16 މާރިޗު 2023 - 10:37 0
ރައްޔާން މުހައްމަދު
16 މާރިޗު 2023 - 10:37 0
ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓަ އިން އަނެއްކާވެސް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.
މީގެ ހަތަރު މަސް ކުރިން 11،0000 މުވައްޒަފުން މެޓަ ކުންފުނިން ވަކިކޮށްފައިވާ އިރު، ކުރިއަށް އޮތް ދެމަސްތެރޭ 10،000 މުވަޒަފުން ވަކިކުރާނެ ކަމަށް ކުންފުނީގެ ސީއީއޯ މާކް ޒަކަބާގް ވަނީ ބުނެފަ އެވެ.
މިކަމާއި ބެހޭގޮތުން ކުންފުނީގެ މުވައްޒަފުންނަށް ޒަކަބާގް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، މެޓަ ނުވަތަ ކުރިން ފޭސްބުކް އަކީ އަހަރަކަށް ފަހު އަހަރެއް އާމްދަނީ އިތުރު ކުރަމުން އައި ކުންފުންޏެއް ކަމަށެވެ. ނަމަވެސް، 2020 ގެ ޕެންޑެމިކަށް ފަހު ކުންފުންޏަށް ވީ ގެއްލުމަކީ، ބަދަލުތަކެއް ގެންނަޖެހޭ ކަމުގެ ރަނގަބީލެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މެޓަ ކުންފުނި ރިސްޓަރަކްޗާ ކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ނިންމާފައިވާ ކަމަށް މިދިޔަ އަހަރު ޒަކަބާގް ވަނީ ބުނެފަ އެވެ.
އޭނާ ބުނެފައިވަނީ މިއަހަރަކީ ކުންފުނީގެ "އެފިޝެންސީ" އިތުރުކުރުމަށް މަސައްކަތް ކުރާނެ އަހަރެއް ކަމަށެވެ. އެގޮތުން، މިޑްލް މެނޭޖްމެންޓްގެ ސަގާފަތް ނައްތާލާ، މެނޭޖަރުންނަކީ ގިނަ ޒިންމާތަކެއް އަދާކުރާ ހަރުދަނާ ބަޔަކަށް ހަދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ހަރަދުތައް ދަށްކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ގިނަ ކުންފުނިތަކެކޭ އެއްގޮތަށް ޕެންޑެމިކަށް ފަހު މެޓަ އަށް ވެސް ވަނީ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން، އެކުންފުނީގެ މައިގަނޑު ރެވެނިއުކަމަށް ވާ އިސްތިހާރުކޮށްގެން ލިބޭ އާމްދަނީ ދަށްވެ، ކުންފުނީގެ ސީއީއޯ ޒަކަބާގް ފުރިހަމަކުރުމަށް ބޭނުންވާ "މެޓަވާސް" އަށް ބޮޑެތި ހަރަދުތަކެއް ކުރުމުގެ ސަބަބުން ކުންފުންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
އެމެރިކާގެ އިންޓްރެސްޓް ރޭޓްތައް މަތިވެ އިގްތިސޯދަށް ކުރަމުންދާ ނޭދެވާ އަސަރުތަކުގެ ސަބަބުން އެގައުމުގެ ބޮޑެތި ކުންފުނިތަކުން ދަނީ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. އެގޮތުން، އެމެޒޯން އަދި މައިކްރޯސޮފްޓް އިން ވެސް ވަނީ މި ހީނަރުކަމާ ކުރިމަތިލުމަށް މުވައްޒަފުންގެ އަދަދު މަދުކޮށްފަ އެވެ.
މިދިޔަ އަހަރުން ފެށިގެން މިހިސާބަށް އައި އިރު، ހަމައެކަނި ޓެކްނޮލޮޖީ އިންޑަސްޓްރީ އިން ވެސް ވަނީ 280،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފަ އެވެ. މީގެ ތެރެއިން 40 އިންސައްތަ މުވައްޒަފުން ވަކިކޮށްފައިވަނީ މިއަހަރު އެވެ.
Comment