4 މާރިޗު 2023 - 20:15 0
މުހައްމަދު އުޝާމް
ވައިކަރަދޫ އަންހެން ކައުންސިލަރުގެ ބައި އިލެކްޝަން ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާ
4 މާރިޗު 2023 - 20:15 0
ހދ. ވައިކަރަދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަން ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ އާއި އެ ކޯލިޝަންގައި ދެން ހިމެނޭ އަދާލަތު ޕާޓީން ވާދަކޮށް އެ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ އެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިޒުނާއަށް ލިބުނީ 283 ވޯޓެވެ. އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ނަޒުލާއަށް ލިބުނީ 258 ވޯޓެވެ.
ބައި-އިލެކްޝަން ބާއްވާފައި ވަނީ ވެސް އެމްޑީޕީގެ ކައުންސިލަރަކު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ އިތުރަށް ވައިކަރަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމެޓީގެ ގޮނޑިއެއް ވެސް ހުސްވެގެން މިއަދު އެ ބައި-އިލެކްޝަން ވެސް ބާއްވާފައިވެ އެވެ. އެ ގޮނޑި އަދާލަތު ޕާޓީގެ ކެންޑިޑޭޓް ފާތިމަތު ޒުނައިނާ ކާމިޔާބުކުރީ 376 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރަމްޒިއްޔާ އިބްރާހީމަށް ލިބުނީ 163 ވޯޓެވެ.
ވައިކަރަދޫއަކީ އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ތާއީދު ބޮޑު ރަށެކެވެ. މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް އެ ރަށުގެ ގޮނޑިތަކަށް އާންމުކޮށް ވާދަކޮށްފައި ވަނީ އެ ދެ ޕާޓީންނެވެ. އެހެން ޕާޓީތަކުން ވާދަކުރި ނަމަވެސް ގިނަ ވޯޓު ހޯދަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީންނެވެ.
މިހާރު އޮތް ވައިކަރަދޫ ކައުންސިލްގައި ވެސް ތިބެނީ އެމްޑީޕީގެ ހަތަރު ކައުންސިލަރަކާއި އަދާލަތު ޕާޓީގެ ކައުންސިލަރެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment