11 މާރިޗު 2023 - 09:30 0
11 މާރިޗު 2023 - 09:30 0
ލަންޑަން (މާޗް 11) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އަކީ އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އޭސީ މިލާނާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވެ، އެގްރިގޭޓް ނަތީޖާ އިން ބަލިވުމުން ޓޮޓެންހަމް ވަނީ އެ މުބާރާތުން ކަޓައިފަ އެވެ. އެ މެޗަށް ޓޮޓެންހަމް އިން ރިޗާލިސަން ބޭނުމެއް ނުކުރެ އެވެ. އެކަމާ ހިތްހަަމަނުޖެހި ރިޗާލިސަން ވަނީ ޓޮޓެންހަމްގެ ކޯޗު ކޮންޓޭގެ ނިންމުމަށް ފާޑުކިޔައި، ބްރެޒިލްގެ ޓީވީ އަކަށް އިންޓަވިއު ދީފަ އެވެ.
އެ އިންޓަވިއުއާ ގުޅޭގޮތުން މީޑިއާ އިން ވަނީ ކޮންޓޭ ދެކޭ ގޮތެއް އޮޅުންފިލުވަން ސުވާލުކޮށްފަ އެވެ. އެ ގޮތުން، ކޮންޓޭ ބުނީ ރިޗާލިސަން ދައްކާ ބައެއް ވާހަކަތަކުގައި ހަގީގަތް އެބަހުރި ކަމަށެވެ. މިއީ، ރިޗާލިސަން އަށް ރަނގަޅު ސީޒަނެއް ނޫން ކަމަށާއި އެއީ ހަގީގަތް ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ.
"އަހަރެމެންނާ އެކު (ސީޒަން) ރަނގަޅަށް ފަށާފައި، ދެން އިންޖަރީއެއް އައީ. ދެން އަނެއްކާ ވެސް ވޯލްޑް ކަޕަށް ގޮސްފައި ދެން ވެސް އެނބުރި އައިސް އަނިޔާއެއްގައި އުޅުނީ. އޭނަ އަހަރެމެންނަށް ޕްރިމިއާ ލީގުގައި އެއްވެސް ގޯލެއް ޖަހައެއްނުދޭ. ޗެމްޕިއަންސް ލީގުގައި ދެ ގޯލު ޖެހި، ތެދެއް، އޭނާ އެ ބުނާ ގޮތަށް އަހަރެން ވެސް އެއްބަސްވަން، މިއީ އޭނަ އަށް ރަނގަޅު ސީޒަނެއް ނޫން،" 65 މިލިއަން ޑޮލަރަށް އެވަޓަން ދޫކޮށް މި ފަހަރު ޓޮޓެންހަމަށް ބަދަލުވި ރިޗާލިސަންއާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.
"އަދި ސީޒަން ނުއެއް ނިމޭ، އަދިވެސް އޭނަ އަށް ކަންކަން ރަނގަޅުކުރެވިދާނެ،"
ކޮންޓޭ ބުނީ މީޑިއާ ކުރިމަތީގައި ރިޗާލިސަން ދެއްކި ވާހަކައިން ގެއްލުން އޮތީ އޭނާ އަށް ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ރިޗާލިސަން އެ ހެދީ ގޯހެއްކަން އޭނަ ވެސް ގަބޫލުކުރާނެ. އެއީ، އަމިއްލަ ވާހަކަ ދެއްކުމަކީ ފުޓްބޯޅަ ކުޅުންތެރިން ކުރާނެ ގޯސްކަމެއް. އިސްކުރަންވާނީ ޓީމު. މިއީ ޓީމު ގޭމެއް. ރިޗާލިސަން ދެއްކި ވާހަކައިން ފެނުނީ އޭނަގެ އަމިއްލަ އެދުން ބޮޑުކަން،"
ލީގުގައި މިރޭ ޓޮޓެންހަމް އިން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް ކުޅޭނެ އެވެ. ގަދަ ހަތަރެއްގައި ލީގު ނިންމަން ބަލާއިރު، މި މެޗަކީ ޓޮޓެންހަމް މިހާރު އޮތް ހާލަތުން އަރައިގަންނަން މުހިންމު މެޗެކެވެ.
Comment