12 މާރިޗު 2023 - 21:46 0
އާމިނަތު ނިއުޝާ
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް -- ފޮޓޯ: އަދަދު
12 މާރިޗު 2023 - 21:46 0
ދަރުމަވަންތަ ސްކޫލުުގެ އާ އިމާރާތް ބޭނުންކުރަން ފަށައި، މިހާރު ބޭނުންކުރަމުން އަންނަ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލު ދަރިވަރުުން ބަދަލުކުރަން މަޝްވަރާ ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނި ގޮތުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އަލަށް އިމާރާތް ކޮށްފައިވާ ދަރުމަވަންތަ ސްކޫލްގެ އިމާރާތް ނިންމައި, އެތަން ބޭނުން ކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ނުހުޅުވި ދިގުލައިގެން ގޮސްފައިވާ އެ ސްކޫލުގައި ކިޔެވުމުން ފެށުމަށްފަހު މިހާރު ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ކިޔަވަމުންދާ, ވެލާނާގެއާ ޖެހިގެން ހުންނަ ވަގުތީ އިމާރާތަށް އަރަބިއްޔާ ސްކޫލްގެ ކިޔެވުން ބަދަލު ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ބޭނުން ކުރަން އަންގާފައިވާއިރު، އެތަނުގެ މަސައްކަތް އަދި އެއްކޮށް ނިމިފައި ނުވާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރަބިއްޔާ ސްކޫލު, ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަޝްވަރާ ފަށާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގަައި އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ބާވުމާ ގުޅިގެން އެ ސްކޫލުގެ ދަރިވަރުން ކުރިން ފޮރިން މިނިސްޓްްރީ ހިންގި އެމްޓީސީސީގެ ވަގުތީ އިމާރާތަށް ބަދަލުކޮށްފައިވެ އެވެ. މިހާރު އެ ސްކޫލްގެ ކިޔެވުން އޮތީ ހުޅުމާލޭ ފެރީ ޓާމިނަލްއާ ޖެހިގެން ހުންނަ އެ އިމާރާތުގަ އެވެ.
އެ އިމާރާތަކީ ޖާގައިގެ ގޮތުން ދަތިތަނަކަށް ވެފައި، ފޮރިން މިނިސްޓްރީން އެ އިމާރާތުގެ ބައެއް އަދިވެސް ބޭނުންކުރަމުން އަންނާތީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން ބާ ޖަމާލުއްދީން ހުރި ބިމުގައި މަޝްރޫއު ފަށާފައިވެ އެވެ.
ދަރުމަވަންތަ ސްކޫމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ސެޕްޓެމްބަރު 2020, ގަ އެވެ. ނަމަވެސް, ކޮވިޑާ ހެދި އޭރު އެ އިމާރާތުގެ މަސައްކަތް ނިންމަން ދީފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމިފައެއް ނުވެ އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. 74.9 މިލިއަން ރުފިޔާއަށް އަޅާ އެ އާ އިމާރާތަކީ މުޅިން ތަފާތު އަދި އެންމެ ޒަމާނީ ފެންވަރުގެ ކޮންސެޕްޓަކަށް ތައްޔާރުކުރާ ސްކޫލެއް ކަމަށްވާއިރު، އެ ސްކޫލަކީ 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
Comment