27 ފެބުރުވަރީ 2023 - 09:38 0
މުހައްމަދު ވިޝާމް
ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފައިލް ފޮޓޯ: މަޖިލިސް
27 ފެބުރުވަރީ 2023 - 09:38 0
ފަހަކަށް އައިސް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން ކަސްޓަމަރުންނަށް ނޭނގި ފައިސާ ނަގަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަކަރާއި ހީލަތުން ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ހޯދައިގެން އެކައުންޓުގައި ހުންނަ ފައިސާ ކެނޑޭ މައްސަލަ ވަނީ އާންމުވެފަ އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ރާއްޖޭގައި އެހެން ގިނަ ބޭންކުތަކެއް ހިންގަމުންދާއިރު، މި މައްސަލަ ހަމައެކަނި ބީއެމްއެލްއަށް ދިމާވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އަދި ބީއެމްއެލްގެ ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ހޯދައިގެން، އޮޅުވާލައިގެން އެކި އެކައުންޓުތަކުން ފައިސާ ނަގަމުންދާއިރު، އެކަން ރިޕޯޓު ކުރިޔަސް، އެ ފައިސާ އަނބުރާ ނުހޯދި، ގިނަ ބަޔަކަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.
އެހެންކަމުން، ނަޝީދު ހުށަހެޅުއްވި އެ ކުއްލި މައްސަލައިގައި ވަނީ މިކަން ހައްލުކޮށްދިނުމަށް ބީއެމްއެލްގެ އިތުރުން ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މި ކުއްލި މައްސަލައިގައި މިހާރު ކުރިއަށްދާ ބަހުސްގައި، ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލެމުންދަނީ ޓެކްނޮލޮޖީ މައްސަލައަކުން ކަމަށް ގަބޫލުކުރަން ދަތި ކަމަށް ބައެއް މެމްބަރުން ވިދާޅުވެ ވަނީ، މިކަމުގައި ބީއެމްއެލްގެ މުވައްޒަފުން ޝާމިލުވާކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ދިނުމުގެ ފުރިހަމަ ޒިންމާ ބީއެމްއެލްއިން ނަގަންޖެހޭނެ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަ މިހާރު ވެސް މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ބައެއް ކަސްޓަމަރުންގެ ކްރެޑިޓު ކާޑުތަކުން މުއާމަލާތްތައް ކޮށްފައިވަނީ ބޭރުގެ މާޗެންޓެއްގައި ހުރި ޑޭޓާ ވަގަށް ނަގައިގެން ކަމަށާއި އެފަދަ ހާލަތްތަކުގައި ގެއްލޭ ފައިސާ އަނބުރައި ހޯދައިދޭނެ ކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފަ އެވެ.
މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތަކުގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ އީމެއިލްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިން ޕާސްވޯޑް ބަދަލުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment