Advertisement

މަޖިލީހަށް ދެ ގަރާރެއް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

27 ފެބުރުވަރީ 2023 - 12:48 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ؛ ދެ ގަރާރެއް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ވަނީ ފޮނުވާފައި-- ފޮޓޯ: މަޖިލިސް


މަޖިލީހަށް ދެ ގަރާރެއް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

27 ފެބުރުވަރީ 2023 - 12:48 0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ގަރާރެއް ބަލައިގަނެ، ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީތަކަށް ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓު ގަޑީގައި ދެ ގަރާރަކަށް ވޯޓަށް އެހުން އޮތެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުން ކުއްޔަށް ކުރާ ހަރަދު ކުޑަކުރަން ގޮވާލައި ހުށަހަޅާފައިވާ ގަރާރާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ނަފްސާނީ ސިއްހަތާ ގުޅޭ ވަށާ ޖެހޭ ސިޔާސަތެއް ގާއިމް ކުރުމަށް ހުށަހަޅާފައިވާ ގަރާރެވެ.

މި ދެ ގަރާރު ވެސް މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ދައުލަތުން ކުއްޔަށް ކުރާ ހަރަދު ކުޑަކުރަން ގޮވާލާ ގަރާރު

މެންބަރު މުއިއްޒު ހުށަހެޅުއްވި މި ގަރާރު ދިރާސާކުރަން ފޮނުވާފައިވަނީ މާލިއްޔަތު ކޮމިޓީއަށެވެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ކުއްޔަށް ހިފަން ދައުލަތުން އަހަރަކު 102 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އޭގެ ބަދަލުގައި ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންތައް ދައުލަތުގެ އިމާރާތްތަކަށް ބަދަލުކުރަން ގަރާރުގައި ގޮވާލާފައިވެ އެވެ.

ކުލީގެ ގޮތުގައި ދައުލަތުން އެހާ ގިނަ ފައިސާ ހަރަދުވާއިރު އެކަން ބަދަލުކުރުމުގެ ޕްލޭނެއް އޮތް ކަމަށް ނުދެކޭ ކަމަށާއި ނުބައި އާދައެއް ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ފައިސާ އިސްރާފުވެ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

ނަފްސާނީ ސިޔާސަތު ވަށާ ޖައްސާ ގަރާރު

އިޖުތިމާއީ ކޮމިޓީއަށް ފޮނުވި މި ގަރާރުގައި ވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގަރާރުގައި ހިމަނާފައިވާ ކަންކަން ވެސް ހިމެނޭ ގޮތަށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ރާއްޖޭގައި ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

ގަރާރުގައި ވަނީ، ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ނުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެ މީހުން ތަހައްމަލު ކުރަމުންދާ ވޭނާއި ތަކުލީފުތަކަށް ލުޔެއް ނުލިބި ގިނަ ބަޔަކު އުމުރުގެ ބޮޑު ބައެއް ވެއަތަކުރަމުންދާ ކަމަށް ބެލެވޭ ސަބަބުތައް ދިވެހި މުޖުތަމައުން ފާހަގަވަމުންދާ ކަމަށެވެ.

ނަފުސާނީ ހިދުމަތްތަކާއި ފަރުވާ ދެވޭނެ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށް އޭގައި ފާހަގަކޮށްފައި ވެ އެވެ. އަދި ރާއްޖޭގެ އާބާދީއާ އެކަށޭނެ ވަރަކަށް އެ ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށް ވެ އެވެ. އޭގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު އައިޖީއެމްއެޗްގައި ވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޮޑު ކިއޫއެއް އޮންނަ އިރު ފަރުވާއަށް އެދޭ މީހުންނަށް އެކަށީގެންވާ އަވަސް މިނެއްގައި ފަރުވާގެ ފުރުސަތު ނުލިބޭކަން ފާހަގަކުރި އެވެ.