Advertisement

އާބިޓްރޭޝަންގައި އޮތް ކަމަށް ބުނެ ވެންޓިލޭޓަރު މައްސަލައިގައި ޖަވާބު ނުދިނުމުން އަމީރަށް ނުރުހުން

6 މާރިޗު 2023 - 11:46 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ އާބިޓްރޭޝަންގައި އޮތުމުން ބައެއް ސުވާލުތަކަށް ޖަވާބު ނުދެއްވާ ---- ފޮޓޯ: މަޖިލިސް


އާބިޓްރޭޝަންގައި އޮތް ކަމަށް ބުނެ ވެންޓިލޭޓަރު މައްސަލައިގައި ޖަވާބު ނުދިނުމުން އަމީރަށް ނުރުހުން

6 މާރިޗު 2023 - 11:46 0

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން، ހާލު ބޮޑުވާ މީހުނަށް ފަރުވާދޭން ބޭނުންވާ ވެންޓިލޭޓަރުތައް ހޯދަން ޑުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފައިސާ ދޫކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެކޮޅު ހައްދަވައިފި އެވެ.

ވެންޓިލޭޓަރު ހޯދަން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދަން އެގްޒިކިއުޓާސް ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކުރި އެވެ. އެ ވެންޓިލޭޓަރުތައް މިހާތަނަށް ލިބިފައިނުވާއިރު، ފައިސާ އަނބުރާ ރައްދުކުރަން އެންގި އެންގުންތަކަށް އިޖާބަނުދިނުމުން ހެލްތު މިނިސްޓްރީން އެދިގެން، އެ މައްސަލަ މިހާރު އޮތީ އާބިޓްރޭޝަންގަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ސުވާލުކުރުމަށް އަމީރު މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވޭތޯ ސުވާލު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް ލިބޭ އޮޑިޓު ރިޕޯޓުތަކުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވޭތޯ ޖަހާފައި ހުރޭ، އެއީ މަޖަލަކަށް ޖަހާފައި ހުންނަ އެއްޗެއްތޯއޭ، ކޮބައިތޯއޭ އެއްވެސް މުވައްސަސާއަކުން މާލިއްޔަތު ގާނޫނަށް ހިލާފުވެގެން ފިޔަވަޅު އަޅާފައިވާނެތޯއޭ،" އާމިރު ސުވާލުކުރެއްވި އެވެ.

އަދި، 31 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށްތޯއާއި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ގިނަ ދުވަސްވީ ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިފައި ކަމަށާއި އެ މައްސަލައާ މެދު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ތަކުރާރު ކޮށް 31 މިލިއަން ރުފިޔާގެ ސުވާލު ކުރެއްވުމުން ވެސް އަމީރު ދެއްވީ އެ ޖަވާބެވެ.

ސުވާލުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހޯއްދެވި ފުރުސަތުގައި ވަނީ އެކަން އުސޫލީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ.

"އާބިޓްރޭޝަންގައި މައްސަލައެއް އޮތުމުން މަޖިލީހަށް ޖަވާބު ނުދެއްވޭނެ ކަމަށް އެހެން ވިދާޅުވުމަކީ ގަބޫލުކުރެވޭ ގޮތުގައި އުސޫލީ ކަމެއް،" އިމްތިޔާޒް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އަމީރު ފަހުން އެއްޗެއް ވިދާޅުނުވި ނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އާބިޓްރޭޝަންގައި މައްސަލައެއް އޮތުމަކީ މަޖިލީހަށް މައުލޫމާތު ދިނުމަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ނިޒާމީ ނުކުތާއެއް ނަންގަވައި އާމިރު ވަނީ އެ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެހެންނަމަވެސް އަމީރު ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

"އެ ސުވާލަށް އެ ގޮތަށް އަޅުގަނޑު ޖަވާބު ދެއްވާނީ އެޓާނީ ޖެނެރަލްގެ ވެސް ލަފަޔާ އެއްގޮތަށް،" އަމީރު ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެގެންދާނެތީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ އެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެ ކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގާވައިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.

އެތަކެތީ ޖުމުލަ އަގު 31,052,025ރ އަށް އަރާއިރު، ތަކެތި ނުލިބުމުގެ ސަބަބުން ލިިބިފައިވާ ގެއްލުމުގެ ބަދަލާ އެކު ޖުމުލަ 32,574,750ރ އަށްވާ 2،112،500 އެމެރިކާ ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރުން އެދިފައިވެ އެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ވެފައިވާ ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދުމަށް އަންގާފައިވެ އެވެ.

ތަހުގީގުކުރުމަށް ފަހު އެންމެ ފުރަތަަމަ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާކުރަން ހުށަހެޅި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ ހަތަރު ފަހަރެއްގެ މަތިން އެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

އެއާއެކު އޭސީސީން ވަނީ އެ މައްސަލަތަކުގެ ތެރެއިން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފަ އެވެ. އޭގެ ފަހުން ދެން ފޮނުވީ ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީން ނުހިމެނެ އެވެ.