27 ފެބުރުވަރީ 2023 - 09:10 0
އައިޝަތު އަހުމަދު
27 ފެބުރުވަރީ 2023 - 09:10 0
ކުރު މުއްދަތަށް އަދި ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުޑަކުދިން ގެންގުޅުމުގެ ގަވާއިދު "ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ގަވާއިދު" މިއަދު އާންމުކޮށްފި އެވެ.
މި ގަވާއިދަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމްކުރަންޖެހޭ ކުޑަކުދިންގެ ރެސިޑޭންޝަލް މަރުކަޒުތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި އުސޫލުތައް ބަޔާންކުރުމުގެ ގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ މަގުސަދަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުދިން ބޭތިއްބުމަށް ދައުލަތުން ޖެންޑާ މިނިސްޓްރީގައި ގާއިމު ކުރަން ޖެހޭ ރެޒިޑެންޝަލް މަރުކަޒުތައް އުފައްދައި ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
އަދި އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިން މަރުކަޒުތަކުގައި ތިބޭއިރު އެ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ހަރުދަނާ ނިޒާމެއް އެކުލަވައިލުމާއި އެ މަރުކަޒުތަކުން ކުދިންނަށް ލިބެންޖެހޭ ހިދުމަތްތައް ކަނޑައެޅުން ވެސް މި ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އެ ކުދިންގެ އުމުރާއި ޖިންސާއި، އިޖުތިމާއީ ގޮތުން ބިނާކުރުވަނިވި އަދި މުޖުތަމައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުވަނިވި އިޖުތިމާއީ، އަދި ޖިސްމާނީ ގޮތުން އަޅައިލުމާއި ރައްކާތެރިކަން މަރުކަޒުތަކުގެ މާހައުލުގެ ތެރެއިން ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުން ވެސް މި ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.
މި ގަވާއިދު ހިންގުމުގައި މިނިސްޓްރީގެ މަސްއޫލިއްޔަތާއި ޒިންމާތަކެއް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން އެފަދަ މަރުކަޒުތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމާއި، މަރުކަޒުތަކުގައި ތިބޭ ކުދިންގެ ހައްގުތައް ކަށަވަރުކުރުން ފާހަގަކޮށްފައިވެ އެވެ.
އަދި އެ މަރުކަޒުތަކުގައި ތިބޭ ކުދިންނަކީ ހެޔޮ ގޮތުގައި އަނބުރާ މުޖުތަމައުއަށް އާދެވޭނެ ފަދަ ކުދިންތަކަކަށް ހެދުމަށް ފަރުވާގެ ޕްރޮގްރާމް ކަނޑައެޅުން ވެސް ގަވާއިދުގައި ފާހަގަކޮށްފައިވެ އެވެ.
ކުރު އަދި ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭ ކުދިން ގެންގުޅުމުގެ ގަވާއިދެއް އެކުލަވާލާފައިވާއިރު، މިހާރު ވެސް އެފަދަ ކުދިން ބަލަހައްޓަމުން ދަނީ އެއްތަނެއްގަ އެވެ.
Comment