Advertisement

އާ ސްޓްރައިކަރެއް ހޯދަން ޔުނައިޓެޑްގެ ޝޯޓްލިސްޓުގެ ކުރީގައި ރާމޯސް އާއި ކޭން: ރިޕޯޓް

12 މާރިޗު 2023 - 13:03 0


އާ ސްޓްރައިކަރެއް ހޯދަން ޔުނައިޓެޑްގެ ޝޯޓްލިސްޓުގެ ކުރީގައި ރާމޯސް އާއި ކޭން: ރިޕޯޓް

12 މާރިޗު 2023 - 13:03 0

ލަންޑަން (މާޗް 12) - މެންޗެސްޓާ ޔުނައިޓެޑުން އާ ސްޓްރައިކަރެއް ހޯދަން ކުރާ މަސައްކަތުގައި އެ ޓީމުގެ ޝޯޓްލިސްޓުގެ ކުރީގައި ހިމެނެނީ ބެންފީކާ އަށް ކުޅޭ ގޮންޒާލޯ ރާމޯސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުގެ ފޯވާޑް ލައިނަށް ދުނިޔޭގެ ފެންވަރުގެ ސްޓްރައިކަރެއް ހޯދަން އެ ކްލަބްގެ ކޯޗު އެރިކް ޓެން ހާގް ވަނީ ޔުނައިޓެޑްގެ ބޯޑަށް އަންގައިފަ އެވެ.

މި އަހަރުގެ ޖެނުއަރީ ޓްރާންސްފާ މާކެޓްގެ ތެރޭގައި ބޮޑު ހަރަދުކޮށްގެން ސްޓްރައިކަރެއް ގަތުމުގެ ބަދަލުގައި ޔުނައިޓެޑުން ނިންމީ ލޯން އުސޫލުން ނެދަލެންޑްސްގެ ފޯވާޑް، ވައުޓް ވެގްހޯސްޓް ގެންނާށެވެ. އެ އަށް ފަހު، އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ސްޓްރައިކަރެއް ގަތުމަށެވެ. އެކަން ކުރަން ޔުނައިޓެޑްގައި މި ވަގުތު ތިބި ބައެއް ކުޅުންތެރިން ވިއްކާލާނެ އެވެ.

އެ ގޮތުން، ޔުނައިޓެޑުން އާ ސްޓްރައިކަރުން ހޯދަން ފާރަލަމުން އަންނައިރު، ޝޯޓްލިސްޓުގެ އެންމެ ކުރީގައި އޮތީ ކޭން، 29، އާއި ރާމޯސް، 21، އެވެ. ކޭން، ޓޮޓެންހަމްގައި ހުރީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

ރާމޯސް، އެންމެ ފަހުން ބެންފީކާއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން 2026 ވަނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ އެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި ޔުނައިޓެޑްގެ ބޯޑާ އެކު ޓެން ހާގްގެ ބައްދަލުވުންތަކެއް އޮންނާނެ އެވެ. ޓެން ހާގްގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާން ޔުނައިޓެޑުން ހަރަދުކުރާނެ ކަމުގެ ފެހި ސިންގަލް ދީފައިވާއިރު، ރާމޯސް އާއި ކޭންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ގަތް ކަމުގައި ވިޔަސް އެ ކުޅުންތެރިއެއްގެ ސޮއި ހޯދަން ދައްކަން ޖެހޭ ފީ 100 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.