެއް އަހަރު ފަހުން، ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި ޓީމު ދޫކޮށްލުމާ ބެހޭގޮތުން ޖެރާޑް ބުނީ، ފުޓްބޯޅައިގައި ބައެއް ކަންކަން ބޭނުންވާ ގޮތަށް، ޓީމަށް ރަނގަޅަށް ނުދާނަމަ، ރަނގަޅަށް ވިސްނައި ބައެއް ނިންމުންތައް ނިންމަން ޖެހޭނެ ކަމަށެވެ.
އިނގިރޭސި ޑިފެންޑަރު، ރިޔޯ ފާޑިނަންޑްގެ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން، ޖެރާޑް ބުނީ، ކޯޗިން ކެރިއަރުގައި ރަނގަޅު މަސައްކަތެއް ކުރެވުނީ ސްކޮޓްލެންޑްގެ ރޭންޖާސްގައި ކަމަށެވެ.
"ރޭންޖާސްގައި މަސައްކަތްކުރަން ލިބުނީ އަހަރެންގެ މީހުންނާ އެކު (އެސިސްޓަންޓަކަށް ހުރި ގެރީ މެކްއަލިސްޓާ އާއި މައިކަލް ބީލްއާ އެކު)، ވަރަށް ބައިވަރު ބަދަލުތަކެއް އައި އެސްޓަން ވިލާގެ ކޯޗަކަށް ހުރިއިރު، ދެން، ސައުދީގައި، ހަގީގަތަށް ބުނަންޏާ އަހަންނަށް ދަސްވި ބޮޑު ކަމެއް ނެތް،" ޖެރާޑް ބުންޏެވެ.
ރޭންޖާސްގެ ކޯޗަކަށް ހުރި ރަސަލް މާޓިން ވަކިކުރިއިރު، އެ މަގާމަށް ދިއުމުގެ ޝައުގުވެރިކަން ހުރި ކަމަށް ޖެރާޑް ވަނީ ބުނެފަ އެވެ.
ލިވަޕޫލް ޔޫތު ޓީމުތަކުގައި ވެސް ކޯޗުކަން ކުރި، ޖެރާޑް، ޕްރޮފެޝަނަލް ކޯޗިން ކެރިއަރު ފެށީ، 2018 ވަނަ އަހަރު ސްކޮޓްލެންޑްގެ ރޭންޖާސް އިންނެވެ. އެ ޓީމާ އެކު ސްކޮޓްލެންޑްގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ޖެރާޑް، ވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާ ހަވާލުވެފަ އެވެ. އެ ޓީމުގެ ކޯޗުކަމުން، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަކިކުރި ޖެރާޑް އަލް އިއްތިފާގުގެ ކޯޗަކަށް ހުރީ އަަހަރަކު، 25 މިލިއަން ޑޮލަރުގެ މުސާރައެއްގަ އެވެ.
Comment