Advertisement

ސަރުކާރުގެ ބިލުތަކާއި މައްސަލަތައް ބަލައިގަނެ، ނަޝީދު ފެކްޝަންގެ ގަރާރުތައް ބޭރު

14 މާރިޗު 2023 - 12:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް


ސަރުކާރުގެ ބިލުތަކާއި މައްސަލަތައް ބަލައިގަނެ، ނަޝީދު ފެކްޝަންގެ ގަރާރުތައް ބޭރު

14 މާރިޗު 2023 - 12:43 0

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލަކާއި ހަތަރު މައްސަލަ ބަލައިގަނެ، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ހުށަހަޅާފައިވާ ގަރާރުތައް ބޭރުކޮށްލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއް ބަލައިގަތުމާމެދު ވޯޓަށް އަހައިފަ އެވެ. އެއީ ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާ ގުޅޭ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" އާއި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ވަޒީފާ އަދާކުރާ މާހައުލުގެ ސަލާމަތާ ގުޅޭ ބިލު ބަލައިގަތުމަށް ހުރިހާ މެންބަރުން ވޯޓު ދެއްވިއިރު، ފާޑުކިޔުން އަމާޒުވި ފުލުހުންގެ ހިދުމަތާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވޯޓު ދެއްވާފައިނުވެ އެވެ.

އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރީ 34 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ ތިން މައްސަލައެއް ވެސް މަޖިލީހުން މިއަދު ފާސްކޮށްފައިވެ އެވެ. އެއީ؛

  • "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްކަމުގައި ހަމަޖެއްސުން
  • " އިންޓަނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)" ގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުން
  • " އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަން އެންޑް ލައިޓްހައުސް
  • އޮތޯރިޓީ (އައިއޭއެލްއޭ)" ގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުން

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ދެން ވޯޓަށް އަހާފައިވަނީ މެންބަރުން ހުށަހަޅާފައިވާ ތިން ގަރާރަކަށެވެ.

އޭގެ ތެރެއިން މަޖިލީހަށް ބަލައިގެންފައިވަނީ އައްޑޫ މީދޫ ދާއިރާގެ ސަރުކާރު މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ގަރާރު އެކަންޏެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފިރިހެން މެންބަރުންގެ ނަން އިއްވުމުން، މެންބަރުން ނެރުމަށް އަންހެން އޮފިސަރުން ހަރަކާތްތެރިވާން ނުޖެހޭ ގޮތް ހަދަން މަޖިލިސް ގަވައިދަށް އިސްލާހު ހުށަހަޅަން ހުށަހެޅި ގަރާރެކެވެ.

ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އައްޑޫ އެއާޕޯޓު ޕްރައޮޓަރައިޒް ކުރުމަށް ގޮވާލާ ގަރާރު ވަނީ ބޭރުކޮށްލައިފަ އެވެ.