Advertisement

ގްރީސްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެ

1 މާރިޗު 2023 - 16:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެކްސިޑެންޓުވި ދެ ރޭލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު. -- ފޮޓޯ: ރޮއިޓާޒް


ގްރީސްގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 32 މީހުން މަރުވެއްޖެ

1 މާރިޗު 2023 - 16:18 0

އުތުރު ގްރީސްގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 32 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގީ އަންގާރަ ދުވަހުގެ ރޭ ލަރިއްސާ ސިޓީ ކައިރިންނެވެ. ރެސްކިއު ޓީމުން ދަނީ އެ ވަގުތުން ފެށިގެން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދެ ރޭލު ޖެހި، ބޮޑު ގޮވުމެއް ގޮވައި، އަލިފާން ރޯވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބައެއް މީހުން ވަނީ ސަލާމަތްވުމަށް ރޭލުގެ ކުޑަ ދޮރުން ފައިބައިގެން ކުރި މަސައްކަތް ނޫސްތަކާ ހިއްސާކޮށްފަ އެވެ.

އެކްސިޑެންޓުވި ޕަސެންޖަރު ރޭލު ދަތުރު ކުރީ އެތެންސްއިން އުތުރުގައި އޮންނަ ތެއްސަލޮނީކީ ސިޓީއަށެވެ. އަނެއް ކޮޅުން ދަތުރު ކުރީ މުދާ އުފުލާ ރޭލެކެވެ.

ރެސްކިއު ޓީމުގައި އަލިފާން ނިއްވާ 150 ފަޔާފައިޓަރުންނާއި 40 އަށް ވުރެ ގިނަ އެމްބިއުލާންސް ހިމެނެ އެވެ. އޭގެ އިތުރުން ރޭލުގެ ބައިތައް އެއް ފަރާތް ކުރުމަށް ކެރޭނު ވެސް ބޭނުންކުރެ އެވެ.

މިއީ ގްރީސްގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް ރޭލު އެކްސިޑެންޓުގެ ގޮތުގައި ނޫސްތަކުން ސިފަކުރެ އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.