Advertisement

ރޭލު އެކްސިޑެންޓަށް ފަހު ގްރީސްގައި މުޒާހަރާ ކުރަނީ

2 މާރިޗު 2023 - 16:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގްރީސްގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ރޭލު އެކްސިޑެންޓަށް ފަހު ގްރީސްގައި މުޒާހަރާ ކުރަނީ

2 މާރިޗު 2023 - 16:51 0

އަންގާރަ ދުވަހުގެ ރޭ ގްރީސްގައި ހިނގި އެކްސިޑެންޓަށް ފަހު ގިނަ އަދަދެއްގެ އާއްމުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެއް ދަގަނޑަކުން ދުއްވާފައި ދިޔަ ދެ ރޭލު ޖެހި 43 މީހުން މަރުވި އިރު، ގިނަ ބަޔަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށި އެވެ.

ހިތްހަމަނުޖެހި މުޒާހަރާ ކުރަން ފެށި މީހުން ބުނީ އެއީ އިދާރާތަކުގެ ފަރުވާ ކުޑަކަމުން ހިނގި އެކްސިޑެންޓެއް ކަމަށާއި ފިޔަވަޅު އެޅި ނަމަ އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ.

ގްރީސްގެ ރޭލުތައް އޮޕަރޭޓް ކުރާ ކުންފުނި، ހެލެނިކް ޓްރެއިންގެ އެތެންސް އޮފީސް ކުރިމައްޗަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ.

އޭގެ އިތުރުން އެ ހާދިސާ ހިނގި ލަރިއްސާ ސިޓީ އާއި ތެއްސަލޮނިކީ ސިޓީގައި ވެސް މުޒާހަރާ ކުރި އެވެ. ސަރުކާރުން ބުނީ މިނިވަން ތަހުގީގަކަށް ފަހު އިންސާފު ގާއިމް ކުރާނެ ކަމަށެވެ.

ގްރީސްގައި ތިން ދުވަހުގެ ގައުމީ ހިތާމަފާޅުކުރުން އިއުލާނުކޮށްފައިވާ އިރު، ބޮޑު ވަޒީރު ކީރިއާކޯސް މިޓްސޮޓަކިސް ވިދާޅުވީ އެ ހާދިސާ ހިނގީ "އިންސާނަކަށް ހެދުނު ގޯހަކުން" ކަމަށެވެ.

ލަރިއްސާގައި ހުންނަ ރޭލު ސްޓޭޝަންގެ މާސްޓާ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އިރު، އޭނާ ވަނީ ތުހުމަތު ދޮގުކޮށްފަ އެވެ. އޭނާ ބުނީ ހާދިސާ ހިނގީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ.

ރޭލު ޔޫނިއަންގެ މެމްބަރުން ބުނާ ގޮތުގައި ރައްކާތެރިކަމަށް ގާއިމްކޮށްފައި ހުރި ނިޒާމުތައް ރަނގަޅަށް މަސައްކަތް ނުކުރެ އެވެ. އެކަމާ ގުޅޭ އިންޒާރުތައް ފާއިތުވި އަހަރުތަކުގައި ތަކުރާރުކޮށް އިދާރާތަކަށް ލިބުނެވެ.

ފިއްތުންތައް ކުރިމަތިވެ، ޓްރާންސްޕޯޓް މިނިސްޓަރު ކޮސްޓާސް ކަރަމަންލިސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގްރީސްގެ ރޭލު ނިޒާމަކީ 21 ވަނަ ގަރުނަށް އެކަށޭނަ ނިޒާމެއް ނޫން ކަމަށެވެ.