Advertisement

ރޭލު އެކްސިޑެންޓަށް ފަހު ގްރީސްގެ ބޮޑު ވަޒީރު މައާފަށް އެދިވަޑައިގެންފި

6 މާރިޗު 2023 - 05:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގްރީސްގެ ބޮޑު ވަޒީރު ކީރިއާކޯސް މިޓްސޮޓާކިސް. -- ފޮޓޯ: ކުވެއިތު ޓައިމްސް


ރޭލު އެކްސިޑެންޓަށް ފަހު ގްރީސްގެ ބޮޑު ވަޒީރު މައާފަށް އެދިވަޑައިގެންފި

6 މާރިޗު 2023 - 05:56 0

މިދިޔަ ހަފުތާގައި ގްރީސްގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓަށް ފަހު އެ ގައުމުގެ ބޮޑު ވަޒީރު ކީރިއާކޯސް މިޓްސޮޓާކީސް މައާފަށް އެދިވަޑައިގެންފި އެވެ.

ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓުގައި 57 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވި އެވެ. އެކަމާ ގުޅިގެން އާއްމުން ދަނީ އިދާރާތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ވެރިރަށް އެތެންސްގައި އެތައް ހާސް ބަޔަކު އެއްވެ އާދީއްތަ ދުވަހު އަޑުއުފުލި އިރު، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގި އެވެ. ފުލުހުން ބުނީ 12،000 މީހުން އެއްވި ކަމަށެވެ.

އެއްވި ބައެއް މީހުން ރޯކޮށް ފުލުހުންނަށް އަމާޒުކޮށް ޕެޓްރޯލް ބޮން އެއްލި އެވެ. ރައްދުގައި ފުލުހުން ކަރުނަ ގޭސް ޖަހައި ސްޓަން ގްރެނޭޑް ބޭނުންކުރެ އެވެ.

ގްރީސްގައި ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ ޕަސެންޖަރު ރޭލަކާއި މުދާ އުފުލާ ރޭލެއް އެކްސިޑެންޓުވީ އެއް ރޭލު ދަގަނޑުގެ ދެކޮޅުން ދަތުރު ކުރުމުންނެވެ.

ޕަސެންޖަރު ރޭލުގެ ފުރަތަމަ ހަތަރު ބައި ރޭލު ދަގނޑުން ކައްސާލައި ފުރަތަމަ ދެ ބައިގައި އަލިފާން ރޯވި އެވެ. އެކަން ދިމާވީ މީހަކަށް ހެދުނު ގޯހަކުން ކަމަށް ގްރީސްގެ އިދާރާތަކުން ބުނެ އެވެ.

ހާދިސާ ހިނގި ލަރިއްސާ ސިޓީގެ ސްޓޭޝަން މާސްޓަރު ހައްޔަރުކޮށްފައިވާ އިރު، އޭނާ ތުހުމަތުތައް ދޮގުކުރުމަށް ފަހު ބުނީ އެ ހާދިސާ ހިނގީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ.

އެހެން ނަމަވެސް ގްރީސްގެ ގިނަ މީހުން ދެކޭ ގޮތުގައި ހާދިސާ ހިނގީ އެ ގައުމުގެ ރޭލު ނިޒާމު ޒަމާނީ ކުރަން ސަރުކާރުތަކުން އެއްވެސް މަސައްކަތެއް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.