Advertisement

އޯކަސް އެއްބަސްވުމުގެ ދަށުން ޗައިނާއާ ދެކޮޅަށް ނިޔުކްލިއާ ސަބްމެރީންތަކެއް ނެރެނީ

14 މާރިޗު 2023 - 20:08 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާގެ ލީޑަރުން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އޯކަސް އެއްބަސްވުމުގެ ދަށުން ޗައިނާއާ ދެކޮޅަށް ނިޔުކްލިއާ ސަބްމެރީންތަކެއް ނެރެނީ

14 މާރިޗު 2023 - 20:08 1

އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކުޑަކުރަން ކަމަށް ބުނެ، އެމެރިކާ އާއި އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ގުޅިގެން ނިޔުކްލިއާ ހަކަތައިން ބާރު ލިބޭ ސަބްމެރީންތަކެއް ނެރެން ނިންމައިފި އެވެ.

އެކަން ކުރާނީ ތިން ގައުމު ބައިވެރިވާ އޯކަސް އެއްބަސްވުމުގެ ދަށުންނެވެ. އޭގެ ދަށުން އެމެރިކާއިން އޮސްޓްރޭލިއާއަށް އޭގެ ތިން ސަބްމެރީން ހަދިޔާކުރާނެ އެވެ.

އޭގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޅިން އާ ސަބްމެރީންތަކެއް ނެރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ. އެގޮތުން އިނގިރޭސިވިލާތުގައި އުފައްދާ ރޯލްސް ރޮއިސް ރިއެކްޓަރުތަކުގެ ބޭނުން ހިފާނެ އެވެ.

ޗައިނާއިން ބުނީ އޯކަސް އެއްބަސްވުމުގެ ސަބަބުން ސުލްހަ އާއި ހަމަޖެހުން ނެތިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ނިޔުކްލިއާ ބޭނުންކުރުން މަދުކުރަން ކުރާ މަސައްކަތަށް ބެލުމެއް ނެތި ހުޅަނގުން ކުރިއަށްދާ ކަމަށް ވެސް ޗައިނާއިން ތުހުމަތު ކުރެ އެވެ.

އެހެން ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އެއްބަސްވުމުގެ ބޭނުމަކީ ސުލްހަ ކުރިއެރުވުން ކަމަށާއި އެއީ ނިޔުކްލިއާ ހަތިޔާރު ހުރި ސަބްމެރީންތަކެއް ނޫން ކަމަށެވެ.

އެއްބަސްވުމާ ގުޅޭ މައުލޫމާތު އާއްމު ކުރި ބައިޑެން އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް އަދި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް ގުޅިގެން ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެމެރިކާގައި އުފެއްދި ނިޔުކްލިއާ ހަކަތައިން ބާރު ލިބޭ ސަބްމެރީންތައް މީގެ ކުރިން އިނގިރޭސިވިލާތަށް ހަދިޔާކޮށްފައިވާ އިރު، ތިން ވަނައަށް އެ ޓެކްނޮލޮޖީ ލިބޭ ގައުމަކަށް ވާނީ އޮސްޓްރޭލިއާ އެވެ. އެހެންކަމުން އެނެލިސްޓުން ދެކޭ ގޮތުގައި މިއީ އޮސްޓްރޭލިއާއަށް އަސްކާރީ ގޮތުން ބޮޑު ކުރިއެރުމެކެވެ.

އެ ސަބްމެރީންތައް ބޭނުންކުރާނެ ގޮތް ދަސްކުރަން އޮސްޓްރޭލިއާގެ ސިފައިން މި އަހަރު އިނގިރޭސިވިލާތާއި އެމެރިކާގެ މަރުކަޒުތަކަށް ގޮސް ތަމްރީން ހޯދާނެ އެވެ.